ޚަބަރު

މި 5 އަހަރު ނިމޭއިރު ބަހުގެ ދާއިރާއަށް އުންމީދީ ބަދަލުތަކެއް އަންނާނެ: އާދަމް ނަޞީރު


  • މިއީ ބަހުގެ ދާއިރާއިން ދިވެހިންނަށް ވަރަށް ނަސީބުވެރި ދުވަސްވަރެއް

  • ޤައުމިއްޔަތު ދިރުވާ އާލާކުރުމަކީ ސީދާ ރައީސް މުޢިއްޒުގެ ތަޞައްވުރެއް

  • ދިވެހިބަހުގެ ދުވަހާ ގުޅުވައިގެން ދެ ގަވާއިދު ފޮތެއް ނެރެފައިވޭ

މި 5 އަހަރު ނިމޭއިރު ދިވެހިބަހުގެ ދާއިރާއަށް އުންމީދީ ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ދިވެހިބަހުގެ އެކެޑެމީން ބޭއްވެވި ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާދަމް ނަޞީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ދިވެހި ޤައުމިއްޔަތާއި ދިވެހިބަސް ދިރުވުމަށް 5 އަހަރުގެ ޚާއްސަ ތަޞައްވުރަކާއެކު ކަމަށެވެ. މިހެންވެ މި ދުވަސްވަރަކީ ދިވެހިންނަށް ވަރަށް ނަސީބުވެރި ދުވަސްވަރެއް ކަމަށެވެ.

އާދަމް ނަޞީރު ވިދާޅުވީ ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ ތަޞައްވުރަކީ ރައީސް ޑރ. މުޢިއްޒުގެ ތަޞައްވުރެއްކަމަށާއި އެމަނިކުފާނުގެ އިސްނެންގެވުމެއް ކަމަށެވެ. އަދި އެ ތަޞައްވުރުގައި ވަރަށް ގިނަ ބައިތަކެއް ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ރައީސް ދިވެހިބަހާއި ދިވެހި ޤައުމިއްޔަތަށް ކުރައްވާ ތަޞައްވުރު ޙަޤީޤަތަކަށްވަމުން މި 5 އަހަރު އުންމީދު ބަދަލުތަކެއް، ދިރުންތަކެއް އަންނާނެ." ވަޒީރު ވިދާޅުވިއެވެ.

މި ޖަލްސާގައި ވަޒީރު ވަނީ ދިވެހިބަހުން ރީތިކޮށް ވާހަކަދެއްކުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ވާހަކަދައްކާއިރު ތާނަ އަކުރުތަކުގެ އަޑުތައް ފާޅުވާނެހެން ވާހަކަދައްކަންޖެހޭކަމަށާއި ވަކި ތަރުތީބަކުން މީހުންނަށް ފަސޭހައިން ދޭހަވާނެހެން ވާހަކަދައްކަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ވާހަކަދައްކާއިރު ޖުމްލަ ފަށާ އިރާއި ނިންމާއިރު ބުނާނެ ވާހަކަ ސިކުނޑީގައި އަތުރާލެވިފައި އޮތުމަކީވެސް މުހިންމުކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ޖަލްސާގައި ދިވެހިބަހުގެ އެކެޑެމީން އެކުލަވާލި ދެ ގަވާއިދު ފޮތެއްވަނީ ނެރުއްވާފައެވެ. މީގެތެރެއިން އެއް ފޮތަކީ "ލަފުޒުކޮށް ވަކިކޮށް ލިޔުމުގެ ގަވާއިދު" ފޮތެވެ. މި ފޮތް ނެރުއްވައިދެއްވީ ދިވެހިބަހާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމެވެ. ދެވަނަ ފޮތަކީ "ތާނައިގައި ހުރި ނުކުތާޖެހި އަކުރުތައް ބޭނުންކުރާނެ ހަމަ" މި ފޮތެވެ. މި ފޮތް ނެރުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.

މި ފޮތްތަކާ ގުޅޭގޮތުން ޖަލްސާގައި ވާހަކަދައްކަވަމުން ދިވެހިބަހުގެ އެކެޑެމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވިދާޅުވީ ބަހަކީ އަބަދުވެސް ބަދަލުވާ އެއްޗެއްކަމަށާއި މިހެންވެ ދިވެހިބަހުގެ ލަފްޒު ވަކިކުރުމާ ބެހޭ ގޮތުން އަބަދުވެސް ޚިޔާލުތަފާތުވުން ހުންނަ ކަމަށެވެ. އަދި ލަފުޒު ވަކިކުރުމާ ބެހޭ ގޮތުން ނެރެވުނު ފޮތުން މުޖުތަމަޢުގައި ކަމާބެހޭ ގޮތުން އޮތް ޚިޔާލުތަފާތުވުންތަކަށް ކޮންމެވެސްވަރެއްގެ ޖަވާބެއް ލިބޭނެކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.

"މިއަދު ނެރެވުނު ދެ ފޮތް ވެސް ސްކޫލްތަކަށާއި ސަރުކާރުގެ އޮފީސްތަކަށާއި ނޫސް މަޖައްލާތަކަށް އަޅުގަނޑުމެން ހިއްސާކުރާނަން." ޑރ. އަޝްރަފް ވިދާޅުވިއެވެ.

ދިވެހިބަހުގެ އެކެޑެމީން ވިދާޅުވި ގޮތުގައި މި ފޮތްތަކަކީ އެމްސެވަންއިން ހިލޭސާބަހަށް ޗާޕުކޮށްދީފައިވާ ފޮތްތަކެކެވެ.