ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓެންބަރގ ޔޫކްރެއިންގެ ވެރިރަށް ކީވަށް ވަޑައިގަންނަވައި, އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުމުުގައި ވާހަކަފުޅު ދައްކަވަމުން ސްޓޮލްޓެންބަރގ ވިދާޅުވީ, ޔޫކްރެއިންގެ ރައްޔިތުންގެ ކުރިމަތީގައި ނޭޓޯ ފޭލުވެފައިވާ ކަމުގައެވެ. ނަމަވެސް, ރަޝިޔާގެ އިސްތިޢުމާރީ ސިފައިންގެ އަތްދަށުން މިނިވަން ކަން ހޯދުމަށް ކުރަމުންދާ ހަނގުރާމައަށް ބޭނުންވާ ހަތިޔާރު ފޯރުކޮށްދިނުން އިތުރު ކުރަން ނޭޓޯއިން މަސައްކަތް ކުރާނެ ކަމުގައެވެ.
ކީވަށް ސިއްރިޔާތުގައި ކުރެއްވި ދަތުރުފުޅުގައި ސްޓޮލްޓެންބަރގ ވަނީ ޒެލެންސްކީއާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ޔޫކްރެއިންގެ ޤާނޫނު ހަދާ މަޖިލީހުގައި ވެސް ތަޤުރީރު ކުރައްވާފައެވެ. މިއީ, 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ޔޫކްރެއިނަށް އަރައި ރަޝިޔާއިން ހަނގުރާމަ ފެށި ފަހުން ސްޓޮލްޓެންބަރގ ކީވަށް ވަޑައިގެންނެވި ތިންވަނަ ފަހަރެވެ.
"ފާއިތުވި ހަ މަސް ދުވަހު އެމެރިކާ ހޭދަކޮށްފައި ވަނީ ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އައުމުގައި. ކުރިއަށް އޮތް ތަނުގައި ހާލަތު ބަދަލުވާނެ ކަމުގެ ޔަގީންނަށް އަޅުގަނޑަށް ވަނީ ލިބިފައި،" ސްޓޮލްޓެންބަރގ ވިދާޅުވިއެވެ. އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ, ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމަށް ބޭނުންވާ ހުއްދަތައް ހޯދަން ރައީސް ޖޯ ބައިޑަން ކުރައްވަމުން ގެންދެވި މަސައްކަތްތަކަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސް, ކޮންގްރެސުން ކުރިމަތިވި ހުރަސްތަކަށެވެ.
ނަމަވެސް, ކޮންގްރެސުން ދާދި ފަހުން ވަނީ ޔޫކްރެއިނަށް 60 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ފޯރުކޮށްދިނުމުގެ ހުއްދަދީ, ބިލެއް ފާސް ކޮށްފައެވެ. އަދި, އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކް ވެސް ދާދި ފަހުން ވަނީ ޔޫކްރެއިނަށް އިތުރު ހަތިޔާރު ފޯރުކޮށްދިނުމަށް ވަޢުދުވެ ވަޑައިގަންނަވާފައެވެ. މީގެ އިތުރުން, ޔޫކްރެއިނަށް ޕޭޓްރިއަޓް މަރުކާގެ މިސައިލް ފޯރުކޮށްދޭން ޖަރުމަނުވިލާތުން އެއްބަސްވެފައިވާއިރު, ނެދަރލެންޑްސުން ވެސް ވަނީ ޔޫކްރެއިނަށް އިތުރު އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައެވެ.
"ޔޫކްރެއިނަށް ވަގުތު ފާއިތުވެފައިވާ ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. ނަމަވެސް, ނޭޓޯއިން ވަޢުދުވެފައިވާ ގޮތަށް ޔޫކްރެއިނަށް އިތުރު ހަތިޔާރު ފޯރުކޮށްދިނުން އަވަސް ކުރަން ޖެހޭ. އެ ކަން ރަނގަޅުވާނެ ކަމުގެ ޔަގީން ކަން އަޅުގަނޑަށް އެބައޮތް،" ސްޓޮލްޓެންބަރގ ވިދާޅުވިއެވެ.
ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާގެ އިސްތިޢުމާރީ ފައުުޖުން ވަނީ އެ ޤައުމުގެ ބައެއް ސަރަޙައްދުތަކަށް ވަނީ އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި އެ ޤައުމުގެ އިރުމަތީގައި އޮންނަ ދޮންބާސްގެ ލުހާންސްކާއި ދޮންޏެސްކުގެ އިތުރުން ދެކުނުގައި އޮންނަ ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ. އެ ސަރަޙައްދުތައް މިނިވަން ކުރަން ޔޫކްރެއިނުން ވަނީ ކައުންޓަރއޮފެންސިވެއް ނުވަތަ ރައްދު ޙަމަލާގެ އަސްކަރީ ކެމްޕޭނެއް ފަށާފައެވެ.