މިހާރު ކުރަމުންދާ ވިއްސާރައިގަ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 07:00 ން ފެށިގެން މެންދުރު 12:00އާ ހަމައަށެވެ. މި ވަގުތުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ ޢިދާރާއިން ލަފާކުރެއެވެ. އެ އިދާރާއިން ވަނީ ރޭ 11:00އިން ފެށިގެން ފަތިހު 5:00އާ ހަމައަށްވެސް މުޅިރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ.
ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީވެ ހުރިހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއްވިއެވެ. އެގޮތުން، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެން ބޮޑުވެދާނެ ހާލަތްތަކުގައި ގޭތެރެއަށް ފެން ނުވަންނަގޮތަށް ވެލި ބަސްތާ ޖެހުމާއި ކަރަންޓު ސަމާނާއި ފެނުގެ އަސަރު ކުރުމުން ހަލާކުވެދާނެފަދަ ތަކެތި ރައްކާތެރި ހިސާބުތަކުގައި ބެހެއްޓުމަަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ކުރިއަށް އޮތް 48 ގަޑިއިރު އުތުރާއި މެދުރާއްޖެ ތެރެއަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރާއިރު ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލުމާތުދެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ބޯކޮށް ވާރޭ ވެހޭ ސަރަހައްދުތަކުގައި ފެން ބޮޑުވުން އެކަށީގެންވާކަމަށާއި މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދަނީ ދެ މޫސުންބެދޭ ވިއްސާރަ ކަމަށެވެ.