ޚަބަރު

އަސާސީ ޚިދުމަތްތަކަށް ދިން ލުޔާއެކު ޒަމާންވީ ތަކުލީފްތަކަށް ނިމުމެއް


  • ސޯޝަލް ހައުސިންގެ އަގުވަނީ ބޮޑުތަކުން ކުޑަކޮށްދެއްވާފައި

  • ކޯވިޑް ރިލީފް ލޯނުތަކުގެ އިންޓްރެސްޓް ކުޑަކޮށްދެއްވި

  • މީގެކުރިން ނުލިބޭ ބޮޑެތި ލުއިތައް މި ރަމަޟާން މަހު ވަނީ ދީފައި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރު ފަށްޓަވާ މި ވޭތުވެ ދިޔަ 5 މަސް ދުވަހަކީ ރައްޔިތުންނަށް އެތައް ލުއި ފަސޭހަތަކެއް ގެނެސްދިން ފަސް މަސްދުވަހެވެ. ދައުރުގެ އެންމެ ކުރީކޮޅު އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވީ، ސަރުކާރުގެ މަސައްކަތްތައް ބައްޓަންކުރެއްވުމުގައި ފަރުދީގޮތުން ރައްޔިތުންނަށް ލުއިފަސޭހަ ހޯއްދަވައިދެއްވުމަށެވެ. ރައްޔިތުންގެ މާލީ ބުރަ ކުޑަކޮށްދެއްވުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެންމެ ފުރަތަމަ ނިންމެވި އެންމެ ބޮޑު އެއް ނިންމެވުމަކީ ސަރުކާރުން ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ޔުނިޓްތަކަށް ރައްޔިތުން ދައްކަމުން އައި ކުލިން ލުޔެއް ދެއްވުމެވެ. އެގޮތުން ހިޔާ މަޝްރޫޢުގެ ކުލި 7 އަހަރަށް ކުޑަކޮށްދެއްވުމުގެ އިތުރުން، ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް ގޭބިސީއަކުން އެވަރެޖްކޮށް ޚަރަދުކުރި 2 ލައްކައެއްހާ ރުފިޔާގެ ބަދަލުވެސް ލިބޭގޮތަށް ކުލި ދެއްކުމުގެ އުސޫލު ބަދަލުކުރެއްވިއެވެ. މި ފްލެޓްތަކަށް ކުރިން 7000 އިން މަތިން ދައްކަމުން އައި ކުލި މިހާރު ވަނީ 3984 ރުފިޔާއަށް ކުޑަކޮށްދެއްވާފައެވެ.

ހަމަމިއާއެކު މާލެ ސަރަޙައްދުން އެންމެ ފަހުން ދުކުރި ފްލެޓްތައް، ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓް %50 ކުޑަކޮށް މަހު ކުލިން 4200އެއްހާ ރުފިޔާ ވަނީ ކުޑަކޮށްދެއްވާފައެވެ.

އެމަނިކުފާނު ކުލިން ލުއިދެއްވީ ހަމައެކަނި މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަކަށް އެކަންޏެއް ނޫނެވެ. އަތޮޅުތަކުން ދޫކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ ކުލިވެސް 3330 ރުފިޔާއަށް ކުޑަކޮށްދެއްވިއެވެ.

މިއީ އިޖުތިމާޢީ ބޯހިޔާވަހިކަން އޭގެ އެންމެ ޙައްގުވެރި ފަރާތްތަކަށް، އެމީހުންގެ އާމްދަނީއާއި އެކަށީގެންވާ މިންވަރަށް އަގު ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔަ ނިންމެވި ވަރަށް މުހިންމު ނިންމެވުމެކެވެ.

ލޯނު އިންޓްރެސްޓް އެއްކޮށް މަޢާފްކޮށްދިން

2020ވަނަ އަހަރު ކުރިމަތިވި ކޯވިޑްގެ ނުތައްކާތެރި ވަބާގައި އެ ދަތި އުނދަގޫ ޙާލަތުން އަރައިގަތުމަށް ވިޔަފާރިތަކަށް ދޫކުރި ލޯނުތައް އަނބުރާ ސަރުކާރަށް ދެއްކުމުގައިވެސް ލުއިގޮތްތަކެއް ރައީސްވަނީ ނިންމަވާފައެވެ.

