ފަލަސްޠީނުގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ފަށާފައިވާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 35,535އަށް އުފުލިފައިވާ ކަން ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކޮށްފިއެވެ. މި ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 77,704އަށް އުފުލިފައިވާއިރު, ޔަހޫދީ ފައުޖުން މިހާރު ދަނީ އެ ސަހަރުގެ އެންމެ ދެކުނުން އޮތް ތޮއްޖެހިފައިވާ ރަފަޙަށް އެރުމަށް ތައްޔާރުވަމުންނެވެ.
ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އެކި ސަރަޙައްދުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. މި ޙަމަލާތަކުގައި އެކަނިވެސް 47 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށާއި, އިތުރު 61 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.
ޣައްޒާގެ ކުއްލި ހާލަތްތަކާ ބެހޭ މަދަނީ އިދާރާއިން ބުނީ, 2023 އޮކްޓޫބަރު 7ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ދެމުންދާ ރަޙުމު ކުޑަ ޙަމަލާތަކުގައި ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވޭ ކަމުގައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި އެ ޢަދަދު ނުހިމަނާ ކަމުގައި ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުންޏެވެ.
ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޢާންމުންގެ ގެދޮރާއި, ހަސްފަތާލުތަކާއި, މަދަރުސާތަކާއި މިސްކިތްތަކަށެވެ. ޣައްޒާގައި ހުރި ޢިމާރާތްތަކުގެ ތެރެއިން 75 އިންސައްތަ މިހާރު ވަނީ ސުންނާފަތިކޮށް, ބިމާ ހަމަކޮށްލާފައެވެ. "އެ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުންގެ ހަށިތައް ނެގުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައި. އެ ކަމަށް ބޭނުންވާ ސާމާނެއް ނެތް،" ޣައްޒާގެ ކުއްލި ހާލަތްތަކާ ބެހޭ އިދާރާއިން ބުންޏެވެ.
މި ކަމާ ގުޅިގެން ޣައްޒާގައި ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރެމުންދާ ކަމުގައި ވެސް އެ ސަހަރުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ކުރިއަށް އޮތް ހޫނު މޫސުމާ އެކު, ޣައްޒާގެ ރައްޔިތުންގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ވެސް އެ ވުޒާރާއިން އިންޒާރު ކުރިއެވެ.
ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން 1.5 މިލިޔަނެއްހާ މީހުން މި ވަގުތު ތިބީ ރަފަޙުގައެވެ. ޔަހޫދީ ފައުޖުން މިހާރު ދަނީ އެއްގަމު މަގުން އެ ރަށަށް އަރައި, ގަތުލުއާންމު ހިންގަން ތައްޔާރުވަމުންނެވެ. ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާ ދެމެދު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލެވުނު ނަމަވެސް އެ ރަށަށް އަރައި މުސްލިމުންގެ ލޭއޮހޮރުވައިލާނެ ކަމުގައެވެ.