އިންޑިޔާގެ ބާރުގެ ދަށުގައި އޮތް ކަޝްމީރުގެ ކޯރެއްގައި ދަތުރު ކުރަމުން ދިޔަ ބޯޓެއް ބަންޑުން ޖަހައިލައި ހަތަރު މީހުން މަރުވެއްޖެއެވެ. ސްރީނަގަރް ސްޓޭޓްގެ ޖޭލަމް ކޯރުގައި ދަތުރު ކުރަމުންދިޔަ ބޯޓު ބަންޑުން ޖަހައިލި ހާދިސާގައި އިތުރު 15 މީހަކު ވަނީ ކޯރުގެ ތެރެއަށް ވެއްޓި ގެއްލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.
މި ހާދިސާގައި ގެއްލިފައިވާ 15 މީހުންގެ ތެރޭގައި މަދަރުސާއަށް ދިޔުމަށް ދަތުރު ކުރަމުން ދިޔަ ދަރިވަރުން ހިމެނޭއިރު, އެ ކުދިން ހޯދުމަށް އޮފިޝަލުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ފާއިތުވި ދުވަސްތަކުގައި ހިމާލަޔާ ސަރަޙައްދަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން ޖޭލަމް ކޯރުގެ ފެންގަނޑު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އަދި, ކޯރުގައި ފެން ދެމޭ ދުވެލި ވަނީ ބާރުވެފައެވެ.
ސްރީނަގަރު ސްޓޭޓްގެ މެޖިސްޓްރޭޓް ބިލާލް މުހިއްޔުއްދީން ވިދާޅުވީ, ކޯރަށް ވެއްޓި ގެއްލުނު މީހުން ހޯދައި ސަލާމަތް ކުރުމާއި, މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުމަށް އޮފިޝަލުން ޓީމުތަކުން މިހާރު ހަރަކާތްތެރިވަމުންދާ ކަމުގައެވެ. އަދި, މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ.
އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި މަދަރުސާތަކުގެ ދަރިވަރުން, ބޯޓުތަކުގައި ޖޭލަމް ކޯރު ހުރަސް ކުރަނީ, ކާރޫބާރޫ ބޮޑު ޓްރެފިކުން ސަލާމަތްވުމަށެވެ. މި ހާދިސާ ހިނގާފައިވާ ސަރަޙައްދަކީ މަގުމަތީގެ އެކްސިޑެންޓުތައް ގިނަ ސަރަޙައްދެއް ނަމަވެސް, އެ ސަރަޙައްދުގައި ބޭނުން ކުރާ ފަސިންޖަރުން އުފުލާ ބޯޓު ފަހަރާ ގުޅޭ މި ފަދަ ހާދިސާތައް މަދެވެ. ނަމަވެސް, ހުއްދަ އޮތް މިންވަރަށް ވުރެ އިތުރަށް ފަސިންޖަރުން އުފުލުމަކީ ޢާންމުވެފައިވާ ކަމެކެވެ.
ހުސްވި އަހަރު އިންޑިޔާގެ ދެކުނުގައި އޮންނަ ކެރަލާ ސްޓޭޓްގެ ކޯރެއްގައި 30 ފަސިންޖަރުންނާ އެކު ދަތުރު ކުރަމުން ދިޔަ ބޯޓެއް ބަންޑުން ޖަހައިލި ހާދިސާއެއްގައި 22 މީހުން މަރުވިއެވެ. އަދި, 2018 ވަނަ އަހަރުގެ މޭ މަހު, އަންދްރަ ޕްރަދޭޝް ސްޓޭޓްގެ ގޯދާވްރީ ކޯރުގައި ދަތުރު ކުރަމުންދިޔަ ބޯޓެއް ބަންޑުން ޖަހައިލައި 30 މީހުން މަރުވިއެވެ.