ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ރަށްތަކަށް އަރައި ހިންގަމުންދާ ލާއިންސާނީ ޢުދުވާންތަކުގައި ދެ މީހަކު ޝަހީދު ކޮށްލައިފިއެވެ. އެ ދެ މީހުން ޝަހީދު ކޮށްލާފައި ވަނީ ހުޅަނގު އައްސޭރީގެ ޖިނީނަށް އަރައި ޔަހޫދީ ސިފައިން ހިންގި ޢުދުވާންތަކެއްގައެވެ.
ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ވަނީ, ޖިނީންގައި ޔަހޫދީ ސިފައިން ހިންގި ޢުދުވާނުގައި ދެ މީހަކު ޝަހީދުކޮށްލައި, އިތުރު ދެ މީހަކު ޒަޚަމު ކޮށްލާފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. އެ މީހުން ޝަހީދު ކޮށްލާފައި ވަނީ އެ މީހުން ދަތުރު ކުރަމުން ދިޔަ އެއްގަމު އުޅަނދަށް ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން ދިން ރަޙުމު ކުޑަ ބަޑީގެ ޙަމަލާތަކެއްގައެވެ.
އޮކްޓޫބަރު 7ގައި ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނާ އެކު, ހުޅަނގު އައްސޭރީގެ ރަށްތަކަށް އަރައި ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން ހިންގަމުންދާ ޢުދުވާންތަކާއި ގަތުލުއާންމުތަކުގެ ޢަދަދު ވެސް ވަނީ އިތުރު ކޮށްފައެވެ. ހުޅަނގު އައްސޭރިއާއި ޣައްޒާއަކީ 1967ވަނަ އަހަރުގެ ހަނގުރާމައިގައި ޔަހޫދީ ފައުޖުން އަތްގަދަ ކޮށްފައިވާ ފަލަސްޠީނުގެ ބިންތަކެވެ. އެއަށް ފަހު, ފަލަސްޠީނުގެ މުސްލިމުން ދިރިއުޅެމުން ދަނީ ޔަހޫދީންގެ އަޅުވެތި ކަމުގެ ދަށުގައެވެ.
ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އެކި ސަރަޙައްދުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. މީގެ ތެރެއިން, ޚާން ޔޫނިސްގައި ހުންނަ އަލް-ނުޞަޔިރާތު ރެފިއުޖީ ކޭމްޕަށް ދިން ޙަމަލާތަކެއްގައި ފަލަސްޠީނުގެ 15 މީހުން ޝަހީދު ކޮށްލިއެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ޣައްޒާގެ އެންމެ ދެކުނުން އޮންނަ ރަފަޙަށް ވެސް ޔަހޫދީ ފައުޖުން ވަނީ ބޮންއަޅާފައެވެ. އެ ރަށުގައި 1.5 މިލިޔަނެއްހާ މީހުން މި ވަގުތު ނިކަމެތި ހާލުގައި ދިރިއުޅެމުންދާއިރު, ޔަހޫދީ ފައުޖުގެ ސިފައިން ދަނީ އެ ރަށަށް އެއްގަމު މަގުން އަރައި އެ މީހުންގެ ލޭއޮހޮރުވައިލަން ތައްޔާރުވަމުންނެވެ. މި ކަމުގައި އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއިން ވަނީ ޔަހޫދީންނަށް ނުރައްކާތެރި މިސައިލްތަކާއި ބޮމާއި އެހެން ހަތިޔާރު ފޮނުވުން އިތުރު ކޮށްފައެވެ.
އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 34,356އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 77,368އަށް އުފުލިފައެވެ.