ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމާއި, އެ ޤައުމަށް އދގެ މެންބަރު ކަން ދިނުމާ މެދު އދގެ ސަލާމަތީ މަޖިލީހުގައި ނެގި ވޯޓަށް އެމެރިކާއިން ހުރަސް އަޅައިފިއެވެ. އދގެ މެންބަރު ކަން ހޯދުމަށް އެދި ފަލަސްޠީނުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ގޮތެއް ނިންމުމަށް ސަލާމަތީ މަޖިލީހަށް ހުށަހަޅާފައި ވަނީ އެ މަޖިލީހުގެ ޚާއްޞަ ކޮމިޓީއަކުންނެވެ. އެ ކޮމިޓީއަށް މި މައްސަލަ އަލުން ހުށަހަޅާފައި ވަނީ މި ހިނގާ އޭޕްރިލް މަހު އެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ މޯލްޓާއިންނެވެ.
މި ކަމާ ގުޅޭ ގޮތުން ނެގި ވޯޓަށް އެ މަޖިލީހުގެ 12 މެންބަރުންގެ ތާޢީދު ލިބުނެވެ. ނަމަވެސް, އެމެރިކާއިން ވަނީ ވީޓޯގެ ބާރު ބޭނުންކޮށް, އެ ކަން ފޭލު ކޮށްލާފައެވެ. އިނގިރޭސިވިލާތާއި ސްވިޓްޒަލެންޑުން ވޯޓުގައި ބައިވެރިއެއް ނުވެއެވެ. ވީޓޯކޮށް, ފަލަސްޠީނުގެ މުސްލިމުންގެ އުންމީދުތައް ބޮލާލާ ޖެހުމަށް ފަހު އެމެރިކާއިން ބުނީ, ފަލަސްޠީނުގެ ބިންތަކުގައި މުސްލިމުންނާއި ޔަހޫދީންގެ މިނިވަން ދެ ދަޢުލަތް ގާއިމު ކުރުމަކީ އެ ޤައުމުން ބޭނުންވާ ކަމެއް ކަމުގައެވެ.
"[ފަލަސްޠީނާއި ޒަޔަނިސްޓު އިސްރާއީލުގެ] ދެ ދަޢުލަތް ގާއިމު ކުރުމަށް އެމެރިކާއިން ތާޢީދު ކުރޭ. [ފަލަސްޠީނަށް އދގެ މެންބަރުކަން ދިނުމާ ގުޅޭ] ވޯޓާ ދެކޮޅު ހެދުމަކީ, ފަލަސްޠީނުގެ މިނިވަން ކަމަށް ދެކޮޅު ހެދުމެއް ނޫން. އެއިން ދޭހަ ކޮށްދެނީ, ދެ ފަރާތުގެ މެދުގައި މަޝްވަރާކޮށްގެން ގޮތެއް ނިންމަން އެމެރިކާއިން ބޭނުންވާ ކަން،" އދގެ ސަލާމަތީ މަޖިލީހުގައި އެމެރިކާ ތަމްސީލު ކުރައްވާ މަންދޫބުގެ ނައިބު ރޮބަރޓް ވުޑް ވިދާޅުވިއެވެ.
ފަލަސްޠީނުން ވަނީ, އެމެރިކާގެ ޖައްބާރު އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވިދާޅުވީ, ވީޓޯގެ ބާރު ބޭނުންކޮށް, ފަލަސްޠީނަށް އދގެ މެންބަރު ކަން ދިނުމަށް އެމެރިކާއިން ދެކޮޅު ހެދުމަކީ އެއްވެސް އިންސާފެއް ނެތް އަމަލެއް ކަމުގައެވެ. އަދި, އެ ކަމަށް އުޒުރެއް ދެއްކެން ނެތް ކަމުގައެވެ.
