ޚަބަރު

ވޯޓުލާ މަރުކަޒުތަކުގެ މަސްލަހަތު ހިފެހެއްޓުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި


  • ވޯޓުލުމުގެ ޙައްގު އަދާކުރާއިރު ސިއްރުކަން ހިފެހެއްޓުމަކީ މުހިންމު ކަމެއް

  • އެންޓި ކެންޕެއިން ނުކުރުމަށް އިލްތިމާސްކުރެއްވި

ވޯޓުލާ މަރުކަޒުތަކުގެ މަސްލަހަތު ހިފެހެއްޓުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން އިލްތިމާސްކުރައްވައިފިއެވެ.

މަޖިލިސް އިންތިޚާބާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި އެޗްއާރުސީއެމްގެ މެންބަރު ޝިފާޢަތު ޢަބްދުއްރައްޒާޤް ވަނީ ވޯޓުލާ މަރުކަޒުތައް މޮނިޓަރކުރުމާއި ވޯޓުލުމުގެ ޙައްޤު އަދާކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ.

ޝިފާޢަތު ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވޯޓުލާއިރު ހުރިހާ ފަރާތްތަކުންވެސް ވޯޓުލުމުގެ ޙައްޤު އަދާކުރުމުގައި ސިއްރުކަން ހިފެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ވޯޓު ގަތުމަކީ އަދަބު ކަނޑައެޅިފައިވާ ކުށަކަށްވާއިރު ވޯޓުލުމުގައި ނަޒާހާތްތެރިކަން އިސްކުރުމަށް ޝިފާޢަތު އިލްތިމާސްކުރެއްވިއެވެ.

"މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 263 ފޮށި މޮނިޓަރކުރާނެ. އަދި މާލެ ތެރެއާއި ރަށްރަށުގެ ވޯޓުލާ މަރުކަޒުތަކުގެ މާޙައުލު މޮނިޓަރކުރުމުގެ މަސައްކަތް މިފަހަރުވެސް ކުރާނެ." ޝިފާޢަތު ވިދާޅުވިއެވެ.

ޝިފާޢަތު ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ޢުމުރުން ދުވަސްވީ މީހުންނަށާއި މާބަނޑު މީހުންނަށް ވޯޓުލާ މަރުކަޒުތަކުގައި އިޙްތިރާމް ކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އެމީހުންނަށް ކިއުއިން އަވަހަށް ޖާގަދީ، އަވަހަށް ވޯޓު ލެވޭނެ އިންތިޒާމް ހަމަޖައްސާދިނުމަށް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ޝިފާޢަތު ވަނީ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުންނާއި ޕާޓީތަކުން އެހެން ކެންޑިޑޭޓުންނަށް އެންޓި ކެންޕެއިން ނުކުރުމަށްވެސް އިލްތިމާސްކުރައްވާފައެވެ. އަދި އެހެން މީހުންގެ ޙައްގުތަކަށް އަރައިނުގަތުމަށާއި ހުރިހާ ހާލަތެއްގައިވެސް މަސްލަހަތު އިސްކޮށް ސުލްޙައަށް ލޯބިކުރުމަށް ޝިފާޢަތު އިލްތިމާސްކުރެއްވިއެވެ.