އޮކްޓޫބަރު 7ގައި ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގެ ތެރެއިން ހައްޔަަރަށް ގެންގޮސް, ޖަލަށް ލާފައިވާ މުސްލިމުންނަށް ޔަހޫދީ ފައުޖުން ލާއިންސާނީ އަނިޔާތަކާއި އިންސާނިއްޔަތާ ޚިލާފު އަދަބުތައް ދެމުންދާ ކަން ހާމަވެއްޖެއެވެ. މީގެ ކުރިން ވެސް މި ކަމުގެ ރިޕޯޓުތައް ކޮށްފައިވާއިރު, ޔަހޫދީންގެ ޖަލުތަކުން ދާދި ފަހުން މިނިވަން ކުރި 150 މީހުން ބުނީ, ޖަލުތަކުގައި އެ މީހުންނަށް ލާއިންސާނީ އަނިޔާތަކާ ކުރިމަތި ކުރުވާފައިވާ ކަމުގައެވެ.
ޔަހޫދީންގެ ހައްޔަރުން އެންމެ ފަހުން ދޫކޮށްލި ގިނަ މީހުން މިނިވަން ކުރުމުން ފުރަތަމަ އެ މީހުން ގެންދަން ޖެހުނީ ހަސްފަތާލުތަކަށެވެ. މިނިވަން ކޮށްފައިވާ މީހުންގެ ތެރޭގައި ފަލަސްޠީނުގެ ރެޑް ކްރެސެންޓުގެ ދެ ޞިއްޙީ ޚިދުމަތްތެރިން ވެސް ހިމެނެއެވެ. އެ ދެ މީހުން މިނިވަން ކޮށްފައި ވަނީ 50 ދުވަހު ޖަލުގައި ބާއްވައި, ބޮޑެތި އަނިޔާތަކެއް ދިނުމަށް ފަހުއެވެ.
"އަޅުގަނޑު ޖަލަށް ގެންދިޔައިރު އަޅުގަނޑުގެ ދެފައި ސަލާމަތުން ހުރި. ނަމަވެސް, އެނބުރި އަންނަން މި ޖެހުނީ އެއްފައި ބުރިކޮށްލައިގެން. އަޅުގަނޑުގެ އެއް ފަޔަށް ލިބިފައިވާ ޒަޚަމުތަކަކަށް ފަރުވާ ދޭން ޔަހޫދީ ސިފައިން ވަނީ ދެކޮޅު ހަދާފައި. އެންމެ ފަހުން ހަސްފަތާލަށް ގެންދިޔުމުން ފައި ޖެހުނީ ބުރިކޮށްލަން،" ޔަހޫދީންގެ މިނިވަން ކުރި އެކަކު ކަމުގައިވާ ސުފިޔާން އަބޫ ޞަލާޙް ބުންޏެވެ.
42 އަހަރުގެ އަބޫ ޞަލާޙް ޔަހޫދީ ފައުޖުގެ ހައްޔަރަށް ގެންގޮސްފައި ވަނީ މަދަރުސާއެއްގެ ތެރޭގައި އޭނާގެ ޢާއިލާއާ އެކު ދިރިއުޅެމުން ދަނިކޮށެވެ. އޭނާގެ ޢާއިލާއިން މަދަރުސާއަށް ދިރިއުޅުން ބަދަލު ކޮށްފައި ވަނީ, ޔަހޫދީ ފައުޖުން ބޮންއަޅައި, އޭނާގެ ޢާއިލާ ދިރިއުޅެމުންދާ ގެ ސުންނާފަތިކޮށް, ބިމާ ހަމަކޮށްލުމާ ގުޅިގެންނެވެ. އެއީ, ފެބުރުވަރީ މަހުއެވެ.
