ލުބްނާންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, ޙިޒްބުاللهން ވަރުގަދަ ޙަމަލާތަކެއްދީ, ޔަހޫދީ ފައުޖުގެ އަސްކަރީ ޑްރޯނެއް ވައްޓައިލައިފިއެވެ. ޔަހޫދީންގެ ޑްރޯން ވައްޓައިލާފައި ވަނީ, ލުބްނާނުގެ ދެކުނުގައިވާ ރަށްތަކަށް ޙަމަލާ ދޭން, އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ވަދެ, ހަރަކާތްތެރިވަމުން ދަނިކޮށެވެ.
ޙިޒްބުاللهން ބުނީ, ޔަހޫދީންގެ ޑްރޯން ވައްޓައިލާފައި ވަނީ ލުބްނާންގެ ދެކުނުގައި އޮންނަ އަލް-ޢައިޝިއްޔާގެ މަތިން ދަތުރު ކުރަމުން ދަނިކޮށް ކަމުގައެވެ. އެއީ, ޔަހޫދީ ފައުޖުން ބޭނުން ކުރާ 'ހަރމީސް 450' މަރުކާގެ އަސްކަރީ ޑްރޯނެކެވެ. ޔަހޫދީންގެ ކުންފުންޏަކުން އުފައްދާ އެ ޑްރޯނަކީ, ހަތިޔާރު އުފުލުމުގެ ގާބިލު ކަން ލިބިފައިވާ ނުރައްކާތެރި ޑްރޯނެކެވެ.
އޮކްޓޫބަރު 7ވަނަ ދުވަހު ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ފެށި ލާއިންސާނީ ޢުދުވާނާ ގުޅިގެން ޙިޒްބުاللهގެ ހަނގުރާމަވެރިންނާއި ޔަހޫދީ ފައުޖާ ދެމެދު ވަނީ ޙަމަލާތައް ބަދަލު ކުރަން ފަށާފައެވެ. ޙިޒްބުاللهން ޔަހޫދީ ސިފައިންނާއި ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް ޙަމަލާ ދޭން ފަށާފައި ވަނީ, ޔަހޫދީންގެ ޢުދުވާންތައް ހުއްޓުވަން ބާރުއެޅުމުގެ ގޮތުންނެވެ.
އޮކްޓޫބަރު 7ގެ ފަހުން ޔަހޫދީ ފައުޖުން ލުބްނާނަށް ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކުގައި އެ ޤައުމުގެ 370 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ޙިޒްބުاللهގެ 240 ހަނގުރާމަވެރިންނާއި ޢާންމުންގެ 68 މީހުން ހިމެނެއެވެ. ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ތެރޭގައި ގިނަ ޢަދަދެއްގެ ޞިއްޙީ ޚިދުމަތްތެރިން ހިމެނެއެވެ.
ޔަހޫދީންގެ ޙަމަލާތަކުގެ ރައްދުގައި ޙިޒްބުاللهން ވެސް ވަނީ ޔަހޫދީންގެ 18 ވަރަކަށް މީހުން މަރައިލާފައެވެ. އޭގެ ތެރޭގައި ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިންނާއި ޢާންމުން ހިމެނެއެވެ. ޙިޒްބުاللهގެ ޙަމަލާތަކާ ގުޅިގެން ލުބްނާނާއި އިސްރާއީލް ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ޔަހޫދީންގެ ރަށްތަކުގައި ދިރިއުޅޭ ޢާންމުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ.