ޚަބަރު

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތިރާ ދެކޮޅަށް ޚިޔާނާތުގެ ތަޙުޤީޤެއް


މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތިރް މުޙައްމަދާ ދެކޮޅަށް ޚިޔާނާތުގެ ތަޙުޤީޤެއް ފަށާފައިވާ ކަން އެ ޤައުމުގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ. މެލޭޝިޔަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ)ގެ ވެރިޔާ ޣައްޒާމް ބަކީ ވިދާޅުވީ, މަހާތިރާ ގުޅޭ މައްސަލައަކީ އޭނާގެ ދެ ފިރިހެން ދަރިން ހިންގާފައިވާ ޚިޔާނާތުގެ ކުށްތަކާ ގުޅޭ މައްސަލައެއް ކަމުގައެވެ.

"ތަހުޤީޤު ނިންމަން އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ. ތަޙުޤީޤު ނިމުމުން [މަހާތިރާއި އޭނާގެ ދަރިންނާ ގުޅޭ] މައްސަލައިގެ އިތުރު މަޢުލޫމާތު ހިއްސާ ކުރެވޭނީ،" ބަކީ ވިދާޅުވިއެވެ.

މަހާތިރް ވަނީ 1981ވަނަ އަހަރުން ފެށިގެން 2003ވަނަ އަހަރާ ދެމެދު މެލޭޝިޔާގެ ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވާފައެވެ. އަދި, އެއަށްފަހު 2018އިން 2020އަށް ވެސް އެ މަޤާމު ފުރުއްވާފައެވެ. އޭނާއާ ދެކޮޅަށް އުފުލިފައިވާ ޚިޔާނާތުގެ ތުހުމަތާ ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް ހާމަ ކުރުމަށް އޭނާގެ ތަރުޖަމާނު ވަނީ ދެކޮޅު ހައްދަވާފައެވެ.

މި މައްސަލައިގައި ޚިޔާނާތުގެ ތުހުމަތު އުފުލިފައި ވަނީ މަހާތިރްގެ ދޮށީ ދެ ފިރިހެން ދަރިން ކަމުގައިވާ މިރްޒާނާއި މޮޚްޒާނީގެ މައްޗަށެވެ. އެ ދެ މީހުންގެ ޚިޔާނާތާ ގުޅޭ މަޢުލޫމާތު އެންމެ ފުރަތަމަ ހާމަވެގެން ދިޔައީ, ލީކު ކޮށްލާފައިވާ ޕެންޑޯރާ އަދި ޕެނަމާ ޕޭޕަރސްތަކުންނެވެ.
މި ކަމާ ގުޅިގެން އެމްއޭސީސީން ޖަނަވަރީ މަހު ވަނީ މުދަލާއި ފައިސާގެ މަޢުލޫމާތު ހިއްސާ ކުރުމަށް މިރްޒާނާއި މޮޚްޒާނީގެ މައްޗަށް އަމުރު ކޮށްފައެވެ. ހުސްވި މާރިޗު މަހު ދިން އިންޓަރވިއުއެއްގައި މިރްޒާނާއި މޮޚްޒާނީ ބުނީ, އެމްއޭސީސީން ތަޙުޤީޤު ކުރަމުން ދަނީ މަހާތިރާ ގުޅޭ ޚިޔާނާތުގެ މައްސަލައެއް ކަމުގައެވެ.

98 އަހަރުގެ މަހާތިރަކީ, މެލޭޝިޔާގެ މިހާރުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. 2022ވަނަ އަހަރު އަންވަރް ބޮޑުވަޒީރު ކަމުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގަތީ ކެމްޕޭނުގައި ޚިޔާނާތާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމުގެ ވަޢުދާ އެކުގައެވެ.

މަހާތިރް ތުހުމަތު ކުރައްވާ ގޮތުގައި ޚިޔާނާތުގެ މައްސަލަތައް ތަޙުޤީޤުކޮށް, އެ ކަން ހުއްޓުވަން މަސައްކަތް ކުރައްވާނެ ކަމަށް އަންވަރު ވިދާޅުވަމުން ގެންދަވަނީ އޭނާގެ ސިޔާސީ ވާދަވެރިންނަށް ހުއްޓުވައި ޖަލަށްލުމުގެ މަޤުޞަދުގައެވެ. ނަމަވެސް, 1990ގެ އަހަރުތަކުގެ ތެރޭގައި މަހާތިރްގެ ނައިބުގެ މަޤާމު ފުރުއްވި އަންވަރު އެ ތުހުމަތުތައް ދޮގު ކުރައްވައެވެ.

މަހާތިރްގެ ސަރުކާރުގެ މާލީ ވަޒީރު ކަމުގެ މަޤާމު ފުރުއްވި ދައިމް ޒައިނުއްދީނާއި އޭނާގެ އަންހެނުންގެ މައްޗަށް ވެސް އެމްއޭސީސީން ވަނީ ޚިޔާނާ ގުޅޭ މައްސަލައެއް ހުށަހަޅައި, މުދަލާއި ފައިސާގެ މަޢުލޫމާތު ހިއްސާ ކުރަން ދެކޮޅު ހެއްދެވުމުގެ ދަޢުވާ އުފުލާފައެވެ.