ކުޅިވަރު

ޔުނައިޓެޑް ވިކްޓްރީ ފެންނާނީ ވާދަވެރިކޮށް - އާތިފް


އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއެންޓާ ދެކޮޅަށް ނިކުންނައިރުވެސް ޓީމާ ދޭތެރޭ އުއްމީދު އެބައޮތް ކަމަށް ޔުނައިޓެޑް ވިކްޓްރީގެ ކޯޗް މުހައްމަދު އާތިފް ބުނެފިއެވެ. 

ހައިރާންކުރަނިވި ގޮތަކަށް ލީގުގެ ފުރަތަމަ މެޗްގައި ވިކްތްރީގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯދި ޔުނައިޓެޑް ވިކްޓްރީގެ ކޯޗް އާތިފް ބުނީ ލީގުގެ ފުރަތަމަ މެޗުން ލިބުނު މޮޅަކީ ސީޒަންގައި ކުރިއަށްދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި، ލީގަށް ޔުނައިޓެޑް ވިކްޓްރީ އާ ނަމަވެސް ދަނޑުމަތިން އެތަން ނުދައްކާނެ ކަމަށެވެ. އަދި ޓީމްގެ ހުރިހާ ކުޅުންތެރިންގެ ބުރަ މަސައްކަތް ފާހަގަކުރެވޭ ކަމަށާއި މިސީޒަނުގައި ޔުނައިޓެޑް ވިކްޓްރީއިން ފޯރިގަދަ ވާދަވެރި ކުޅުމެއް ދައްކާނެ ކަމަށްވެސް އާތިފް ބުންޏެވެ.

"ފުރަތަމަ މެޗުން އިނގިއްޖެ ކުޅުންތެރިންގެ ހިތްވަރު. ސަޕޯޓަރުންނަށް ދޭން ބޭނުންވާ ޔަޤީން ކަމަކީ ވާދަވެރި ފުޓްބޯޅައެއް ޔުނައިޓެޑް ވިކްޓްރީ ކުޅޭނެއޭ " އާތިފް ބުންޏެވެ.

ނިއުރޭޑިއެންޓްގެ ކޯޗް ޔަރްދާން ސްޓައިކޯވް ބުނީ ލީގުގައި މާޒިޔާ ފިޔަވައި ކޮންމެ ޓީމަކީވެސް ވަރަށް ވާދަވެރި ޓީމްތަކެއް ކަމަށާއި، މިފަހަރުގެ ސީޒަން ފަސޭހަ ނުވާނެ ކަމަށެވެ. އަދި ވިކްޓްރީ ބަލިކޮށް ޔުނައިޓެޑް ވިކްޓްރީ ނިއުރޭޑިއެންޓާ ވާދަކުރާއިރު އެޓީމްގެ ވިސްނުން ހުންނާނެ ފެންވަރު އިނގޭ ކަމަށްވެސް ސްޓައިކޯވް ބުންޏެވެ.

" ވިކްޓްރީ ބަލިކޮށް ނިއުރޭޑިއެންޓް ކަހަލަ ޓީމަކާ ދެކޮޅަށް ނިކުންނައިރު އެޓީމް އޮންނާނީ ވަރަށް މޯޓިވޭޓްވެފަ. ވަރުގަދަ ވާނެ. އެހެން ނަމަވެސް އަހަރެންގެ ކުޅުންތެރިންނަށް އަހަރެން އިތުބާރު ކުރަން" ސްޓައިކޯވް ބުންޏެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއެންޓާ ޔުނައިޓެޑް ވިކްޓްރީ ވާދަކުރާ މެޗް ފަށާނީ މާދަމާ ރޭ ނުވައެއް ޖަހާއިރުއެވެ. މިމެޗްވެސް ޔެސް ޓީވީއިން ވަގުތުން ގެނެސްދޭނެއެވެ.