ޚަބަރު

ޕުޓިން ހަ އަހަރުގެ އައު ދައުރަކަށް ރަޝިޔާގެ ރައީސް ކަމުގެ މަޤާމަށް އިންތިޚާބުކޮށްފި


ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ހަ އަހަރުގެ އިތުރު ދައުރަކަށް އެ ޤައުމުގެ ރައީސް ކަމުގެ މަޤާމަށް އިންތިޚާބުކޮށްފިއެވެ. ރިޔާސީ ގަނޑުވަރު, ކްރެމްލިންގައި ބޭއްވި ހުވައި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވަނީ ހުޅަނގަށް ހޫނު ބަހުގެ ޙަމަލާތަކެއް އަމާޒު ކުރައްވާފައެވެ. އޭނާ ވިދާޅުވީ, ކުރިއަށް އޮތް ހަ އަހަރު ރަޝިޔާއާ މެދު ބާއްވާނީ ކޮން ކަހަލަ ގުޅުމެއް ކަން ކަނޑައަޅާނީ ހުޅަނގުން ކަމުގައެވެ. އެއީ, ގުޅިގެން މަސައްކަތް ކުރުންތޯ, ނުވަތަ ކުރިމަތިލުމަކަށް ދިޔުންތޯ ނިންމާނީ ހުޅަނގުގެ ޤައުމުތަކުން ކަމުގައެވެ.

ކްރެމްލިންގައި ރަސްމިއްޔާތަށް އެމެރިކާގެ އިތުރުން ހުޅަނގުގެ ބާރުތަކަށް ދަޢުވަތު އަރުވާފައިވީ ނަމަވެސް, އެމެރިކާއާއި އެ ޤައުމަށް ވާގިވެރިވާ އެހެން ޤައުމުތަކުން ވަނީ އެ ރަސްމިއްޔާތު ބޮއިކޮޓު ކޮށްފައެވެ. އެ ޤައުމުތަކުން ރަސްމިއްޔާތުގައި ބައިވެރިވުމަށް ދެކޮޅު ހަދާފައި ވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ މެދު ނުރުހުން ފާޅު ކުރުމުގެ ގޮތުންނެވެ.

އެ ހަނގުރާމައާ ގުޅޭ ގޮތުން ޕުޓިން ވިދާޅުވީ, ރަޝިޔާއަށް ޓަކައި އެ ޤައުމުގެ ސިފައިން ކުރަމުން ދަނީ ތާރީފު ޙައްޤު ހަނގުރާމައެއް ކަމުގައެވެ. އަދި, މާރިޗު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އޭނާއަށް ލިބިވަޑައިގެންނެވި ކާމިޔާބީން, ރަޝިޔާގެ ރައްޔިތުން އޭނާގެ ސަރުކާރަށް ކުރާ އިތުބާރާއި, ސަރުކާރުގެ ނިންމުންތަކަށް ތާޢީދު ކުރާ މިންވަރު ދޭހަވާ ކަމުގައެވެ.

"އަޅުގަނޑުގެ ސިޔާސަތުތައް ރަނގަޅު ކަން, ތިބޭފުޅުން, ރަޝިޔާގެ ރައްޔިތުންގެ ނިންމުމުން ކަށަވަރުވެއްޖެ. މިއީ, އަޅުގަނޑުމެންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ވަރަށް މުހިންމު ކަމެއް. އެއިން ދޭހަ ވަނީ, ރަޝިޔާގެ ކުރިމަގާއި ލަނޑުދަނޑިތައް ހާސިލުކޮށް, އަޅުގަނޑުމެންގެ ނިންމުންތަަކާއި, މިނިވަންކަމާއި ޤައުމީ މަސްލަޙަތު ހިމާޔަތް ކުރުމަށް ރައްޔިތުން ބޭނުންވާ މިންވަރު،" ޕުޓިން ވިދާޅުވިއެވެ.

ރަޝިޔާގެ ސިޔާސީ މައިދާނުގައި 71 އަހަރުފުޅުގެ ޕުޓިން ރަސްކަން ކުރައްވަމުން ގެންދަވާ ކަމަށް ސިފަ ކުރެވިދާނެއެވެ. އޭނާގެ ސަރުކާރާ ދެކޮޅު ގިނަ ވާދަވެރިން ތިބީ ޖަލުގައެވެ. ނުވަތަ އަމިއްލައަށް އަރުވައިލެވިގެން ބޭރު ޤައުމުތަކުގައެވެ. ސިޔާސީ މައިދާނުގައި އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ, އަލެކްސީ ނަވާލްނީ ވަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ދާދިފަހުން ކުއްލި ގޮތަކަށް އަވަހާރަވެފައެވެ.

ބައިނަލްއަޤުވާމީ މަސްރަޙުގައި ޕުޓިންއާ ހުޅަނގުގެ ޤައުމުތަކުގެ ވެރިންނާ ދެމެދު އޮތް ނުތަނަވަސް ކަން ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ތަދައްޚުލުވެ, ހުޅަނގުގެ ބާރުތަކުން ރަޝިޔާއާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ކަމުގައި ޕުޓިން ތުހުމަތު ކުރައްވައެވެ. ނަމަވެސް, ހުޅަނގާ އެކު މަޝްވަރާކޮށް, ދެބަސްވުންތަކަށް ސުލްޙަވެރި ހައްލެއް ހޯދަން މަސައްކަތް ކުރުމުގައި ތައްޔާރަށް ހުންނެވި ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"ބާރު އޮތީ އެ މީހުންގެ [ހުޅަނގުގެ] އަތުގައި: ރަޝިޔާގެ ތަރައްޤީއަށް ހުރަސް އަޅާނީތޯ, ރަޝިޔާއާ ދެކޮޅަށް މަސައްކަތް ކުރާނީތޯ, މި ޤައުމަށް އެކި ގޮތްގޮތުން ބާރުއަޅައި ފިއްތުންތައް ކުރިމަތި ކުރާނީތޯ, ނުވަތަ ސުލްޙަ އިސްކޮށް އެކުގައި މަސައްކަތް ކުރާނީތޯ, މިއީ އުފެދިފައިވާ ސުވާލުތަކަކީ،" ޕުޓިން ވިދާޅުވިއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި, ރަޝިޔާގެ ފައުޖުތަކުން ދަނީ ޔޫކްރެއިންގެ އިރުމަތީގެ ސަރަޙައްދުތަކުގައި ކުރިއެރުންތަކެއް ހޯދަމުންނެވެ. އެމެރިކާގެ ޖާސޫސީ އިދާރާއިން ދެކޭ ގޮތުގައި, ރަޝިޔާގެ ދާޚިލީ މައިދާނުގައި, އަދި ބައިނަލްއަޤުވާމީ މަސްރަޙުގައި ކަންކަން ނިމެމުން ދަނީ ޕުޓިން ބޭނުންފުޅުވާ ގޮތަށެވެ. އެހެންކަމުން, ކައިރި މުސްތަޤުބަލެއްގައި ހަނގުރާމައަށް ނިމުމެއް ގެނެވޭނެ ކަމަށް ނުބެލެވޭ ކަމުގައި އެމެރިކާގެ ޖާސޫސީ އިދާރާގެ އޮފިޝަލުން ދެކެއެވެ.

1999ވަނަ އަހަރުން ފެށިގެން ޕުޓިން ގެންދަވަނީ ރައީސް ކަމުގެ މަޤާމު, ނުވަތަ ބޮޑުވަޒީރު ކަމުގެ މަޤާމުގައި ރަޝިޔާގެ ވެރިކަން ކުރައްވަމުންނެވެ. ހަ އަހަރުގެ އިތުރު ދައުރެއް ފުރިހަމަ ކުރެއްވުމުން, ކުރީގެ ރޫސީ ވިލާތުގެ ވެރިޔާ އިއޮސެފް ސްޓާލިނަށް ވުރެ އޭނާގެ ވެރިކަމުގެ މުއްދަތު ދިގު ދެމިގެންދާނެއެވެ. އަދި, މީގެ ހަ އަހަރު ފަހުން ބާއްވާ އިންތިޚާބުުގައި ވާދަ ކުރެއްވުމުގެ ފުރުޞަތު ވެސް އޭނާއަށް އެބައޮތެވެ.

މާރިޗު މަހު ރަޝިޔާގައި ބާއްވާފައިވާ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ނޫން ކަމުގައި އެމެރިކާއިން ތުހުމަތު ކުރެއެވެ. އަދި, އެމެރިކާގެ އިތުރުން އިނގިރޭސިވިލާތާއި, ކެނެޑާއާއި ވިލާތުގެ އިއްތިހާދު (އީޔޫ)ގެ ގިނަ ޤައުމުތަކެއްގެ ވެރިން ވަނީ ޕުޓިން އައު ދައުރަކަށް ވެރިކަމުގެ ހުވައި ކުރެއްވި ރަސްމިއްޔާތު ބޮއިކޮޓު ކޮށްފައެވެ.