ކުޅިވަރު

ވިކްޓްރީއާ ދެކޮޅަށް ޓީސީގެ އަސްލު ފެންވަރު ފެންނާނެ - ނިޒާމް


ވިކްޓްރީ ވަނީ މިސީޒަނަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި، ޓީސީގެ އަސްލު ފެންވަރު ވިކްޓްރީއާ ދެކޮޅަށް ފެންނާނެ ކަމަށް ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނެފިއެވެ. 

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މާދަމާ ވިކްޓްރީއާ ދެކޮޅަށް ނިކުންނަ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނިޒާމް ބުނީ އެއްވެސް ޓީމެއްގެ އަސްލު ފެންވަރު ފުރަތަމަ މެޗުން ނޭނގޭނެ ކަމަށާއި ވިކްޓްރީއަކީ އަބަދުވެސް ރާއްޖޭގެ ވަރުގަދަ ބާރެއް ކަމަށެވެ. ވިކްޓްރީއަށް ދޭންވާ ފުރިހަމަ އިހްތިރަމް ދޭ ކަމަށާއި، ނަމަވެސް ސީޒަންގެ ފުރަތަމަ މޮޅު ވިކްޓްރީއާ ދެކޮޅަށް ކުޅެ ލިބޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ނިޒާމް ބުންޏެވެ. ޓީމް އެންމެ ފަހުން އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗްގައިވެސް ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި މަދުވީ ތިން ޕޮއިންޓް ކަމަށްވެސް ނިޒާމް ބުންޏެވެ.

" އެދުވަހު މެޗްގައި މޮޅެއް ޓީސީއަށް މަދުވީ. ފުރަތަމަ މެޗް ވީމަ ހުންނަނެ އުނގަގޫތަކެއް. ނަމަވެސް މިމެޗްގައި ޓީސީގެ އަސްލު ކުޅުން ފެންނާނެ " ނިޒާމް ބުންޏެވެ.

ވިކްޓްރީގެ ކޯޗް މުހައްމަދު ނަޒީހު ބުނީ ވިކްޓްރީ ޔުނައިޓެޑް ވިކްޓްރީ އަތުން ވީ ލަުދވެތި ބައްޔެއް ކަމަށާއި، ނަމަވެސް ކޮންމެ ދުވަހަކީ އެކަން ތަކުރާރުވާނެ ދުވަހެއް ނޫން ކަމަށެވެ. ޓީމް އޮތީ ލީގަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި، ޓީސީއާ ދެކޮޅަށް ނިކުންނައިރު އިތުރު ބިދޭސީ ޑިފެންޑަރެއްވެސް ޓީމާ ގުޅިފައިވާ ކަމަށް ނަޒީހު ބުންޏެވެ. އަދި ޓީސީގެ މައްޗަށް ކުރި ހޯދޭނެ ކަމުގެ ޔަޤީންކަން އޮތްކަމަށްވެސް ނަޒީހު ބުންޏެވެ.

" ދެން ޓީސީއާ ދެކޮޅަށް ނިކުންނައިރު ޓީސީއަކީ ވަކި ބޮޑު ޓީމެއް ނޫން. އެގޮތަކަށް ނުވެސް ބަލަން. ބޭނުންވަނީ މެޗް ކާމިޔާބުކޮށްގެން ފައިބާން" ނަޒީހު ބުންޏެވެ.

ވިކްޓްރީ އަދި ޓީސީވެސް ވަނީ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ. މިދެޓީމް ވާދަކުރާ މެޗް ފަށާނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރުއެވެ.