ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ: މެޓު


  • ކުރިއަށް އޮތް 24 ގަޑިއިރު ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ

  • ހުރިހާ ހިސާބަކަށްވެސް އާދައިގެ ވަރަކަށް ކަނޑުތައް މަޑުވާނެ

  • މެދު ރާއްޖެ ތެރެއަށް ވަނީ ރީނދޫ ސަމާލު ނެރެފައި

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

އެ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރިނަމަވެސް ވައި މަޑުވާނެކަމަށެވެ. އެގޮތުން ވައި ޖެހޭނީ 5 މޭލާއި 15 މޭލުގެ ބާރުމިނެއްގައި ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އާދައިގެ ވަރަކަށް ކަނޑުތައް މަޑުވާނެކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފޫޓާ ދެމެދުގައިކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން މަޢުލޫމާތު ދެއްވައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މިރޭގެ 8:45އިން ފެށިގެން 12:45އާ ހަމައަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ރީނދޫ ސަމާލެއްވެސް ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ ޅ އަތޮޅުން ފެށިގެން މ އަތޮޅާ ދެމެދުގައި ހުރި އަތޮޅުތަކުގެ ރަށްތަކަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދަނީ ދެމޫސުން ބެދޭތީކުރާ ވިއްސާރައެވެ.

މިމަހުގެ 18އިން ފެށިގެން ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެކަމަށާއި ދެކުނާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރުކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.