ޚަބަރު

ޔަހޫދީ ސިފައިން ހުޅަނގު އައްސޭރިއަށް އަރައި 14 މީހުން ޝަހީދު ކޮށްލައިފި


ޔަހޫދީ ފައުޖުގެ ސިފައިން ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް އަރައި ލާއިންސާނީ ޢުދުވާންތަކެއް ހިންގައި, 14 މީހުން ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން ބަރުހަތިޔާރާ އެކު އަރައި ޢުދުވާން ހިންގާފައި ވަނީ ޠުލްކަރްމް ކައިރީގައި އޮންނަ ނޫރް ޝަމްސުގައެވެ. ޔަހޫދީ ސިފައިން ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި އެމްބިޔުލާންސް ޑްރައިވަރެއް ވެސް ހިމެނެއެވެ.

އޭޕްރިލް 19ވަނަ ދުވަހުގެ ފަތިހު ފެށި މި ޢުދުވާނުގެ ދަށުން ޔަހޫދީ ފައުޖާއި, ހުޅަނގު އައްސޭރީގެ މުޖާހިދުންނާ ދެމެދު އަދިވެސް ޙަމަލާ ބަދަލު ކުރަމުންދާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ޔަހޫދީ ފައުޖުގެ އަސްކަރީ އުޅަނދުފަހަރު ހުޅަނގު އައްސޭރީގެ މަގުތަކުގައި ހަރަކާތްތެރިވަމުންދާއިރު, އެ ސަރަޙައްދުގައި ޔަހޫދީންގެ އަސްކަރީ ތިން ޑްރޯން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ނޫރް ޝަމްސް ސަރަޙައްދަށް އަރާފައިވާ ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިންނާ ކުރިމަތިލައި, ޙަމަލާ ބަދަލު ކުރަމުން ދަނީ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކުގެ މުޖާހިދުން ގުޅިގެން އުފައްދާފައިވާ ޠުލްކަރްމް ބްރިގޭޑްސުންނެވެ. އޮކްޓޫބަރު 7ވަނަ ދުވަހު ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ޢުދުވާން ފެށި ފަހުން, ހުޅަނގު އައްސޭރީގެ ރަށްތަކަށް އަރައި ހިންގާ ޢުދުވާންތަކުގެ ޢަދަދު ވެސް ޔަހޫދީ ސިފައިން ވަނީ އިތުރު ކޮށްފައެވެ.

ނޫރް ޝަމްސުގައި ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި 16 އަހަރުގެ ޒުވާން ކުއްޖެއް ވެސް ހިމެނެއެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, އުމުރުން 50 އަހަރުގެ އެމްބިޔުލާންސް ދުއްވާ މީހަކު ވެސް ޔަހޫދީ ފައުޖުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އޭނާ ޝަހީދު ކޮށްލާފައި ވަނީ, ހައްދުފަހަނަ އެޅި ޔަހޫދީންގެ ބައިގަނޑެއް ޙަމަލާދީ ޒަޚަމު ކޮށްލާފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމުންނެވެ. އޭނާ ޝަހީދު ކޮށްލާފައި ވަނީ ނާބުލުސްގެ ދެކުނުގައި އޮންނަ އަލް-ސާވިޔާ އަވަށުގައެވެ.

ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 34,097އަށް އުފުލިފައެވެ. އަލް-ނާޞިރް މެޑިކަލް ކޮމްޕްލެކްސް އޮންނަ ސަރަޙައްދުގައި ޔަހޫދީ ފައުޖުން ދާދިފަހުން ހިންގި ގަތުލުއާންމެއްގައި ޝަހީދުކޮށް, ވަޅުލާފައިވާ 180 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން ވަނީ އެ އެންމެންގެ ހަށިތައް ބޮޑު ވަޅުގަނޑަކަށް އަޅައި ފަސް އަޅާފައެވެ.

މީގެ އިތުރުން, ޣައްޒާގެ އެކި ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން ދަނީ މެދުކެނޑުމެއް ނެތި ވައިގެ ޙަމަލާތައް އަމާޒު ކުރަމުންނެވެ. ޔަހޫދީ ފައުޖުގެ އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޣައްޒާގެ ދެކުނުގައި އޮތް ރަފަޙާއި, މެދުތެރޭގައިވާ އަލް-ނުޞަޔިރާތާއި އުތުރުގައި އޮންނަ އަލް-ޖަބާލިޔާއަށެވެ.

މީގެ ތެރެއިން ނުޞަޔިރާތަށް ދިން ޙަމަލާތަކުގައި ޢާންމުން ދިރިއުޅޭ ފަސް ގެއެއް ސުންނާފަތިކޮށް ބިމާ ހަމަކޮށްލިއެވެ. ޣައްޒާގެ 1.5 މިލިޔަނެއްހާ މީހުން މިހާރު ރައްކާތެރި ކަން ހޯދަމުންދާ ރަފަޙަށް ޔަހޫދީ ފައުޖުން ދިން ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ފިރިހެނަކާއި, އޭނާގެ މާބަނޑު އަންހެނުންނާއި އަންހެން ދަރިފުޅު ހިމެނެއެވެ. އަންހެން މީހާގެ ބަނޑުގައި އޮތް ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވުނު ކަމުގައި ޣައްޒާގެ ކުވައިތު ހަސްފަތާލުން ބުންޏެވެ. ނަމަވެސް, އިތުރު ފަސް މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ.