ޚަބަރު

ޔަހޫދީ ފައުޖުން ރަފަޙަށް ދެމުންދާ ޙަމަލާތައް އިތުރު ކުރަނީ


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން އެ ސަހަރުގެ އެންމެ ދެކުނަށް އޮތް ރަފަޙަށް ދެމުންދާ ޙަމަލާތައް އިތުރު ކުރަން ފަށައިފިއެވެ. ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް މި ވަގުތު ތިބީ އެ ރަށުގައެވެ. މި ގޮތުން, ރަފަޙުގެ ފޭލިިގެތަކާއި ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ މީހުންގެ ޢަދަދު 1.5 މިލިޔަނަށް އަރާ ކަމަށް ބެލެވެއެވެ.

ޔަހޫދީ ފައުޖުން ރަފަޙަށް ދެމުންދާ ވައިގެ ޙަމަލާތައް އިތުރު ކޮށްފައި މި ވަނީ, އެއްގަމު މަގުން އެ ރަށަށް އަރައި ޢުދުވާނާއި ގަތުލުއާންމުތައް އިތުރު ކުރާނެ ކަމުގެ އިންޒާރު ދިނުމަށް ފަހުއެވެ. ބަރުހަތިޔާރާ އެކު އެ ރަށަށް އެރުމަށް ޔަހޫދީ ފައުޖުން މިހާރު ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް, އެ އޮޕަރޭޝަން ފަށާނެ ވަކި ތާރީޚެއް އިޢުލާނު ކޮށްފައެއް ނުވެއެވެ.

ޔަހޫދީ ފައުޖުގެ ސިފައިން އެ ރަށަށް އަރައި ޢުދުވާންތައް ފުޅާކޮށްފި ނަމަ, ފަލަސްޠީނުގެ އެތަކެއް ހާސް ބަޔެއްގެ ފުރާނަ ގެއްލިގެންދާނެ ކަމަށް ބުނެ, ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ ޔަހޫދީންނަށް ނަސޭހަތްތެރިވަމުންނެވެ. ނަމަވެސް, އެ ކަމަށް ތައްޔާރުވުމުގެ ގޮތުން ޔަހޫދީ ފައުޖުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރަފަޙަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައިވެއެވެ.

ފަލަސްޠީނުގެ ޞިއްޙީ ޚިދުމަތްތެރިން ބުނީ, ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުުޖުން ރަފަޙުގެ ފަސް ސަރަޙައްދަކަށް ވައިގެ ޙަމަލާތައް އަމާޒު ކޮށްފައިވާ ކަމުގައެވެ. އަދި, ފަލަސްޠީނުގެ ޢާންމުން ދިރިއުޅޭ ތިން ގެއެއް ސުންނާފަތިކޮށްލައި, ހަ މީހަކު ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ޚަބަރުތައް ދުނިޔެއަށް ފޯރުކޮށްދޭން މަސައްކަތް ކުރަމުން ދިޔަ ނޫސްވެރިއަކު ވެސް ހިމެނެއެވެ.

"[ޔަހޫދީ ފައުޖުގެ ސިފައިން] އެއްގަމު މަގުން ރަފަޙަށް އަރައިފިނަމަ ދެން ވާނެ ގޮތަކާ މެދު އަޅުގަނޑުމެން މިތިބީ ބިރުން. ރަފަޙުގައި ތިބި މީހުން މި ވަގުތު ތިބީ ހާސްކަމެއްގެ ތެރޭގައި،" ފަލަސްޠީނުން އދއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު އިބްރާހީމް ޚިރީޝީ ވިދާޅުވިއެވެ.

"ބައެއް މީހުން ދަނީ ރަފަޙުން ފައިބަން މަސައްކަތް ކުރަމުން. ފަލަސްޠީނުގެ އެތަކެއް ޢާއިލާއެއް ނެތިކޮށްލާނެ ކަމުގެ ބިރު އެބައޮތް. ނަމަވެސް, އެ މީހުން ދާނީ ވަކި ކޮންތަނަކަށް؟ ޣައްޒާގެ އުތުރަށް ދަތުރު ކުރަން ޔަހޫދީ ފައުޖުން ދަނީ ރަފަޙުގައި ތިބި ރައްޔިތުންނަށް ހުރަސް އަޅަމުން."

އޮކްޓޫބަރު 7ގައި ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 34,305އަށް އުފުލިފައެވެ. އޭގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 77,293އަށް އުފުލިފައެވެ.