ކޯވިޑް-19އާއި ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް "ރިކަވަރީ ލޯނު ސްކީމް"ގެ ދަށުން 352.8 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ މުދާ ވިއްކުމުގެ ވިޔަފާރިކުރާ ފަރާތްތަކަށެވެ. އެގޮތުން އެދާއިރާގައި ހަރަކާތްތެރިވާ 846 ފަރާތަކަށްވަނީ 201.1 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

މި ލޯނުތަކަށް އިންޓްރެސްޓްގެ ގޮތުގައި ދަޢުލަތަށް ދައްކަން ޖެހޭ ފައިސާ މުޅިން މަޢާފުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. ލޯނުގެ ގޮތުގައި ނެގި ފައިސާގެ އަދަދު ފިޔަވާ، އިންޓްރެސްޓްގެ ގޮތުގައި އެކި ފަރާތްތަކުން މިހާތަނަށް ދެއްވި ފައިސާވެސް އަނބުރާ އެ ފަރާތްތަކަށް އިއާދަކޮށްދެއްވުމަށް ވަނީ ނިންމަފާއެވެ. މިއާއެކު މިހާތަނަށް ލޯނުތަކަށް އިންޓްރެސްޓްގެ ގޮތުގައި ދެއްކި ފައިސާ އެ ފަރަތްތަކަށް ސަރުކާރުން އަނބުރާ ދައްކާނެވެ. އަދި ލޯނުގެ ގޮތުގައި ނެގި ފައިސާ އަނބުރާ ދައްކަންޖެހޭ މުއްދަތު ވަނީ 10 އަހަރަށް އިތުކޮށްދެއްވާފައެވެ.

ހަމަމިއާއެކު ކޯވިޑާގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެޗްޑީއެފްސީން ނަގާފައިވާ ހައުސިންގ ލޯނުގެ އިންޓްރެސްޓްވެސް މަޢާފްކޮށްދެއްވީއެވެ. އެ ލޯނު ނެގި ފަރާތްތަކަށް އޭރު މޮރިޓޯރިއަމްއަކުން ލޯނު ދެއްކުން ފަސްކޮށްދިންނަމަވެސް އިންޓަރެސްޓް އިންތިހާއަށް ބޮޑުވެފައިވެއެވެ.

"އެވެސް މަޢާފްކޮށްދޭނެކަމަށް އެސަރުކާރުން ވާހަކަދެއްކި. އަޅުގަނޑުމެން މިހާރު އެ މަސައްކަތްވެސް ކޮށްފިން. އިދާރީ ހުރިހާ މަސައްކަތްތަކެއް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މިއީ އިޤްތިޞާދީ ޙާލަތު ރަނގަޅުކޮށް އާއްމުންގެ ފުދުންތެރިކަން އިތުރުކުރެއްވުމަށް އެމަނިކުފާނު ނިންމެވި ވަރަށް ހަރުދަނާ ނިންމެވުމެވެ.

ކަރަންޓާ ފެންބިލު ބޮޑެއް ނުވޭ، ދިނީ ޑިސްކައުންޓު

އާއްމުގޮތެއްގައި ކޮންމެ އަހަރެއްގެ ރަމަޞާންމަހަކީ ރައްޔިތުންގެ އަތްމަތި ދަތި، ބުރަ ދުވަސްވަރެކެވެ. ފެނާއި ކަރަންޓުފަދަ އާއްމު ޚިދުމަތްތަކާއި ކާބޯތަކެތި ހޯދުމަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭ މަހެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ރަމަޟާންމަހު ރާއްޖޭގެ ކޮންމެ ގޭބިސީއެއްގެ ޔުޓިލިޓީ ބިލްތައް، އެވަރެޖްކޮށް އާއްމު މަސްތަކާ އެއްހަމައެއްގައި ހިފަހައްޓަވައިދެއްވާ "ރަމަޟާން ޑިސްކައުންޓް" ބިލުތަކުން ދެއްވާފައެވެ. އެގޮތުން ގޭބިސީތަކުން ބިލްކޮށްފައިވަނީ، އާއްމު މަސްތަކުގައި ބިލްތަކަށް އަރާ ވަރުގެ އެވަރެޖް ޢަދަދެކެވެ. މިއީ ސަރުކާރުން ސަބްސިޑައިޒްކޮށް، ނިންމެވި ވަރަށް މުހިންމު ނިންމެވުމެކެވެ.

އެހެން އަހަރުތަކުގައި ކާބޯތަކެތީގެ އާއްމު ބާވަތްތަކުގެ އަގު ބޮޑުވެގެން ނުވަތަ ލިބުން ދަތިވެގެން ރައްޔިތުން ކުރަމުންދިޔަ ޝަކުވާތަކުގެ އަޑު މިއަހަރު މުޅިން މަޑުވެއްޖެއެވެ. ރަނގަޅު އިންތިޒާމެއްގެދަށުން އެސްޓީއޯގެ އެހީތެރިކަމާއެކު، މުޅި ރޯދަމަހަށް ބޭނުންވި އާއްމު ކާބޯތަކެތީގެ ބާވަތްތައް ގެނެސް މާކެޓުގައި އަގުހެޔޮކޮށް ލިބޭނެ ގޮތް ހަމަޖެއްސެވިއެވެ.

ރޯދައިގެ ފަހު 10 ބަންދު، އެންމެން އަޅުކަމުގައި

މީގެ ކުރިން ރަމަޟާންމަހުގެ ފުރަތަމަ ދުވަސްފިޔަވާ ކޮންމެ ދުވަކަކީވެސް ސަރުކާރުގެ މަސައްކަތް ދުވަހެކެވެ. ރަމަޟާންމަހުގެ މަސައްކަތު ނުވަތަ ރަސްމީ ގަޑި ކުރުވުން ފިޔަވާ މުވައްޒަފުންނަށް ލިބޭ ލުޔެއް ނޯވެއެވެ. ފަހު 10ގައިވެސް އެ މުވައްޒަފުން އޮފީހަށް ނިކުމެ މަސައްކަތްކުރެއެވެ.

