ޚަބަރު

ޙޫޘީން ޙަމަލާދީ އެމެރިކާގެ އަސްކަރީ ޑްރޯނެއް ވައްޓައިލައިފި


ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, ޙޫޘީން ވަރުގަދަ ޙަމަލާތަކެއްދީ އެމެރިކާގެ އަސްކަރީ ޑްރޯނެއް ވައްޓައިލައިފިއެވެ. އެމެރިކާގެ އަސްކަރިއްޔާގެ 'އެމްކިޔު-9 ރީޕަރ' މަރުކާގެ ޑްރޯންގެ އިތުރުން ޙޫޘީން ވަނީ ރަތް ކަނޑުން ދަތުރު ކުރަމުން ދިޔަ ތެޔޮ ޓޭންކަރަކަށް ވެސް ޙަމަލާދީ, ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

ޙޫޘީ ޖަމާޢަތުގެ ތަރުޖަމާނު ޔަޙްޔާ ސަރީޢު ވިދާޅުވީ, އެ ޖަމާޢަތުން ޙަމަލާ ދީފައި ވަނީ އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެއް ކަމުގައިވާ އެމްވީ އެންޑްރޯމެޑާ ސްޓާއަށް ކަމުގައެވެ. އަދި, ރަތް ކަނޑުން ދަތުރު ކުރަމުން ދިޔަ އެ އުޅަނދަށް ދިން ޙަމަލާތަކުގައި އުޅަނދަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާނެ ކަމުގައެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ވެސް ވަނީ, ރަތް ކަނޑުގެ ސަރަޙައްދުން ދަތުރު ކުރަމުންދިޔަ އުޅަނދަށް އަމާޒުކޮށް ޙޫޘީން ތިން ބެލިސްޓިކް މިސައިލް އުދުއްސައިލާފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. އަދި, ޙޫޘީންގެ ޙަމަލާތަކުގައި އެމްވީ އެންޑްރޯމެޑާ ސްޓާއަށް ގެއްލުންތަކެއް ލިބިފައިވާ ކަން ވެސް އެމެރިކާގެ އަސްކަރިއްޔާއިން ކަށަވަރު ކޮށްދިނެވެ.

މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ މައި އިދާރާ, ޔޫއެސް ސެންޓްރަލް ކޮމާންޑް (ސެންޓްކޮމު)ން ބުނީ, ޙޫޘީންގެ ޙަމަލާތަކުގައި އެ އުޅަނދަށް ކުދި ގެއްލުންތަކެއް ލިބުނު ނަމަވެސް, އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައެވެ. އަދި, އެ ސަރަޙައްދަށް ޙޫޘީން ދެމުންދާ ޙަމަލާތައް ދިފާޢު ކުރަން އެމެރިކާގެ ގުޅިފައިވާ ކަނޑުގެ ލަޝްކަރުން ހަރަކާތްތެރިވަމުންދާ ކަމުގައެވެ.

ސަރީޢު ވިދާޅުވީ, އެމެރިކާގެ އަސްކަރީ ޑްރޯނަށް ޙަމަލާދީ ވައްޓައިލާފައި ވަނީ ޔަމަންގެ ޞަޢުދާގެ ވައިގެ ސަރަޙައްދުން ދަތުރު ކުރަމުން ދަނިކޮށް ކަމުގައެވެ. އަދި, އެ އުޅަނދަށް ޙަމަލާ ދީފައި ވަނީ ޔަމަންގެ ވައިގެ ސަރަޙައްދުގައި އަސްކަރީ ހަރަކާތްތައް ހިންގަމުން ދަނިކޮށް, ޙޫޘީންގެ ވައިގެ ދިފާޢީ ނިޒާމު ބޭނުންކޮށްގެން ކަމުގައެވެ.

އެމެރިކާގެ އަސްކަރީ ޑްރޯނެއް ވައްޓައިލާފައިވާ ކަން އެމެރިކާއިން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ނަމަވެސް, އެމެރިކާގެ ޓީވީ ސްޓޭޝަނެއް ކަމުގައިވާ ސީބީއެސް ނިއުސުން ވަނީ, ޔަމަންގެ މަތިން ދަތުރު ކުރަމުންދިޔަ އެމެެރިކާގެ އަސްކަރިއްޔާގެ 30 މިލިޔަން ޑޮލަރުގެ އަގުހުރި ޑްރޯނެއް ވައްޓައިލި ހާދިސާ އެމެރިކާގެ އަސްކަރިއްޔާއިން ތަޙުޤީޤު ކުރަމުންދާ ކަން ރިޕޯޓު ކޮށްފައެވެ.

އެއީ, ޔަމަންގެ ވައިގެ ސަރަޙައްދުން ދަތުރު ކުރަމުން ދަނިކޮށް ޙޫޘީން ވައްޓައިލި އެމެރިކާގެ ތިންވަނަ އަސްކަރީ ޑްރޯނެވެ. ޔަމަންގެ ވައިގެ ސަރަޙައްދަށް ވަދެ އެމެރިކާގެ އަސްކަރީ ޑްރޯންތަކުން ހަރަކާތްތެރި ވާން ފަށާފައި ވަނީ, ޔަހޫދީންނާއި އެ މީހުންގެ މަސްލަޙަތު ހިމާޔަތް ކުރުމުގެ މަޤުޞަދުގައެވެ.

އެމެރިކާގެ އަސްކަރީ މަނަވަރުތަކާއި މަތިންދާބޯޓުތައް ރަތް ކަނޑުގެ ސަރަޙައްދަށް ފޮނުވާފައި ވަނީ އޮކްޓޫބަރު 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބުނީ, އެމްވީ އެންޑްރޯމެޑާ ސްޓާގެ އިތުރުން އެ ސަރަޙައްދުން ދަތުރު ކުރަމުން ދިޔަ އެމްވީ މައިޝާގެ ނަން ދީފައިވާ އުޅަނދަކަށް ޙަމަލާދޭން ޙޫޘީން މަސައްކަތް ކޮށްފައިވާ ކަމުގައެވެ. ނަމަވެސް, ޙަމަލާތަކުގައި އެ އުޅަނދަށް އެއްވެސް ވަރެއްގެ ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ.

އެންޑްރޯމެޑާ ސްޓާއަށް ޙަމަލާ ދީފައި ވަނީ ޔަމަންގެ ހުޅަނގުދެކުނުގައި އޮންނަ އަލް-މައްޚާގެ އައްސޭރިފަށުން 14 ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރަމުން ދަނިކޮށް ކަމުގައި އިނގިރޭސިވިލާތުގެ ކަނޑު ދަތުރުފަތުރުގެ ވިޔަފާރިއާ ބެހޭ އިދާރާ (ޔޫކޭއެމްޓީއޯ)ން ބުންޏެވެ. އޭޕްރިލް 26ވަނަ ދުވަހު ވެސް ޙޫޘީން ވަނީ ޢަދަން ކަނޑުން ދަތުރު ކުރަމުންދިޔަ ޔަހޫދީންނާ ގުޅުން އޮތް އެމްއެސްސީ ޑާވިންގެ ނަން ދީފައިވާ އުޅަނދަކަށް ޙަމަލާ ދީފައެވެ.