ކުޅިވަރު

ލީގުގައި އާދައިގެ އެއްވެސް ޓީމެއް ނެތް - ސުޒޭން


ލީގުގައި އާދައިގެ އެއްވެސް ޓީމެއް ނެތް ކަމަށާއި މިސީޒަނަކީ ފޯރިގަދަ ވާދަވެރި ސީޒަނަކަށް ވެގެންދާނެ ކަމަށް މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނެފިއެވެ. 

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ބީޖީއާ ދެކޮޅަށް މާދަމާ ނިކުންނަ މެޗާ ގުޅޭ ގޮތުން ވާހަކަދައްކަމުން ސުޒޭން ބުނީ ބީޖީއަކީވެސް އާދައިގެ ޓީމެއް ނޫން ކަމަށާއި ބީޖީއާ ދެކޮޅަށް ނިކުންނަން ޖެހޭނީވެސް ފަރުވާތެރިވެގެން ކަމަށެވެ. މާޒިޔާގެ އަމާޒަކީ މިއަހަރުގެ ލީގު ހޯދުން ކަމަށްވާއިރު ކޮންމެ މެޗަކީވެސް މާޒިޔާއަށް ވަރަށް މުހިންމު މެޗެއް ކަމަށްވެސް ސުޒޭން ބުންޏެވެ.

" މިއަހަރު ވެގެންދާނެ ވާދަވެރި ފޯރިގަދަ ސިޒަނަކަށް. ވަކި މެޗެއް ފަސޭހައެކޭ ނުބުނެވޭނެ. މާޒިޔާ އޮތީ ބީޖީ މެޗަށް ރަނގަޅަށް ތައްޔާރުވެފައި" ސުޒޭން ބުންޏެވެ.

ބީޖީގެ ކޯޗް މުހައްމަދު ޝާޒްލީ ބުނީ ލީގުގައި ވާދަކުރާ ހުރިހާ ޓީމަކާ މާޒިޔާ ތަފާތު ކަމަށާއި ނަމަވެސް ފުރަތަމަ މެޗްގައި ބީޖީގެ ފަރާތުން ފެނުނީ އަސްލު ފެންވަރު ނޫން ކަމަށެވެ. ބީޖީ މާދަމާ މާޒިޔާއާ ދެކޮޅަށް ނިކުންނައިރު މާޒިޔާއަށް ވީތީ ވަކި ނުބަލާނެ ކަމަށާއި މެޗް ނިންމާލަން ބޭނުން ވަނީ މަދުވެގެން ޕޮއިންޓެއް ހޯދައިގެން ކަމަށް ޝާޒްލީ ބުންޏެވެ.

" މާޒިޔާއަކީ މިސީޒަންގައި އޮތް އެންމެ ވަރުގަދަ ޓީމް. ހުރިހާ ގޮތަކުން ބެލި ނަމަވެސް. ނަމަވެސް ބީޖީ ނިކުންނާނީ ވަރަށް ފަރުވާތެރިވެގެން މަދުވެގެން ޕޮއިންޓެއް ވިޔަސް ހޯދަން" ޝާޒްލީ ބުންޏެވެ. 

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފައިވާއިރު ބީޖީ ކުޅުނު ފުރަތަމަ މެޗުން އެޓީމް ވަނީ ބަލިވެފައެވެ. ލީގުގައި މާދަމާ މާޒިޔާ އަދި ބީޖީ ވާދަކުރާ މެޗް ފަށާނީ ހަވީރު ހަތަރެއް ޖަހާއިރުއެވެ. މިމެޗް ޔެސް ޓީވީއިން ވަގުތުން ގެނެސްދޭނެއެވެ.