ޚަބަރު

ސައިކަލް ވަގަށް ނެގުން ހުއްޓުވަން ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް


މާލެއިން ވަގަށް ނަގާ ސައިކަލްތައް ބައެއް ވޯކްޝޮޕްތަކަށް ގެންގޮސް ބަދަލު ގެނެސް، ބޭނުންކުރަމުންދިއުން ހުއްޓުވުމަށްޓަކައި ޙާއްސަ މަސައްކަތްތަކެއް ފުލުހުން ފަށްޓަވައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވީ މާލެއިން ގެއްލޭ ނޫނީ ވަގަށް ނަގާ ސައިކަލްތައް މާލެތެރޭގައި ހުންނަ ކޮންމެވެސް ވޯކްޝޮޕަކަށް ނޫނީ ވެހިކަލް ގަރާޖަކަށް ނޫނީ ގުދަނެއްފަދަ ތަނަކަށް ވައްދައި އެ ސައިކަލް ރޫޅާލުމަށްފަހު ސައިކަލަށް ބަދަލު ގެނެސް، މުޅިން އެހެން ސައިކަލެއްގެ ގޮތުގައި ދުއްވަމުން ގެންދާން ފާހަގަކުރެވިފައިވާކަމަށެވެ. އަދި މިހާތަނަށް ފުލުހުން ހޯދިހޯދުންތަކުން މިފަދަ ބައެއް ވޯކްޝޮޕްތަކާއި ގަރާޖުތަކަކީ ރަޖިސްޓްރީނުކޮށް ހިންގާ ތަންތަން ކަމަށާއި އެހެންބައެއް ތަންތަނަކީ ޤަވާޢިދާ ޚިލާފަށް ހިންގާ ތަންތަންކަން ފާހަގަ ކުރެވިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. 

އަދި އެފަދަ ތަންތަނުގެ މަޢުލޫމާތު ހޯދަން މަސައްކަތްކުރާއިރު ގިނަފަހަރަށް އެތަންތަނުގެ ނަމެއް އަދި ޒިންމާ ނަގާނެ ފަރާތެއް ހޯދުމުގައި ދަތިތައް ހުންނަކަމަށާއި މިކަމާއި ގުޅިގެން ހައުސިންގ މިނިސްޓްރީއާއެކު ކުރެވުނު މަޝްވަރާތަކުން، ފުލުހުން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެމިނިސްޓްރީން ދެއްވާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މާލޭގައި ހުރި އެފަދަ ބައެއް ތަންތަނުގެ މަޢުލޫމާތުތައް ސާފުކޮށް ނިމުމާއެކު އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ހައުސިންގ މިނިސްޓްރީއާއި ފުލުހުން ގުޅިގެން އަޅަމުން ގެންދަވާނޭކަމަށެވެ.

މާލެއިން ސައިކަލް ގެއްލިގެން ނުވަތަ ވަގަށް ނަގައިގެން ކޮންމެދުވަހަކު ކަހަލަގޮތަކަށް މައްސަލަތައް ހުށަހެޅުމުންދާއިރު، މާލެއިން އެފަދަ ބައެއް ސައިކަލްތައް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް މިހާރުވެސް ފުލުހުންކުރަމުން ގެންދާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.