ޚަބަރު

މިމަހުގެ ބިލުތަކުންވެސް %10 ޑިސްކައުންޓެއް ދޭނެ: އެމްޑަބްލިއުއެސްސީ


  • ރަމަޟާން މަހު 14.13 މިލިޔަން ރުފިޔާގެ ޑިސްކައުންޓު ދީފައިވޭ

  • މި ފަހަރު ޑިސްކައުންޓު ދޭނީ 12 އޭޕްރިލްއިން 12 މެއިއާ ހަމައަށް

އޭޕްރީލް މަހުގެ ފެންބިލުންވެސް 10 އިންސައްތައިުގެ ޑިސްކައުންޓެއް ދޭނެކަމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް ރަމަޟާން މަހުގެ ކަރަންޓު ބިލު ކުޑަކުރުމުގެ ގޮތުން އެ ކުންފުނިން ނެގި ކަރަންޓާއި ފެން ބިލުތަކަށް 10 އިންސައްތައިގެ ޑިސްކައުންޓެއް ދީފައިވާކަމަށެވެ. އެގޮތުން 14.13 މިލިޔަން ރުފިޔާ ޑިސްކައުންޓުގެ ގޮތުގައި ދީފައިވާކަމަށް އެމްޑަބްލިޔުއެސްސީގެ ބަޔާނުގައިވެއެވެ. އަދި އެއީ ޑޮމެސްޓިކް ކެޓެގަރީއަށް ބިލު ކުރެވިފައިވާ މިންވަރުގެ 24.5 އިންސައްތަކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ރަމަޟާން މަހެކޭ އެއްގޮތަށް މިމަހު ފޮނުވި ފެންބިލުންވެސް 10 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށާއި އަލަށް ފެނާއި ކަރަންޓު ލާފައިވާ މީހުންނަށް ފޮނުވާ ފުރަތަމަ ބިލަކީ މިދިޔަ މަހުގެ ބިލުކަމުގައިވާނަމަ އެ މީހުންނަށްވެސް 10 އިންސައްތައިގެ ޑިސްކައުންޓު ދެވޭނެކަމަށެވެ. އެންމެ ފަހުން ގޭބިސީތަކަށް ފޮނުވި ބިލުންވެސް ޑިސްކައުންޓު ދޭނީ އޭޕްރީލް މަހުގެ 12އިން މި މެއި މަހުގެ 12އާ ހަމައަށްކަމަށް އެކުންފުނިން މަޢުލޫމާތުދެއްވިއެވެ.

އެމްޑަބްލިޔުއެސްސީން ހަމައެކަނި ކަރަންޓުގެ ޚިދުމަތްދޭ ރ. ދުވާފަރުގެ ގެތަކަށް މިއުސޫލާއެއްގޮތަށް ޑިސްކައުންޓްދޭނެކަން އެ ކުންފުނިންވަނީ ބުނެފައެވެ. ކ. މާފުށްޓަށާއި ހދ. ކުޅުދުށްފުއްޓަށާއި މާލެ ސަރަހައްދުގެ އިތުރުން ދުވާފަރަށް ފެނުގެ ޚިދުމަތް ދެނީ އެމްޑަބްލިޔުއެސްސީންނެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާއި އެއްގޮތަށް ރޯދަމަހުގެ ކަރަންޓު ބިލް އެހެން މަސްތަކަށް ވުރެ ބޮޑު ނުވާ ގޮތަށް ހަދައި، ކަރަންޓު ޚިދުމަތްދޭ ކުންފުނިތަކުންވެސްވަނީ ބިލްތައް އަދާހަމަކޮށްފައެވެ.