ޚަބަރު

ރަޝިޔާއިން ޔޫކްރެއިންގެ ހަކަތަ އުފައްދާ ވަސީލަތްތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފި


ޔޫކްރެއިންގެ 3 ސަރަޙައްދެއްގައި ހަކަތަ އުފައްދާ ވަސީލަތްތަކަށް ރަޝިޔާއިން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.

ޔޫކްރެއިންގެ ހަކަތައާ ބެހޭ ވަޒީރު ހެރްމަން ހަލުޝްޗެންކޯ ވިދާޅުވީ، ރަޝިޔާގެ ޙަމަލާތަކުގައި އެ ޤައުމުގެ ތިން ސަރަޙައްދެއްގައިވާ އިންޖީނުގެތަކާއި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށާއި, އިންޖީނުގެއެއްގައި މަސައްކަތް ކުރާ މުވައްޒަފަކު ޒަޚަމުވެފައިވާ ކަމުގައެވެ.

ރަޝިޔާގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ޔޫކްރެއިންގެ މެދުތެރޭގައި އޮންނަ ދްނިޕްރޯޕެތްރޯވްސްކާއި, ހުޅަނގުގައި އޮންނަ ލްވީވްގެ އިތުރުން އިވާނޯ-ފްރާންކީވްސްކަށެވެ. ޔޫކްރެއިންގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އަމިއްލަ ކުންފުނި, ޑީޓެކުން ބުނީ އެ ކުންފުނީގެ ހަތަރު އިންޖީނުގެއަކަށް ގެއްލުން ލިބިފައިވާ ކަމުގައެވެ.

ޔޫކްރެއިންގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ވަސީލަތްތަކަށް ރަޝިޔާއިން ދެމުންދާ ޙަމަލާތައް މާރިޗު މަހުގެ 22 ވަނަ ދުވަހުން ފެށިގެން ވަނީ އިތުރު ކޮށްފައެވެ. މިގޮތުން, އެ ޤައުމުގެ ތަރމަލް އަދި ހައިޑްރޯޕަވަރ އިންޖީނުގެތަކަށް ރަޝިޔާއިން ކޮންމެ ދުވަހަކު ވެސް ޙަމަލާތައް އަމާޒު ކުރަމުންދާ ކަމުގައި ޔޫކްރެއިނުން ބުންޏެވެ.

މި ޙަމަލާތަކާ ގުޅިގެން އެ ޤައުމުގެ ތަރމަލް އިންޖީނުގެތަކުގެ ތެރެއިން 80 އިންސައްތައާއި, ހައިޑްރޯޕަވަރ އިންޖީނުގެތަކުގެ 35 އިންސައްތައަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި އެ ޤައުމުގެ ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ. ހުސްވި އަހަރުގެ ފިނިމޫސުމާ ދިމާކޮށްވެސް ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ރަށްތަކުން ކަރަންޓުގެ ޚިދުމަތް ކަނޑައިލުމުގެ މަޤްޞަދުގައި ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.

މިކަމާ ގުޅިގެން ޔޫކްރެއިންގެ ބައެއް ސަރަޙައްދުތަކުން ވަކި ވަގުތުތަކެއްގައި ކަރަންޓުގެ ޚިދުމަތް މެދުކަނޑައިލަން ވަނީ މަޖުބޫރުވެފައެވެ. ޔޫކްރެއިނުން ބުނީ, ދްނިޕްރޯޕެތްރޯވްސްކަށް ޙަމަލާދޭން ރަޝިޔާއިން ބޭނުން ކުރި 13 މިސައިލެއް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ. މި ޙަމަލާތަކާ ގުޅިގެން ކްރެވޮއީ ރީހްގެ ރަށެއް ކަމުގައިވާ ލިސާކުން ފެނުގެ ޚިދުމަތް ވެސް ވަނީ ކެނޑިފައެވެ.

2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައިގައި އެ ޤައުމުގެ ބައެއް ސަރަޙައްދުތަކަށް ވަނީ އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި އެ ޤައުމުގެ އިރުމަތީގައި އޮންނަ ދޮންބާސްގެ ލުހާންސްކާއި ދޮންޏެސްކުގެ އިތުރުން ދެކުނުގައި އޮންނަ ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ. އެ ސަރަޙައްދުތައް މިނިވަން ކުރަން ޔޫކްރެއިނުން ވަނީ ކައުންޓަރއޮފެންސިވެއް ނުވަތަ ރައްދު ޙަމަލާގެ އަސްކަރީ ކެމްޕޭނެއް ފަށާފައެވެ.