"ފަލަސްޠީނަށް އދގެ މެންބަރު ކަން ދިނުމަށް އެމެރިކާއިން ހުރަސް އެޅި ނަމަވެސް, އަޅުގަނޑުމެންގެ އަޒުމެއް ނުގުޑާނެ. އަޅުގަނޑުމެން ބަލިކަށި ކޮށެއް ނުލެވޭނެ. މިނިވަން ހޯދަން އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް ހުއްޓުވައެއް ނުލެވޭނެ،" އދގައި ހުންނަވާ ފަލަސްޠީނުގެ މަންދޫބު ރިޔާޟް މަންޞޫރު ވިދާޅުވިއެވެ. ޔަހޫދީންގެ ޚާރިޖީ ވަޒީރު ވަނީ އެމެރިކާގެ ޖައްބާރު އަމަލަށް މަރުޙަބާ ކިޔާފައެވެ.
އދގެ މެންބަރު ކަން ހޯދުމަށް އެދި ފަލަސްޠީނުން އަލުން އެންމެ ފަހުން ހުށަހަޅާފައި ވަނީ މި ހިނގާ އޭޕްރިލް މަހުގެ ކުރީކޮޅެވެ. އެ ކަމަށް އެދި ފަލަސްޠީނުން އެންމެ ފުރަތަމަ ހުށަހަޅާފައި ވަނީ 2011 ވަނަ އަހަރުއެވެ. ނަމަވެސް, މިހާތަނަށް ފަލަސްޠީނަށް ދީފައި އޮތީ އޮބްޒަރވަރެއްގެ ދަރަޖަ އެކަންޏެވެ.
ޤައުމަކަށް މެންބަރު ކަން ދިނުމަށް ފާސްވާނީ ސަލާމަތީ މަޖިލީހުގައި ނަގާ ވޯޓަކުންނެވެ. އެ ކަން ފާސްވުމަށް އެ މަޖިލީހުގެ ނުވަ މެންބަރުންގެ ތާޢީދު ބޭނުންވާނެއެވެ. ނަމަވެސް, ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންގެ ތެރޭގައި ހިމެނޭ ފަސް ޤައުމުން ކުރެ ޤައުމަކުން ވީޓޯކޮށްފި ނަމަ, އެ ހުށަހެޅުމެއް ފޭލުވާނެއެވެ.
ފަލަސްޠީނަށް އދގެ މެންބަރު ކަން ދިނުމަށް ނަގާ ވޯޓަށް އެމެރިކާއިން ހުރަސް އަޅާނެ ކަން ކުރިން ވެސް އޮތީ އެނގިފައެވެ. ޒަޔަނިސްޓު އިސްރާއީލުގެ ޔަހޫދީންނާ ދެކޮޅަށް ސަލާމަތީ މަޖިލީހުގައި އެއްވެސް މަސައްކަތެއް ކުރަން އެމެރިކާއިން ފުރުޞަތެއް ނުދޭނެއެވެ. ޔަހޫދީންނާއި ޔަހޫދީންގެ މަސްލަޙަތު ހިމާޔަތް ކުރަން އެޅެން އޮތް ހުރިހާ ފިޔަވަޅެއް އެމެރިކާއިން އަޅާނެއެވެ.
އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ މުސްލިމުން ނެތި ކޮށްލަން ލާއިންސާނީ ޢުދުވާނެއް ހިންގަމުންނެވެ. މި ޢުދުވާން ހިންގުމަށް ބޭނުންވާ ނުރައްކާތެރި މިސައިލްތަކާއި, ބޮންތަކާއި, އެހެނިހެން ހަތިޔާރާއި އަސްކަރީ މަތިންދާބޯޓުތައް ޔަހޫދީންނަށް ފޯރުކޮށްދީގެން އެމެރިކާއިން ދަނީ ޢުދުވާނުގައި ބައިވެރިވަމުންނެވެ. އަދި, ޢުދުވާންތައް ހުއްޓުމަކަށް ގެނައުމަށް އދގެ ސަލާމަތީ މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކަށް ވެސް އެމެރިކާއިން ދަނީ ހުރަސް އަޅަމުންނެވެ.
އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު އޮތީ 34,000އަށް އުފުލުމާ ގާތުގައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. މި ގޮތުން, އެ ޢަދަދު 25,000އަށް އަރާނެ ކަމުގައި އެމެރިކާއިން ބުނެފައިވެއެވެ. އަދި, ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 76,770އަށް އުފުލިފައެވެ.