ފަލަސްޠީނުގެ ހައްޔަރީންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާ, ޕަލަސްޓީނިޔަން ޕްރިޒަނަރޒް އެސޯސިއޭޝަނުން ބުނީ, ޣައްޒާއާއި ހުޅަނގު އައްސޭރިން ޔަހޫދީ ފައުޖުންގެ ހައްޔަރަށް ގެންގޮސްފައިވާ މީހުންގެ ޢަދަދު 9,100އަށް އުފުލިފައިވާ ކަމުގައެވެ. އެއީ, އޮކްޓޫބަރު 7ގެ ކުރިން ޔަހޫދީން ހައްޔަރު ކޮށްފައިވާ މީހުންގެ ޢަދަދެވެ. އެއަށްފަހު, ޔަހޫދީން ހައްޔަރު ކޮށްފައިވާ ފަލަސްޠީނުގެ މުސްލިމުންގެ ޢަދަދު ސާފެއް ނޫނެވެ. ނަމަވެސް, އެ ޢަދަދު ވެސް ހާހުން ގުނައިލެވޭނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.
އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ފަލަސްޠީނުގެ އަދި ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ބުނީ, ޔަހޫދީ ފައުޖުން ހައްޔަރަށް ގެންގޮސް, ޖަލަށް ލާފައިވާ ފަލަސްޠީނުގެ ރައްޔިތުންނާ މެދު ވަރަށް އިހާނެތިކޮށް އަމަލު ކުރަމުންދާ ކަމާއި, އެ މީހުންނަށް ލާއިންސާނީ އަނިޔާތައް ދެމުންދާ ކަން ހާމަވާ ކަމުގައެވެ.
2023 ވަނަ އަހަރުގެ ޑިސެންބަރު މަހު, އދގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާއިން ވެސް ވަނީ, ޔަހޫދީންގެ ޖަލުތަކުގައި ފަލަސްޠީނުގެ މުސްލިމުންނަށް އިންސާނިއްޔަތާ ޚިލާފު އަދަބުތައް ދެމުންދާ ކަން ހާމަ ކޮށްފައެވެ. އަދި, އެއްވެސް ސަބަބަކާ ނުލައި, ފަލަސްޠީނުގެ ރައްޔިތުން ގެއްލުވައިލާފައިވާ ކަމުގެ ޝަކުވާތަކާއި ހެކި ލިބިފައިވާ ކަމުގައެވެ.
ޖަލުތަކުގެ ހާލަތު ވަޒަން ކުރުމަށް ވެސް ޔަހޫދީ ފައުޖުން ދަނީ ހުރަސް އަޅަމުންނެވެ. ރެޑް ކްރޮސުން ބުނީ, އޮކްޓޫބަރު މަހަށް ފަހު, ޔަހޫދީންގެ ޖަލުތަކަށް ޒިޔާރަތް ކުރުމަށް އެ ޖަމާޢަތުގެ ޞިއްޙީ ޚިދުމަތްތެރިންނަށް ޔަހޫދީ ފައުޖުން ހުރަސް އަޅާފައިވާ ކަމުގައެވެ. މިއީ, ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ހިންގަމުންދާ ހަނގުރާމައިގެ ކުށެކެވެ.
"އަޅުވެތި ކޮށްފައިވާ ބިމަކުން ހައްޔަރު ކުރާ ކޮންމެ މީހަކަށް 1949 ވަނަ އަހަރުގެ ޖެނީވާ ކޮންވެންޝަނުން ހިމާޔަތްދޭ. އެ ފަަދަ ތަނަކުން މީހަކު ހައްޔަރަށް ގެންގޮސްފި ނަމަ, އެ ކަމުގެ މަޢުލޫމާތު ރެޑް ކްރޮސްއާ ހިއްސާ ކުރަން ޖެހޭނެ. އަދި, އެ މީހުންނަށް ޒިޔާރަތްކޮށް, އެ މީހުންގެ ހާލަތު ވަޒަން ކުރުމުގެ ފުރުޞަތު ބައިނަލްއަޤުވާމީ ޤާނޫނުން ރެޑް ކްރޮސަށް ލިބިދީފައިވޭ،" އެ ޖަމުޢިއްޔާއިން ބުންޏެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 33,843އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އަށްވުރެ ގިނަ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 76,575އަށް އުފުލިފައެވެ.