ޚަބަރު

އެމެރިކާއިން ޔަހޫދީނަށް ހަތިޔާރު ފޯރުކޮށްދިނުން މެދުކަނޑައިލައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް, ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ރަފަޙަށް ފުޅާ ކުރަން ފެށުމާ އެކު, އެ ކަން ހުއްޓުވަން ބާރުއެޅުމުގެ ގޮތުން އެމެރިކާއިން ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުން މެދުކަނޑައިލައިފިއެވެ. މި ކަން އިޢުލާނު ކުރައްވާފައި ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަނެވެ.

މިއީ, ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓައިލާނެ ކަމަށް ވިދާޅުވެ އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާގެ ރައީސް ފާޅުގައި ވާހަކަފުޅު ދައްކަވާފައިވާ ފުރަތަމަ ފަހަރެވެ. ޣައްޒާގެ އެންމެ ދެކުނުގައި 1.5 މިލިޔަނެއްހާ މުސްލިމުން މި ވަގުތު ތިބި ރަފަޙަށް ޢުދުވާން ފުޅާ ކުރުމަށް ޔަހޫދީ ފައުޖުން އޮޕަރޭޝަނެއް ފަށައިފިނަމަ އެމެރިކާއިން ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުން މެދުކަނޑައިލާނެ ކަމަށް ބުނެ, ބައިޑަން ވަނީ ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އިންޒާރު ދެއްވާފައެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް ބުނެދީފިން އެ މީހުން ރަފަަޙަށް ވަދެއްޖެ ނަމަ… އަޅުގަނޑު ހަތިޔާރު ފޯރުކޮށްދިނުން ހުއްޓައިލާނަން،" އެމެރިކާގެ ޓީވީ, ސީއެންއެނަށް ދިން ބަސްދީގަތުމެއްގައި ބައިޑަން ވިދާޅުވިއެވެ. ނަމަވެސް, އެމެރިކާއިން ފޯރުކޮށްދެމުންދާ ބޮންތައް ބޭނުން ކޮށްގެން ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޢާންމު ރައްޔިތުން ޝަހީދު ކުރަމުންދާ ކަމަށް އޭނާ ވަނީ އެއްބަސްވެ ވަޑައިގަންނަވާފައެވެ.

އެމެރިކާއިން ޔަހޫދީންނަށް ފޯރުކޮށްދެމުންދާ 900 ކިލޯގެ ބާރުގަދަ އަދި ނުރައްކާތެރި ބޮންތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ބައިޑަން ވިދާޅުވީ "އެ ބޮންތައް ބޭނުން ކޮށްގެން ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ދީފައިވާ ޙަމަލާތަކުގައި ޣައްޒާގެ ޢާންމު ރައްޔިތުން މަރުވެފައިވާ [ޝަހީދުވެފައިވާ]" ކަމުގައެވެ.

ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުން މެދުކަނޑައިލާފައިވާ ކަން އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް, ކޮންގްރެސުން ބޭއްވި އަޑުއެހުމެއްގައި އޮސްޓިން ވިދާޅުވީ "ނުރައްކާތެރި ހަތިޔާރުގެ އެެއް ޝިޕްމަންޓް" ޔަހޫދީންނަށް ފޯރުކޮށްދިނުމަށް ކުރަމުން ދިޔަ މަސައްކަތްތައް މަޑުޖައްސައިލާފައިވާ ކަމުގައެވެ. އެެއީ, ޔަހޫދީ ފައުޖުން ރަފަޙަށް އެރުމަށް ތައްޔާރުވަމުންދާތީ އަޅާފައިވާ ފިޔަވަޅެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

މި ކަމާ ގުޅޭ ގޮތުން ޖައްބާރު ނަތަންޔާހޫގެ ސަރުކާރުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް, ރާވާފައިވާ ގޮތަށް ރަފަޙަށް ޢުދުވާންތައް ފުޅާ ކުރާނެ ކަމުގައި އޭނާ ބުންޏެވެ. ރަފަޙަށް އަރައި ގަތުލުއާންމު ހިންގައި, ފަލަސްޠީނުގެ ރައްޔިތުންގެ ލޭއޮހޮރުވައިލައި, އެތަކެއް ހާސް ބަޔެއްގެ ފުރާނަ ނަގައިލައިގެން މެނުވީ ޔަހޫދީންގެ ހަނގުރާމައިގެ ލަނޑުދަނޑިތައް ހާސިލު ނުވާނެ ކަމަށް ޖައްބާރު ނަތަންޔާހޫ ގަބޫލު ކުރެއެވެ.

އެމެރިކާއިން ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުން މެދުކަނޑައިލާފައި މި ވަނީ, ބައިޑަންގެ ޑިމޮކްރެޓިކް ޕާޓީން ކުރިމަތި ކުރަމުން ދިޔަ ފިއްތުންތަކާ ގުޅިގެން ކަމަށް ބެލެވެއެވެ. މީގެ އިތުރުން, އެމެރިކާގެ އެކި ކަންކޮޅުތަކުގައިވާ ޔުނިވަރސިޓީތަކުގެ ދަރިވަރުން ދަނީ ޔަހޫދީންގެ ލާއިންސާނީ ޢުދުވާނާ ދެކޮޅަށް އަޑު އުފުލައި, މުޒާހަރާ ކުރަމުންނެވެ. ޔުުނިވަރސިޓީތަކުގެ ކެމްޕަސްތަކުގައި ފޭލިގެ ޖަހައި, މުޒާހަރާ ކުރަމުންދާ ދަރިވަރުންނާއި ޢާންމުން ހުއްޓުވަން އެމެރިކާގެ ފުލުހުން ދަނީ ބާރުގެ ބޭނުން ކުރަމުންނެވެ. އަދި, 2,000އަށްވުރެ ގިނަ ދަރިވަރުންނާއި ޢާންމުން ވަނީ ފުލުހުންގެ ހައްޔަރަށް ގެންގޮސްފައެވެ.

ޔަހޫދީ ފައުޖުން މިހާރު ވެސް ވަނީ އަސްކަރީ ޓޭންކުފަހަރު ފަދަ ބަރުހަތިޔާރާ އެކު ރަފަޙަށް އަރާފައެވެ. އަދި, ރަފަޙާއި މިޞްރު ގުޅައިދޭ ރަފަޙް ހުރަސް އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އަދި, ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހުރަސް އަޅާފައެވެ.

ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. މުސްލިމުންގެ ގެދޮރާއި, ޣައްޒާގެ ހަސްފަތާލުތަކާއި, މިސްކިތްތަކާއި, މަދަރުސާތަކަށް ޙަމަލާދޭން ޔަހޫދީ ފައުޖުން ބޭނުން ކުރަމުން ދަނީ އެމެރިކާއިން ފޮނުވާފައިވާ މިސައިލްތަކެވެ. އަޅަމުން ދަނީ އެމެރިކާއިން ދީފައިވާ ބޮންތަކެވެ. ޔަހޫދީންނަށް އެމެރިކާއިން ފޯރުކޮށްދެމުންދާ ހަތިޔާރުގެ އަގު އެތަކެއް ބިލިޔަން ޑޮލަރަކަށް އަރައެވެ.

މީގެ ހަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 34,844އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 78,404އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.