ޚަބަރު

އިންޑިޔާގެ ޢާންމު އިންތިޚާބު: މަނިޕޫރްގެ 11 މަރުކަޒެއްގައި އަލުން ވޯޓުލާން ޖެހިއްޖެ


ދުނިޔޭގެ އެންމެ ބޮޑު ޑިމޮކުރަސީ, އިންޑިޔާގެ ޢާންމު އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު, އެ ޤައުމުގެ އިރުއުތުރުގައި އޮންނަ މަނިޕޫރް ސްޓޭޓްގެ ވޯޓުލާ 11 މަރުކަޒެއްގެ ވޯޓު ބާޠިލުކޮށް, އަލުން އިންތިޚާބު ބާއްވަން ނިންމައިފިއެވެ. އެ 11 ތަނުގައި އަލުން ވޯޓުލާން ނިންމާފައި ވަނީ, ހަމަނުޖެހުން ހިންގައި, ވޯޓުލާ މަރުކަޒުތަކާއި ތަކެއްޗަށް ގެއްލުން ދިނުމާ ގުޅިގެންނެވެ.

މަނިޕޫރްގެ އިންތިޚާބީ އިދާރާގެ އިސް އޮފިޝަލް ވިދާޅުވީ އެ ސްޓޭޓްގެ ވޯޓުލާ 11 މަރުކަޒެއްގައި އަލުން ވޯޓުލާން ނިންމާފައިވާ ކަމަށާއި, އެ ތަންތަނުގައި ހިނގި ހަމަނުޖެހުންތަކުގައި ވޯޓުލާ މަރުކަޒުގެ އިތުރުން, ވޯޓުލާން ބޭނުން ކުރަމުން ދިޔަ މެޝިންތަކަށް ވެސް ގެއްލުން ދީފައިވާ ކަމުގައެވެ.

އިންޑިޔާގެ ޢާންމު އިންތިޚާބުގެ ވޯޓުލުން ފަށާފައި ވަނީ އޭޕްރިލް 19ވީ ހުކުރު ދުވަހުއެވެ. އިންތިޚާބަށް ޓަކައި އިންޑިޔާގެ އެކި ކަންކޮޅުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ. އަދި, ވޯޓުލާ މަރުކަޒުތައް ކައިރީގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ. އިންޑިޔާގެ ޓެމިލް ނާޑޫ ސްޓޭޓްގެ ވެރިރަށް ޗެންނާއީން ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި ބައެއް މީހުން ބުނީ, ވޯޓުލުމުގެ އިންތިޒާމުތައް ވަރަށް ފުރިހަމައަށް ހަމަޖައްސާފައިވާ ކަމުގައެވެ.

އެއް ބިލިޔަނެއްހާ މީހުން ވޯޓުލާ މި އިންތިޚާބުގެ ވޯޓުލުން ޖޫން 1ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި, ބޮޑުވަޒީރު ނަރެންދްރަ މޯދީ މި އިންތިޚާބުގައި ތިންވަނަ ދައުރެއް ކާމިޔާބު ކުރައްވާނެއެވެ. ނަމަވެސް, އޭނާގެ ސަރުކާރަށް ވަނީ ތަރައްޤީއާއި ވެލްފެޔާގެ އިތުރުން ހިންދޫ ޤައުމިއްޔަތު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ނުރުހުމާއި ފާޑުކިޔުންތައް އަމާޒުވެފައެވެ.

އިންޑިޔާގެ މައި އިދިކޮޅު ޕާޓީ, ކޮންގްރެސް ޕާޓީން ވަނީ މަނިޕޫރުގެ ވޯޓުލާ 47 މަރުކަޒެއްގެ ނަތީޖާ ބަލައިނުގަތުމަށް ގޮވައިލާފައެވެ. އަދި, އެ ތަންތަނުގައި އަލުން ވޯޓުލުން ބޭއްވުމަށް އެދިފައެވެ. ކޮންގްރެސުން ތުހުމަތު ކުރާ ގޮތުގައި, އެ މަރުކަޒުތަކުގައި ވޯޓުގެ ނަތީޖާ އޮޅުވަލުމަށް މަސައްކަތްތަކެއް ކޮށްފައިވެއެވެ.

ހުކުރު ދުވަހު މަނިޕޫރުގައި ވޯޓުލުން ކުރިއަށް ދިޔަ ބައެއް ސަރަޙައްދުތަކުގައި ހަމަނުޖެހުން ހިންގާފައިވާއިރު, ހަތިޔާރު އެޅި ޖަމާޢަތްތަކުން ވެސް ވަނީ ހަމަނުޖެހުންތަކުގައި ބައިވެރިވެފައެވެ. ބައެއް ގުރޫޕުތަކުން ހަތިޔާރު ބޭނުންކޮށް, ވޯޓުލާ މަރުކަޒުތައް ހިޞާރު ކުރަން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް, ގިނަ ޢަދަދެއްގެ ބަޔަކު ވޯޓުލާން ނުކުތް މަންޒަރު ފެނިގެން ދިޔައެވެ. މަނިޕޫރުގައި ހަމަނުޖެހުންތައް ހިނގަމުން ދަނީ މެއިޓީ އަދި ކުކީ-ޒޯ ދަރިކޮޅުގެ މީހުންގެ މެދުގައެވެ.