ފޫޅުމައިން މަދުވާ ސަބަބު ބަލައި، އެކަން ހައްލުކުރަން މަސައްކަތްކުރަންޖެހޭކަމަށް ޞިއްޙީ ވުޒާރާގެ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ދުނިޔޭގެ ފޫޅުމައިންގެ ދުވަސް ފާހަގަކުރުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.
ޞިއްޙީ ވުޒާރާގެ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން ވިދާޅުވީ ޒަމާންނުންސުރެ ރާއްޖޭގައި ވިއްސުމުގެ މަސައްކަތް ފޫޅުމައިން ކުރަމުން އައީ މާބޮޑު ތަމްރީނެއްނެތި ތަޖުރިބާގެ އަލީގައި ކަމަށެވެ. ނަމަވެސް ޒަމާނީ ނަރުސްކަން ރާއްޖެއަށް ތަޢާރަފްވެ ފޫޅުމައިން ތަމްރީންކުރެވެން ފެށުމުން ވިހެއުމުގައި މައިންނާއި ދަރިން މަރުވާ މިންވަރު މިދިޔަ 40 އަހަރާ އަޅާބަލާއިރު މިހާރު ވަރަށް މަދުކަމަށް ތަސްލީމާ ވިދާޅުވިއެވެ.
"ޞިއްޙީ ޚިދުމަތް ދިނުމުގައި ފޫޅުމައިންގެ ދައުރު ވަރަށް ބޮޑު. އެމީހުންނަކީ ހަމައެކަނި ވިއްސުމުގެ ޚިދުމަތްދޭ ބައެއް ނޫން. ބަލިވާ ދުވަހުން ފެށިގެން ވިހަންދެން މައިންނަށް ފޫޅުމައިން އެހީތެރިވޭ. އަދި އެމީހުންނަކީ ކުޑަ ދަރިފުޅަށް އަޅާލުމުގެ ޒިންމާ އުފުލާ ބައެއް." ތަސްލީމާ ވިދާޅުވިއެވެ.
ތަސްލީމާ ވިދާޅުވީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށާއި ދެމެހެއްޓެނެވި ޞިއްޙީގޮތުން ރަނގަޅު ޖީލެއް ބިނާކުރުމަށް ފޫޅުމައިން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. މިކަން ފާހަގަކޮށް ތަސްލީމާ ވިދާޅުވީ ފޫޅުމައިންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް މިހާރު މަދުވަމުންދާކަމަށެވެ. އަދި މިކަން ދިމާވާ ސަބަބު ބެލުމަށް ދިރާސާތައް ހަދައި، ފޫޅުމައިން ބާރުވެރިކުރުވުމަށް މަސައްކަތްކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
އައިޖީއެމްއެޗްގެ ތަފާސް ހިސާބުތަކަށް ބަލާއިރު މީގެ 40 ވަރަކަށް އަހަރު ކުރިން ރާއްޖޭގައި ވިހާ ކޮންމެ 1000 ކުއްޖެއްގެ ތެރެއިން 130 ކުދިން މަރުވެއެވެ. އަދި އުމުރުން އަހަރު ނުވަނީސް މަރުވާ ކުދިންގެ ނިސްބަތް މީގެ 40 އަހަރު ކުރިން 42 އިންސައްތައާ ގާތް ކުރާކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާގެ ހިސާބުތަކުން ދައްކައެވެ.
އެހެންނަމަވެސް 2016 ވަނަ އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، ޢުމުރުން އަހަރު ނުވަނީސް މަރުވާ ކުދިންގެ ނިސްބަތް ރާއްޖޭގައި އުޅެނީ ކޮންމެ 1000 ކުއްޖަކުން 3 އިންސައްތައިގައެވެ. އަދި 2020 ވަނަ އަހަރާ ހަމައަށް އައިއިރު ވިހާއިރު މަރުވާ ކުދިންގެ އަދަދު އުޅެނީ 0.5 އިންސައްތާގައެވެ.