ޚަބަރު

ޔޫކްރެއިނުން ރަޝިޔާގެ އަސްކަރީ މަތިންދާބޯޓެއް ވައްޓައިލައިފި


ރަޝިޔާގެ ފައުޖުތަކުން ޔޫކްރެއިނަށް އެންމެ ފަހުން ދީފައިވާ ޙަމަލާތަކުގައި ޢާންމުންގެ ދެ މީހުން މަރައިލައިފިއެވެ. މި ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ހަރްކިވާއި ދްނީޕްރޯގެ އިތުރުން ކަޅު ކަނޑުގެ ބަނދަރުމަތީ ރަށް, އޮދެއްސާއަށެވެ. ޔޫކްރެއިނުން ބުނީ, އެ ރަށްތަކަށް ޙަމަލާ ދިނުމުގައި ބައިވެރިވި ރަޝިޔާގެ އަސްކަރީ މަތިންދާބޯޓެއް ވައްޓައިލާފައިވާނެ ކަމުގައެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ, ރަޝިޔާގެ އަސްކަރީ މަތިންދާބޯޓު ވައްޓައިލާފައި ވަނީ އެ ޤައުމުގެ އިރުމަތީ ދޮންޏެސްކު ސަރަޙައްދުން ކަމުގައެވެ. އެއީ, އެސްޔޫ-25 މަރުކާގެ ބޮންއަޅާ މަތިންދާބޯޓެކެވެ. ދޮންޏެސްކަކީ, 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ރަޝިޔާއިން ފެށި ހަނގުރާމައިގައި އަތްގަދަ ކޮށްފައިވާ ސަރަޙައްދެކެވެ.

ޔޫކްރެއިނާ އެކު ސުލްޙަ ގާއިމުކޮށް, ހަނގުރާމަ ހުއްޓައިލަން ރަޝިޔާއިން ބޭނުން ނުވާ ކަން އެ ޤައުމުގެ އަމަލުތަކުން ހާމަވާ ކަން ފާހަގަ ކުރައްވައި ޒެލެންސްކީ ވިދާޅުވީ "ރަޝިޔާއިން ފަށާފައިވާ ހަނގުރާމަ ހުއްޓުމަކަށް ގެނެވޭނީ އެ ޤައުމަށް މަޖުބޫރު ކޮށްގެން" ކަމުގައެވެ. ޖޫން މަހު ސްވިޓްޒަލެންޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަޝިޔާ-ޔޫކްރެއިން ސުލްޙައިގެ ސަމިޓުގައި ރަޝިޔާއިން ބައިވެރިނުވި ނަމަވެސް, އެ ސަމިޓުގައި ކާމިޔާބީ ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވެސް ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިޔާއިން ހަރްކިވާއި ދްނީޕްރޯގެ އިތުރުން އޮދެއްސާއަށް ދީފައިވާ ޙަމަލާތަކުގައި ދެ މީހަކު މަރުވެފައިވާއިރު, ބޮޑެތި ގެއްލުންތަކެއް ވެސް ލިބުނެއެވެ. އެ ޙަމަލާތަކާ ގުޅިގެން ކާބޯތަކެތި އުފައްދާ ކާރުޚާނާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. އަދި, ޢުމްރަނީ ވަސީލަތްތަކާއި, ޢާންމުންގެ ގެދޮރުގެ އިތުރުން ވިޔަފާރިކުރާ ޢިމާރާތްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ހަރްކިވްގެ ގަވަރުނަރު އޮލެހް ސިނެހުބޮވް ވިދާޅުވީ, އެ ސަރަޙައްދުގެ ސްލޮބޮޜަންސްކާ އަވަށުގައި ހުންނަ ގެއަކަށް ރަޝިޔާއިން ދިން ޙަމަލާއެއްގައި 49 އަހަރުގެ ފިރިހެނެއް މަރުވި ކަމުގައެވެ. އަދި, ހަރްކިވް ސިޓީއަށް ދިން ޙަމަލާއެއްގައި 82 އަންހެނެއް މަރުވެ, އިތުރު ދެ މީހުން ޒަޚަމުވި ކަމުގައެވެ. ހަރްކިވްގެ ސިނާޢީ ސަރަޙައްދުގައި ހުންނަ އަމިއްލަ ކުންފުންޏެއްގެ ޢިމާރާތަކަށް ދިން ޙަމަލާއެއްގައި ވެސް ހަ މީހުން ޒަޚަމުވިއެވެ.

މީގެ އިތުރުން, ޔޫކްރެއިންގެ ދެކުނުގައި އޮންނަ އޮދެއްސާއަށް ރަޝިޔާއިން ދިން މިސައިލް ޙަމަލާތަކުގައި ތިން މީހުން ޒަޚަމުވި ކަމުގައި އެ ސަރަޙައްދުގެ ގަވަރުނަރު އޮލެހް ކީޕަރް ވިދާޅުވިއެވެ. އަދި, ދްނީޕްރޯޕެތްރޯވްސްކާއަށް ދިން ޙަމަލާތަކުގައި 57 އަހަރުގެ އަންހެނަކަށް އަނިޔާވެފައިވާއިރު, ނިކޮޕޮލްގެ ސިނާޢީ ސަރަޙައްދަށް ވެސް ރަޝިޔާއިން ވަނީ ވަރުގަދަ ޙަމަލާތަކެއްދީ, ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެއީ, ޒަޕޮރީޜިޔާގައި ހުންނަ ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓް ކައިރީގައި އޮންނަ ރަށެކެވެ.

ޒެލެންސްކީ ވިދާޅުވީ, އެ ސަރަޙައްދުތަކަށް ޙަމަލާ ދޭން ރަޝިޔާއިން އެކި ބާވަތްތަކުގެ އަށް މިސަައިލާއި 70އަށްވުރެ ގިނަ ގައިޑެޑް ބޮން ބޭނުން ކޮށްފައިވާ ކަމުގައެވެ. އެ ސަރަޙައްދުތަކަށް ޙަމަލާ ދޭން ރަޝިޔާއިން ބޭނުން ކުރި ޝާހިދް މަރުކާގެ 13 ޑްރޯން ޔޫކްރެއިންގެ ވައިގެ ސިފައިން ވަނީ ދިފާޢުކޮށް ވައްޓައިލާފައެވެ.

ރަޝިޔާގެ ދިފާޢީ ވަޒީރު ސިރްގިޔޭ ޝޮއިގޫ ވިދާޅުވީ ހަނގުރާމައިގައި ރަޝިޔާގެ ފައުޖުތަކުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކަމުގައެވެ. މި ގޮތުން, މި އަހަރުގެ ތެރޭގައި ޔޫކްރެއިންގެ 547 އަކަ ކިލޯމީޓަރުގެ ސަރަޙައްދަކަށް ރަޝިޔާ ސިފައިން އަތްގަދަ ކޮށްފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

މި ހަނގުރާމައިގައި ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ ބޮޑު ސަރަޙައްދަކަށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި އިރުމަތީގައި އޮންނަ ދޮންބާސްގެ ދެ ސަރަޙައްދު, ލުހާންސްކާއި ދޮންޏެސްކު ހިމެނެއެވެ. އަދި, ދެކުނުގައި އޮންނަ ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ. ރަޝިޔާގެ ފައުޖާ ދެކޮޅަށް ޔޫކްރެއިނުން ވަނީ ކައުންޓަރއޮފެންސިވެއް ނުވަތަ ރައްދު ޙަމަލާގެ އަސްކަރީ ކެމްޕޭނެއް ފަށާފައެވެ.