ޕާކިސްތާނުގައި ފަރުބަދަމަތީ ސަރަޙައްދަކުން ދަތުރު ކުރަމުން ދިޔަ ބަހެއް ކޮންޓްރޯލް ނުވެ, މަގުން ބޭރަށް ވެއްޓި 20 މީހުން މަރުވެއްޖެއެވެ. މިި ހާދިސާ ހިނގާފައި ވަނީ އެ ޤައުމުގެ އުތުރުގައި އޮންނަ ގިލްގިތް-ބަލްތިސްތާންގެ ރަށެއް ކަމުގައިވާ ދިއަމަރުގައެވެ. މި ހާދިސާގައި ބަހުގައި ދަތުރު ކުރި ފަސިންޖަރުންގެ ތެރެއިން އިތުރު 21 މީހަކު ޒަޚަމުވެ, ފަރުވާ ދޭން ޖެހުނެވެ.
ފަރުބަދަމަތީ މަގުން ދަތުރު ކުރަނިކޮށް ކޮންޓްރޯލް ގެއްލި މަގުން ބޭރަށް ވެއްޓިފައި ވަނީ އިރުމަތީ ޕުންޖާބް ޕުރޮވިންސުން ފުރައިގެން ގިލްގިތް-ބަލްތިސްތާނަށް ދަތުރު ކުރަމުން ދިޔަ ބަހެކެވެ. މި ހާދިސާ ހިނގާފައި ވަނީ ފަތިހުގެ ވަގުތުގައެވެ. ގިލްގިތް-ބަލްތިސްތާންގެ ސަރުކާރުގެ ތަރުޖަމާނު ފާއިޒުالله ފިރާޤު ވިދާޅުވީ, މަގުން ބޭރަށް ވެއްޓުނު ބަސް, ފަރުބަދަމަތީ ސަރަޙައްދުގެ ވަރަށް ތިރިއަށް ވެއްޓިފައިވާ ކަމުގައެވެ.
މި ހާދިސާ ހިނގުމާ އެކު, ބަހުގައި ދަތުރު ކުރަމުން ދިޔަ ފަސިންޖަރުން ސަލާމަތް ކުރުމަށް ސަރުކާރުން ޚާއްޞަ އޮޕަރޭޝަނެއް ފަށާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. މި ހާދިސާގައި ޒަޚަމުވި 21 މީހުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ހަސްފަތާލުގައި އެޑްމިޓު ކޮށްގެން ފަރުވާ ދޭން ޖެހުނު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޕާކިސްތާނަކީ މި ފަދަ ނުރައްކާތެރި މަގުމަތީގެ އެކްސިޑެންޓުގެ ޢަދަދު ގިނަ ޤައުމެކެވެ. މި ކަމަށް މެދުވެރިވާ އެއް ސަބަބަކީ, މަގުމަތީގެ ޤަވާޢިދުތަކާ ޚިލާފުވުމާއި މަގުތަކުގެ ހާލަތެވެ. ރަށްފުށު ސަރަޙައްދުތަކުގެ ގިނަ މަގުތައް ރަނގަޅު ފެންވަރަކަށް ހަދާފައެއް ނުވެއެވެ.
ޕާކިސްތާނުގެ އުތުރުގައިވާ ފަރުބަދަމަތީ ސަރަޙައްދުތަކުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ޕާކިސްތާން ސަރުކާރުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް, އެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ނުރައްކަލާ އެކު, އެ މަސައްކަތަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ޚައިބަރް ޕަޚްތޫންޚާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތަކުން މާރިޗު މަހު ދިން ޙަމަލާއެއްގައި ހަ މީހަކު މަރައިލާފައިވެއެވެ.