މިއަހަރުގެ ރަމަޟާންމަހަކީ ފަހުގެ ތާރީޚެއްގައި ފެނުނު އެންމެ ބޮޑު ބަދަލެއް ރައްޔިތުންނަށް އިޙްސާސް ކުރެވުނު ރަމަޟަންމަހެވެ. ރަމަޟާން މަހުގެ ފަހު ދިހައިގައި ސަރުކާރުގެ އޮފީސްތައް ބަންދުކުރިއެވެ. ފަހު 10 އަޅުކަމުގައި މަސްޢޫލުވެ އުޅުމަށް ފުރުޞަތު ދިނެވެ. މިއީ އަޅުކަމުގައި ޝާމިލުވެ އުޅުމާއި އާއިލާއާއެކު ހިތްހަމަޖެހޭ ވަގުތެއް ހޭދަކޮށްލުމުގެ ފުރުޞަތު ދިނުމުގެގޮތުން ރައީސުލްޖުމްހޫރިއްޔަ ނިންމެވި ނިންމެވުމެކެވެ.

މިއާއެކު އެތައް ބަޔަކު އުފަން ރަށަށް ގޮސް، އާއިލާއާއެކު ރަމަޟާން މަސް ހޭދަކޮށްލުމުގެ ފުރުޞަތު ވަނި ލިބިގެންގޮސްފައެވެ. އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރަން ފުރުޞަތު ލިބުނެވެ.

ގިނަ މުވައްޒަފުންނަށް އޮފީހަށް ނުނިކުމެ ލިބުނު ލިއިގެ އިތުރުން ކޮންމެހެން މުހިންމު ޚިދުމަތްތައް ދިނުމަށް އޮފީހަށް ނިކުންނަންޖެހޭ މުވައްޒަފުންނަށް ޚާއްސަ އެލަވަންސްއެއް ދެއްވުމަށް ނިންމެވިއެވެ.

ރަމަޟާންމަހުގެ ފަހު 10 ބަންދުކުރުމުގެ ކުރިން ރައީސް ވަނީ ކޮންމެ ގޭބީސީއަކަށް ކަޑުގެ ބާވަތްތައް ހަދިޔާކޮށްފައެވެ. މިއީވެސް ރައްޔިތުންގެ ޚަރަދަށް ލިބުނު ލުޔެކެވެ.

ސްޓިކާ މަޢާފްކޮށްދީ ޒުވާނުންނަށް ލުޔެއް

ރައްޔިތުންނަށް ލުއިފަސޭހަކޮށްދެއްވުމަށް އެމަނިކުފާނު ނިންމެވި ނިންމެވުމުގެތެރޭގައި ޕާކިން ޖޫރިމަނާގެ ގޮތުގައި 5 ސެޕްޓެންބަރުން 2023އިން ފެށިގެން 16 ނޮވެންބަރާއި ހަމައަށް ކޮށްފައިވާ 2.8 މިލިއަން ރުފިޔާގެ ޖޫރިމަނާ ވަނީ މަޢާފުކޮށްދެއްވާފައެވެ. މިއީ މާލެ ތޮއްޖެހި ޕާކުކޔުރާނެ ޖާގަ ނެތްކަން ދަނެ ޒުވާނުންނަށް ރައިސް ދެއްވި ބޮޑު ލުޔެކެވެ. ޕާކިން މައްސަލަ ހައްލުކުރެއްވުމަށް ޚާއްސަ ސިޔާސަތުތައް އެކުލަވާލާ އެމަގުން ދަނީ މަސައްކަތްކުރަމުންނެވެ.

ސްޓިކާ މަޢާފްކޮށްދިނުމުން އެތައް ޒުވާނުނެއްގެ ބޮލުގައި އެޅިފައި އޮތް ބޮޑު ބުރައަށް ލުޔެއް ލިބުނީއެވެ. ޒުވާނުންނަށް ލިބިގެން ދިޔައީ ހިތްހަމަޖެހުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސަރުކާރުގެ މަސައްކަތްތައް ބައްޓަންކުރައްވާފައިވަނީ އެކަންކަމުގެ ލުއިފަސޭހަކަށް ސީދާ ރައްޔިތުމީހާއަށް ލިބޭގޮތަށެވެ. މިހާރު ދެއްވާ ލުއިތަކާއި ޚަރަދުތައް މަޢާފުކޮށްދެއްވުމުގެ އިތުރުން، ޚިދުމަތްތައް ދިނުމުގެ އުސޫލުތައްވެސް ރައްޔިތުންނަށް އެންމެ މަންފާ ބޮޑުވާނެހެން ދަނީ ބައްޓަންކުރައްކުރައްވަމުންނެވެ.