ޚަބަރު

އެމެރިކާގެ ޚާރިޖީ ވަޒީރު ޗައިނާއަށް, ދެބަސްވުންތައް ހައްލު ކުރަން މަސައްކަތް ކުރައްވާނެ


އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ތިން ދުވަހުގެ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވައިފިއެވެ. އޭނާ ޗައިނާގެ ވިޔަފާރީގެ މަރުކަޒީ ރަށް ޝެންގްހާއީއަށް ވަޑައިގަންނަވާފައި މި ވަނީ, ތައިވާނަށް ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ ބިލެއް, ރައީސް ޖޯ ބައިޑަން ތަސްދީޤު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ޝެންގްހާއީގައި ޗައިނާގެ ވިޔަފާރީގެ ދާއިރާގެ އިސް މަންދޫބުންނާ ބްލިންކަން ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިޤުތިޞާދީ ދާއިރާއިން ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި, އެއަށްފަހު ވެރިރަށް ބެއިޖިންގއަށް ވަޑައިގަންނަވައި, ޗައިނާ ސަރުކާރުގެ އިސް އޮފިޝަލުންނާ އެކު ދޭދޭ ވާހަކަތައް ބާއްވަވާނެއެވެ.

ބެއިޖިންގގައި ޗައިނާގެ ޚާރިޖީ ވަޒީރު ވޮންގ ޔީއާ އޭނާ ބައްދަލު ކުރައްވާނެ ކަމުގައި ވައިޓް ހައުސުން ބުނެއެވެ. މި ދަތުރުފުޅުގައި އޭނާ ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ބައްދަލު ކުރައްވައި, މަޝްވަރާތައް ބާއްވަވާނެ ކަމަށް ވެސް ބެލެވެއެވެ. ބެއިޖިންގއާއި ވޮޝިންގޓަނުން ބުނީ, ބްލިންކަންގެ މި ދަތުރުފުޅުގެ މައިގަނޑު މަޤުޞަދަކީ, ދެ ޤައުމުގެ ދެމެދުގައި ހީނަރުވެފައިވާ ގުޅުންތައް އިޔާދަކޮށް, ދެބަސްވުންތަކާއި ޚިޔާލު ތަފާތުވުންތަކަށް ހައްލެއް ހޯދަން މަސައްކަތް ކުރުން ކަމުގައެވެ.

ބައިޑަން ދާދި ފަހުން ތަސްދީޤު ކުރައްވާފައިވާ އަސްކަރީ އެހީގެ ޕެކޭޖުތަކާ ބެހޭ ބިލުގައި ތައިވާނުގެ އިތުރުން އޭޝިޔާ އަދި ޕެެސިފިކްގެ ސަރަޙައްދުގައިވާ އެމެރިކާގެ އެކުވެރިންނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް 8 ބިލިޔަން ޑޮލަރު ކަނޑައަޅާފައިވެއެވެ. ތައިވާނުގެ މިނިވަންކަމާ ގުޅޭ މައްސަލައަކީ, ޗައިނާއާއި އެމެރިކާއާ ދެމެދު މި ވަގުތު ޚިޔާލު ތަފާތުވެފައިވާ އެންމެ ބޮޑު މައްސަލައެވެ. އެމެރިކާއިން ތައިވާނަށް ހަތިޔާރު ވިއްކުމަކީ ޗައިނާއިން ރުހޭ ކަމެއް ނޫނެވެ.

މީގެ އިތުރުން, މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމުގައިވާ ފެންޓެނީލް އެމެރިކާގެ ރަށްތަކުގައި ޢާންމު ކުރުމަށް ޗައިނާއިން މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާއިން ކުރަމުންދާ ތުހުމަތުތައް ސާފު ކޮށްދިނުމަށް ވެސް, ބްލިންކަންގެ ދަތުރުފުޅުގައި ޗައިނާއިން މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް ސުލްޙަވެރި ހައްލެއް ހޯދުމާ ގުޅޭ ގޮތުން ވެސް ދެ ޤައުމުގެ މެދުގައި މަޝްވަރާ ކުރާނެއެވެ.