ޚަބަރު

ކަނޑާއި ވައިގެ މަގުން ކުރި މަސައްކަތުން ގެއްލިގެން ހޯދަމުންދިޔަ ދޯނި ހޯދައިފި


  • ގެއްލިގެން ހޯދަމުންދިޔައީ "ފަރިހި 2" ކިޔާ ދޯންޏެއް

  • ދޯނި ގެއްލިގެން ރިޕޯޓްކުރީ ރޭ 22:06 ހާއިރު

  • މި ދޯނި ފެނިފައިވަނީ ރަތްމަންދޫގެ 23 ނޯޓިކަލް މޭލު ބޭރުން

ގެއްލިގެން ހޯދަމުން ދިޔަ މ. މަޑުއްވަރީ "ފަރިހި 2" ދޯނި، އެމްއެންޑީއެފްގެ ޔޫއޭވީ ޑްރޯނާއި، ކޯސްޓްގާޑުގެ އުޅަނދުފަހަރު ބޭނުންކޮށްގެން ކަނޑާއި ވައިގެ މަގުން ކުރި މަސައްކަތުން ހޯދައިފިއެވެ.

މި ދޯނި ގެއްލިގެން އެމް.އެން.ޑީ.އެފްއަށް ރިޕޯޓްކޮށްފައިވަނީ ރޭ 22:06 ހާއިރުއެވެ. މި ދޯންޏަކީ 3 މީހުންނާއެކު މަހަށް ނިކުތް ދޯންޏެއްކަމަށް އެމް.އެން.ޑީއެފުން މަޢުލޫމާތުދެއެވެ.


އެމްއެންޑީއެފުން ވިދާޅުވީ، މި ދޯނި ފެނިފައިވަނީ މ. ރަތްމަންދޫގެ 23 ނޯޓިކަލް މޭލު ބޭރުންކަމަށެވެ. އަދި، ދޯނި ފެނުނުއިރު ދޯނީގެ އިންޖީނު ހުއްޓިފަައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. މި ދޯނިން ދަތުރުކުރަމުންދިޔަ އެންމެންގެ ޙާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މި އޮޕަރޭޝަންގައި ވަނީ ދިވެހި ސިފައިންގެ ޚިދުމަތަށް މުޅިން އަލަށް ތަޢާރަފުކުރި އާންމޭންޑް އޭރިއަލް ވެހިކަލް ޔޫއޭވީ ބޭނުންކޮށްފައެވެ. އަދި ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީވެސް ބޭނުންކޮށްފައިވެއެވެ.

މި ދޯނި ހޯދުމަށް ކުރި މަސައްކަތުގައި 440 އަކަ ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަހައްދެއް ކަނޑާއި ވައިގެ މަގުން ބަލާފައިވެއެވެ.