ޚަބަރު

ގިރާވަރުފަޅުން ގުޅީފަޅަށް ގޯތި ބަދަލު ކުރަން އިތުރު ފުރުޞަތެއް


  • 1347 ބިމެއް ގުޅިފަޅަށް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލި

  • 2450 އަދި 2050 އަކަފޫޓުގެ ގޯތި ބަދަލު ކުރަން ހުށަހެޅީ ކަނޑައެޅި އަދަދަށްވުރެ މަދުން

ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލު ކުރަން ބޭނުންވާ މީހުން އެކަމަށް އެދި ހުށަހަޅަން އިތުރު ފުރުސަތެއްދީފިއެވެ.

ގެދޮރުވެރިކަމާއި، ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ އެވުޒާރާއިން ވަނީ ގިރާވަރުފަޅުން ދޫކުރި ބިމުގެ ތެރެއިން 1347 ބިމެއް ގުޅިފަޅަށް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ގޯތިތައް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވަނީ ގިރާވަރުފަޅުން ހިއްކާ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިންމު ޚިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ނެތި، ގޯތިތައް ދޫކޮށްފައިވާތީއެވެ.

އެގޮތުން 1250 އަކަފޫޓުގެ 193 ގޯއްޗާއި 1650 އަކަފޫޓުގެ 663 ގޯއްޗާއި 2050 އަކަަފޫޓުގެ 487 ގޯއްޗާއި 2450 އަކަފޫޓުގެ ހަތަރު ގޯތި ހިމެނެއެވެ. ނަމަވެސް ގޯތި ބަދަލު ކުރަން ހުޅުވާލި ފުރުސަތުގައި 2450 އަދި 2050 އަކަފޫޓުގެ ގޯތި ބަދަލު ކުރަން ހުށަހެޅީ ކަނޑައެޅި އަދަދަށްވުރެ މަދުވުމުން އަނެއްކާ ވެސް އެ ދެ ކެޓަގަރީގެ ގޯތި ބަދަލު ކުރަން ބޭނުންވާ މީހުންނަށް މިއަދު އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ގޯތި ބަދަލުކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

ގިރާވަރުފަޅުން ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ މީހުންނަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ބިމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ގެދޮރުވެރިކަމާއި، ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ ކަނޑައެޅިފައިވާ އަދަދަށްވުރެ ގުޅީފަޅަށް ބަދަލުވާން ހުށަހަޅުއްވާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅީފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުންކަމަށެވެ.