ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީ އުފައްދާފައިވަނީ ކުދި ފަންތިއާ މެދު ފަންތީގެ ވިޔަފާރިއާބެހޭ ޤާނޫނުގެ ދަށުން 2017 ވަނަ އަހަރުއެވެ. އެ ކޯޕަރޭޝަނަށް 7 އަހަރުވެފައިވާއިރު، ބީސީސީ އުފެދުނީވެސް ކުދި ފަންތިއާ މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ތަރައްޤީ ކުރުމުގެ މަޤުޞަދުގައެވެ.
ބީސީސީ 7 ވަނަ އަހަރީ ދުވަހާ ގުޅިގެން ވާހަކަދައްކަވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޒިޔާއު މުޙައްމަދު ވިދާޅުވީ ބީސީސީން އަބަދުވެސް މަސައްކަތްކުރަނީ ކުދި ފަންތިއާ މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި އިތުރަށް ތަރައްޤީކުރުމަށް ކަމަށެވެ. އަދި އަދުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން އީޖާދީ އަދި ފަންނުވެރި އިޤްތިޞާދެއް ބިނާކުރުމަށްކުރާ މަސައްކަތަށް ބީސީސީން ޚާއްސަ ސަމާލުކަމެއް ދޭނެކަމަށެވެ.
"ބީސީސީގެ އަމާޒަކީ އެހީތެރިކަން ފޯރުކޮށްދެވޭ ދާއިރާތަކަށް އެކަނި ޚިދުމަތް ދިނުމުގެ ބަދަލުގައި އަޅާނުލެވި ހުރި ދާއިރާތަކަށްވެސް ޚާއްސަ އެހީތެރިކަމެއް ފޯރުކޮށްދިނުން." ޒިޔާއު ވިދާޅުވިއެވެ.
މީގެ އިތުރުން ޒިޔާއު ވިދާޅުވީ ރާއްޖޭގެ ކުދި ވިޔަފާރިތަކާއި ގުޅުންހުރި ޤާނޫނުތަކާއި ގަވައިދުތައް އިތުރަށް ފުރިހަމަ ކުރުމަށް ބީސީސީން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބީސީސީގެ އަބަދުވެސް އަމާޒަކީ އީޖާދީ އަދި ފަންނުވެރި ވިސްނުންތައް ކުރިއަރުވާ، ހުރިހާ ދާއިރާއެއްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ފަހި މާހައުލެއް ހޯދައިދިނުންކަން ޒިޔާއު ފާހަގަކުރެއްވިއެވެ.
ބީސީސީގެ އަހަރީ ދުވަހާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުންފުނީގެ ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން މި މަސައްކަތްތަކުގެ ތެރޭގައި ވިޔަފާރިވެރިންނާއި މަސައްކަތްތެރިންނަށް އެމީހުންގެ އުފެއްދުންތައް ވިއްކޭނެ މަގު ތަނަވަސްކޮށްދިނުމަށް އޮތެންޓިކް މޯލްޑިވްސްގެ ނަމުގައި ފިހާރައެއް ހުޅުވުމާއި ވިޔަފާރި ފުޅާކުރެވޭނެ ގޮތްތައް ހޯދައިދީ، ތަހުލީލު ކުރެވޭނެ މާޙައުލެއް ޤާއިމްކޮށްދިނުމަށް އުފައްދާފައިވާ އެސްއެމްއީ ހަބާއި ސީޑް ބައި ބީސީސީފަދަ ތަންތަން ހިމެނޭކަމަށް ބަޔާނުގައިވެއެވެ.
ހަމައެއައިއެކު ބީސީސީގެ ލަފާދާރީ ޚިދުމަތްތަކުން ރާއްޖޭގެ ކުދި ފަންތިއާ މެދުފަންތީގެ 6،000 އަށްވުރެ ވިޔަފާރިތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށް ދީފައިވާކަމަށްވެސް އަހަރީ ދުވަހާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ބީސީސީން ބުނާ ގޮތުގައި މުސްތަޤުބަލުގައި ކޯޕަރޭޝަންގެ މަސައްކަތްތައް ބައްޓަންވާނީ އިޤްތިޞާދީގޮތުން އެހީތެރިކަން ފޯރުކޮށް ނުދެވި ހުރި ދާއިރާތަކަށް ޚާއްސަ ސަމާލުކަމެއް ދީގެންނެވެ.
ބީސީސީން ބުނީ ކުދި ފަންތިއާ މެދު ފަންތީގެ ވިޔަފާރިތައް ކުރިއެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކަށްވުމުން އެއާ އެއްގޮތަށް އެއްގޮތަށް ކުދި ފަންތިއާ މެދު ފަންތީގެ ވިޔަފާރިތައް ކުރިއެވުމުގައި އެ ކުންފުންޏަށް ލިބޭ ބޮޑު ހިތްވަރެއްކަމަށެވެ.