ޚަބަރު

ޔަހޫދީ ފައުޖުން ދެކުނު ލުބްނާނަށް ވައިގެ ޙަމަލާތަކެއް ދީފި


ލުބްނާންގެ ހަތިޔާރު އެޅި ޖަމާޢަތް, ޙިޒްބުاللهގެ ހަނގުރާވެރިން ހަރަކާތްތެރިވަމުން ދިޔަ ސަރަޙައްދަކަށް ޒަޔަނިސްޓު އިސްރާއީލުގެ ޔަހޫދީ ފައުޖުން ވައިގެ ޙަމަލާތަކެއް ދީފިއެވެ. ޔަހޫދީ ފައުޖުން ބުނީ, މި ޙަމަލާތަކުގައި ޙިޒްބުاللهގެ އިސް ކޮމާންޑަރުންތަކެއް ޝަހީދު ކޮށްލާފައިވާނެ ކަމުގައެވެ. ނަމަވެސް, ޙިޒްބުاللهންވަނީ އެ ކަން ދޮގު ކޮށްފައެވެ.

ޔަހޫދީ ފައުޖުގެ އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ލުބްނާންގެ ދެކުނުގައި އޮންނަ އައްޔަތް އަލް-ޝާބީއަށެވެ. އެއީ, އިސްރާއީލުގެ ސަރަޙައްދީ ރޮނގާ 3 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. އެ ސަރަޙައްދުގެ 40 އަމާޒަކަށް ވައިގެ ޙަމަލާތައް އަމާޒުކޮށް, ޙިޒްބުاللهއަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާނެ ކަމުގައި ޔަހޫދީ ފައުޖުން ބުނެއެވެ. ނަމަވެސް, ޙިޒްބުاللهއިން އެ ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

އައްޔަތް އަލް-ޝާބީއަށް ދީފައިވާ ޙަމަލާތަކުގައި ޙިޒްބުاللهގެ އިސް ކޮމާންޑަރުންތަކެއް ޝަހީދު ކޮށްލާފައިވާނެ ކަމަށް ޔަހޫދީން ބުނުމުން އެ ކަން ދޮގު ކުރުމަށް ފަހު ޙިޒްބުاللهން ބުނީ, އެއީ ޔަހޫދީ ފައުޖުގެ ސިފައިންނަށް ހިތްވަރު ދިނުމުގެ ގޮތުން ފަތުރަމުންދާ ދޮގު ޚަބަރެއް ކަމުގައެވެ. އަދި, ޔަހޫދީންގެ ވައިގެ ޙަމަލާތަކުގެ ރައްދުގައި ޙިޒްބުاللهން ވެސް ވަނީ ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.

ހުސްވި ހަފުތާގައި ޔަހޫދީ ފައުޖުން ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކެއްގައި ޙިޒްބުاللهގެ އިސް ކޮމާންޑަރެއް ކަމުގައިވާ ޙުސައިން އަޛްޤޫލް ޝަހީދުކޮށްލިއެވެ. އޭނާގެ ޖަނާޒާގައި ވާހަކަފުޅު ދައްކަވަމުން ޙިޒްބުاللهގެ އިސް އޮފިޝަލެއް ކަމުގައިވާ ޙަސަން ފަޟުލިالله ވިދާޅުވީ, އަޛްޤޫލަކީ ހިތްވަރާ އެކު ޔަހޫދީ ފައުޖާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގޮސްފައިވާ މުޖާހިދެއް ކަމުގައެވެ. އަދި, ޔަަހޫދީންގެ ރަށްތަކާއި ސިފައިންނަށް ޙަމަލާ ދިނުމަށް އެ ޖަމާޢަތުން ބޭނުން ކުރާ ޑްރޯންތަކާއި މިސައިލްތައް އުފެއްދުމުގައި އޭނާ އިސް ދައުރެއް އަދާ ކޮށްފައިވާ ކަމުގައެވެ.

އޭނާ ޝަހީދު ކޮށްލަން ދިން ޙަމަލާގެ ރައްދުގައި ޙިޒްބުاللهން ވަނީ އިސްރާއީލުގެ އައްސޭރިފަށުގައި އޮންނަ ރަށެއް ކަމުގައިވާ އަކިރަށް ޑްރޯން ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އަކިރުގައި އޮންނަ ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒަކަށެވެ. މިއީ, ލުބްނާންގެ ސަރަޙައްދީ ރޮނގާ ދުރުގައި އޮންނަ ހިސާބަކަށް ޙިޒްބުاللهން ޑްރޯން ޙަމަލާތަކެއް ދީފައިވާ ފުރަތަމަ ފަހަރެވެ.

މި ހަފުތާގެ ކުރީކޮޅު ޙިޒްބުاللهން ވަނީ ޔަހޫދީ ފައުޖުގެ އަސްކަރީ ޑްރޯނެއް ވެސް ވައްޓައިލާފައެވެ. ޔަހޫދީންގެ ޑްރޯން ވައްޓައިލާފައި ވަނީ, ލުބްނާނުގެ ދެކުނުގައިވާ ރަށްތަކަށް ޙަމަލާ ދޭން, އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ވަދެ, ހަރަކާތްތެރިވަމުން ދަނިކޮށެވެ.

ޙިޒްބުاللهން ބުނީ, ޔަހޫދީންގެ ޑްރޯން ވައްޓައިލާފައި ވަނީ ލުބްނާންގެ ދެކުނުގައި އޮންނަ އަލް-ޢައިޝިއްޔާގެ މަތިން ދަތުރު ކުރަމުން ދަނިކޮށް ކަމުގައެވެ. އެއީ, ޔަހޫދީ ފައުޖުން ބޭނުން ކުރާ 'ހަރމީސް 450' މަރުކާގެ އަސްކަރީ ޑްރޯނެކެވެ. ޔަހޫދީންގެ ކުންފުންޏަކުން އުފައްދާ އެ ޑްރޯނަކީ, ހަތިޔާރު އުފުލުމުގެ ގާބިލު ކަން ލިބިފައިވާ ނުރައްކާތެރި ޑްރޯނެކެވެ.

އޮކްޓޫބަރު 7ގެ ފަހުން ޔަހޫދީ ފައުޖުން ލުބްނާނަށް ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކުގައި އެ ޤައުމުގެ 370 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ޙިޒްބުاللهގެ 240 ހަނގުރާމަވެރިންނާއި ޢާންމުންގެ 68 މީހުން ހިމެނެއެވެ. ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ތެރޭގައި ގިނަ ޢަދަދެއްގެ ޞިއްޙީ ޚިދުމަތްތެރިން ހިމެނެއެވެ.

ޔަހޫދީންގެ ޙަމަލާތަކުގެ ރައްދުގައި ޙިޒްބުاللهން ވެސް ވަނީ ޔަހޫދީންގެ 18 ވަރަކަށް މީހުން މަރައިލާފައެވެ. އޭގެ ތެރޭގައި ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިންނާއި ޢާންމުން ހިމެނެއެވެ. ޙިޒްބުاللهގެ ޙަމަލާތަކާ ގުޅިގެން ލުބްނާނާއި އިސްރާއީލް ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ޔަހޫދީންގެ ރަށްތަކުގައި ދިރިއުޅޭ ޢާންމުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ.