ޚަބަރު

މެލޭޝިޔާގެ ކާރޫބާރޫ ބޮޑު މަގަކަށް ގަހެއް ވެއްޓި އެކަކު މަރުވެއްޖެ


މެލޭޝިޔާގެ ކުއަލަ ލުމްޕޫރުގެ ކާރޫބާރު ބޮޑު މަގެއްގެ އަރިމަތީގައި ހުރި ބޮޑު ގަހެއް ވެއްޓި އެކަކު މަރުވެ, ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. މި ހާދިސާގައި އިތުރު ދެ މީހަކަށް އަނިޔާވިއެވެ. އަދި, ޑަޒަނަކަށް ވުރެ ކާރަށް ގެއްލުންވެ, އެ ސަރަޙައްދުން ދަތުރު ކުރާ މޮނޮރޭލުގެ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑައިލަން ޖެހުނެވެ.

ގަސް ވެއްޓިފައި ވަނީ ޖަލަން ސުލްޠާން އިސްމާޢީލް މަގަށެވެ. މި ހާދިސާ ހިނގާފައި ވަނީ މަޝްހޫރު ޕެޓްރޮނާސް ޓުވިން ޓަވަރުތަކާ ކިލޯމީޓަރެއްހާ ދުރުގައެވެ. މި ހާދިސާގައި މަރުވެފައި ވަނީ 47 އަހަރުގެ ފިރިހެނެކެވެ. މެލޭޝިޔާގެ ފުލުހުންނާއި އަލިފާން ނިއްވާ އިދާރާއިން ބުނީ, މި ހާދިސާގައި 17 ކާރަކަށް އެކި ވަރުގެ ގެއްލުން ލިބުނު ކަމުގައެވެ.

މި ހާދިސާގައި އަނިޔާވެފައި ވަނީ ރައިޑް-ޝެއަރ ޚިދުމަތްދޭ 26 އަހަރުގެ ޑްރައިވަރަކާއި, އޭނާއާ އެކު ކާރުގައި އިން 72 އަހަރުގެ ސްވިޑެންގެ އަންހެނަކަށެވެ. އެ ދެ މީހުންނަށް ހަސްފަތާލުގައި އެޑްމިޓު ކޮށްގެން ފަރުވާ ދޭން ޖެހުނު ކަމުގައި މެލޭޝިޔާގެ ފުލުހުން ބުންޏެވެ.

ވެއްޓުނު ގަހުގެ ބައެއް ގޮފިތައް ވެއްޓިފައި ވަނީ އެ މަގުގެ މަތިން މޮނޮރޭލު ދަތުރު ކުރާ މަގަށެވެ. މިއާ އެކު, މަގު ސާފު ކުރެވެން ދެން މޮނޮރޭލުގެ ޚިދުމަތްތައް ވެސް މެދުކަނޑައިލަން ޖެހުނެވެ. ގަސް ވެއްޓެން މެދުވެރިވީ މެލޭޝިޔާގެ ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ކަމަށް ބެލެވެއެވެ. ބޯކޮށް ވާރޭވެހުމާ ގުޅިގެން ޕިނާންގ ސްޓޭޓްގެ 10 ސަރަޙައްދެއްގައި މި ފަދަ ހާދިސާތައް ހިނގާފައިވެއެވެ.