މާލެ ކައިރިން ދަތުރު ދިއުމަށް ތަރައްޤީކޮށްފައިވާ ކުޑަގިރި މިހާރަށްވުރެ ފުރިހަމައަށް ރައްޔިތުންނަށް ޚިދުމަތް ލިބޭގޮތަށް ތަރައްޤީކުރައްވާނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ޗީފް ސްޕޯކްސް ޕަރސަން ހީނާ ވަލީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭގެ ރައްޔިތުންނަށް ޚާއްސަ ތަނެއްގެ ގޮތުގައިކަމަށެވެ. އަދި ކުޑަގިރީގައި މިހާރު ހުރި ވަސީލަތްތައް މަދުކަމާއި ހުރި ދަތިތަކާ ގުޅިގެން ލިބެމުންދާ ޝަކުވާތަކަށް ޙައްލެއް ހޯދުމުގެ މަސައްކަތްތައް ކުރައްވަނެކަމަށް ހީނާ ވިދާޅުވިއެވެ.
އެގޮތުން އެ ޝަކުވާތަކަށް ހައްލެއް ގެނައުމުގެ ގޮތުން ކުޑަގިރި މިހާރަށްވުރެ ފުރިހަމައަށް ރައްޔިތުންނަށް ޚިދުމަތް ލިބޭގޮތަށް ސަރުކާރުން ތަރައްޤީކުރައްވާނެކަމަށް ހީނާ ވިދާޅުވިއެވެ.
ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭގެ ރައްޔިތުންނަށް ޚާއްސަ ތަނެއްގެ ގޮތުގައި. މިހާރުހުރި ވަސީލަތްތައް މަދުކަމާއި ހުރިދަތިތަކާގުޅިގެން ލިބެމުންދާ ޝަކުވާތަކަށް ޙައްލެއް ހޯދުމުގެ ގޮތުން ކުޑަގިރި މިހާރަށްވުރެ ފުރިހަމައަށް ރައްޔިތުންނަށް ޚިދްމަތްލިބޭގޮތަށް ސަރުކާރުން ތަރައްޤީކުރާނެ pic.twitter.com/pa5HXJkJeS
— Heena Waleed (@MvSpokesperson) May 1, 2024
ކުޑަގިރި ޕިކްނިކް އައިލެންޑަކީ މާލެ ކައިރިން ދަތުރުދާނެ ރަށެއްގެ ގޮތުގައި މިދިޔަ ސަރުކާރުން ތަރައްޤީކޮށްފައިވާ ރަށެކެވެ. މި ރަށް އާންމުނަން ހުޅުވާލީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
މިއީ އާންމުންނަށް ދަތުރުދިއުމަށް ޚާއްސަކޮށް މި ކޮންސެޕްޓަށް ރާއްޖޭގައިވެސް ތަރައްޤީކުރި ފުރަތަމަ ރަށެވެ. މިތަނުގައި ރަށުގެ ކަންކަން ބެލެހެއްޓުމަށް ޚާއްސަ އޮފީހަކާއި، ކެފޭއާއި ފިހާރަ އަދި މަޑުކޮށްލައިގެން ތިބުމަށް ޑޭ ރޫމްތައް ވަނީ ހަދާފައެވެ.
ރަށަށް ދަތުރުދާ މީހުންނަށް މަޑުކޮށްލައިގެން ތިބޭ ހަޓުތަކަކާއި ގިނަ ކުޅިވަރު ހަރަކާތްތަކެއް ރަށުގައި ކުރިއަށްގެންދެވޭނެ ފެސިލިޓީތައް ވަނީ ހަދާފައެވެ. މި ރަށް ހިންގަމުންދަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީގެ ބެލުމުގެ ދަށުންނެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑްގައި އެއްފަހަރާ 500 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ދެވޭނެ ވަޞީލަތްތައް ވަނީ ޤާއިމުކޮށްފައެވެ. ރަށް ތަރައްޤީކޮށްފައިވަނީ، ރަށުގެ ހުރިހާ ހިސާބުތަކަށް ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށްވެސް ދެވޭގޮތަށެވެ.