ޚަބަރު

ބްރެޒިލްގެ ދެކުނުގައި ފެންބޮޑުވެ މަރުވި މީހުންގެ ޢަދަދު 55އަށް


ބްރެޒިލްގެ އެންމެ ދެކުނުން އޮންނަ ހިއޮ ގްރަންޖެ ދު ސޯއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 55އަށް އުފުލިއްޖެއެވެ. އެ ސްޓޭޓްގެ މަދަނީ ދިފާޢާ ބެހޭ އިދާރާއިން ބުނީ, ފެންބޮޑުވުމާ ގުޅިގެން ގެއްލިފައިވާ ކަމަށް ބެލެވޭ 74 މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައެވެ.

ހިއޮ ގްރަންޖެ ދު ސޯއަކީ އާޖެންޓީނާއާއި ޔުރުގުއާއީގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ސަރަޙައްދެކެވެ. އެ ސަރަޙައްދުގެ 497 ރަށުގެ ތެރެއިން ތިންބައިކުޅަ ދެބައި ރަށުގައި ފެންބޮޑުވެފައިވާ ކަމުގައި އެ ޤައުމުން ބުނެއެވެ. އަދި, ފެންބޮޑުވުމާ ގުޅިގެން ގެދޮރު ނެތިފައިވާ މީހުންގެ ޢަދަދު ވެސް ވަނީ 69,000އަށް އުފުލިފައެވެ.

އެ ސްޓޭޓްގެ މަދަނީ ދިފާޢާ ބެހޭ އިދާރާއިން ބުނީ, އިތުރު ހަތް މީހަކު މަރުވެފައިވާ ކަމަށާއި, އެއީ ވެސް ފެންބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކުގައި މަރުވި މީހުންތޯ ކަށަވަރު ކުރުމަށް ތަޙުޤީޤު ކުރަމުންދާ ކަމުގައެވެ. މި ވިއްސާރައިގައި ހިއޮ ގްރަންޖެ ދު ސޯގެ ގިނަ ރަށްތަކެއްގެ ޢާންމުންގެ ގެދޮރުގެ އިތުރުން މަގުތަކާއި ބުރިޖުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ހިއޮ ގްރަންޖެ ދު ސޯގެ ވެރިރަށް ޕޯރްތޮ އަލޭގްރީގައި އޮންނަ ފެންގަނޑެއް ވެސް ވަނީ ފުރިގެން ބަންޑުންވެފައެވެ. އަދި, އެ ރަށުގެ ބޮޑު ސަރަޙައްދެއްގައި ވެސް ވަނީ ފެންބޮޑުވެފައެވެ. މި ކަމާ ގުޅިގެން އެ ރަށުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު ވަނީ ހުއްޓިފައެވެ. އަދި, ވައިގެ ދަތުރުތައް ވަނީ މެދުކަނޑައިލާފައެވެ.

އެ ސްޓޭޓްގެ ގަވަރުނަރު އެދުއާރްދޯ ލެއީޗި ވިދާޅުވީ, ފެންބޮޑުވުމާ ގުޅިގެން ގެއްލުން ލިބިފައިވާ ރަށްތައް އާރާސްތު ކުރުމަށް ވަރަށް ބިޔަ އަދި އަގުބޮޑު މަޝްރޫޢެއް ހިންގަން ޖެހޭނެ ކަމުގައެވެ. ބްރެޒިލްގެ ރައީސް ލުއީސް އިނާސިޔޮ ލޫލާ ދަ ސިލްވާ ވަނީ ގެއްލުން ލިބިފައިވާ ބައެއް ސަރަޙައްދުތަކަށް ޒިޔާރަތް ކުރައްވައި, ހާލަތު ބައްލަވައިލައްވާފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބްރެޒިލްގެ ދެކުނުގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ލަފާ ކުރެއެވެ. ލެއީޗި ވިދާޅުވީ, ކޯރުތަކުގެ ފެންގަނޑު ބަންޑުންވުމުގެ ނުރައްކާ އޮތް ކަމަށާއި, ކޯރުތަކުގެ އައްސޭރިފަށުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން އިރުޝާދު ދީފައިވާނެ ކަމުގައެވެ. ބްރެޒިލްގެ ދެކުނުގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހެމުން ދަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކަމަަށް އެ ޤައުމުގެ ކަމާ ގުޅޭ މާހިރުން ގަބޫލު ކުރެއެވެ.