ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އދގެ ޢާންމު މަޖިލީހުން ތާޢީދު ކުރުމުން, ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއަށް އެ ކަން ހަޖަމު ނުވެ, އެ ކަމާ މެދު ނުރުހުން ފާޅުކޮށްފިއެވެ. އދގެ މެންބަރު ކަމުގެ ޝަރުޠުތައް ފަލަސްޠީނުގެ ހަމަވާ ކަމަށް ކަނޑައަޅައި, އދގެ ޢާންމު މަޖިލީހުން ފާސް ކޮށްފައިވާ ޤަރާރުގައި ފަލަސްޠީނަކީ އދގެ މެންބަރު ޤައުމެއްގެ ގޮތުގައި ބަލައިގަތުމަށް އދގެ ސަލާމަތީ މަޖިލީހަށް ގޮވައިލާފައިވެއެވެ.
މި ކަމާ މެދު ނުރުހުން ފާޅު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ނައިބު ރޮބަރޓް ވުޑް ވިދާޅުވީ, ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އދގެ ޢާންމު މަޖިލީހުން ތާޢީދު ކުރި ނަމަވެސް, އެ ކަން އެ ގޮތަށް ނުވާނެ ކަމުގައެވެ. އަދި, ފަލަސްޠީނަކީ މިނިވަން އަދި މުސްތަގިއްލު ދަޢުލަތެއްގެ ގޮތުގައި ބަލައިގަނެވޭނީ ފަލަސްޠީނާއި ޒަޔަނިސްޓުންގެ އިސްރާއީލާ އެކު މަޝްވަރާކޮށް, ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ކަމުގައެވެ.
"[މި ޤަރާރާ ދެކޮޅަށް އެމެރިކާއިން ދީފައިވާ] ވޯޓުން, ފަލަސްޠީނުގެ މިނިވަން ކަމާ އަޅުގަނޑުމެން ދެކޮޅު ކަން ސާބިތެއް ނުކުރެވޭނެ. އަޅުގަނޑުމެން [އެމެރިކާއިން] ވަރަށް ސާފުކޮށް ބުނަމުން މި ދަނީ, ފަލަސްޠީނުގެ މިނިވަން ކަމަށް އަޅުގަނޑުމެން ތާޢީދު ކުރަމޭ. އަދި, އެ ކަން ކުރަން ޖެހޭނީ މައުނަވީ ގޮތެއްގައޭ. އެ ކަން ހާސިލު ކުރެވޭނީ ދެ ފަރާތުގެ [ފަލަސްޠީނުގެ މުސްލިމުންނާއި ޔަހޫދީންނާ ދެމެދު] މަޝްވަރާ ކޮށްގެންނޭ،" ވުޑް ވިދާޅުވިއެވެ.
ފަލަސްޠީނަކީ އދގެ މެންބަރު ޤައުމެއްގެ ގޮތުގައި ކަނޑައެޅުމުގެ ޝަރުޠުތައް ފުރިހަމަވާ ކަމާ މެދު ގޮތެއް ނިންމުމަށް ހުށަހަޅާފައިވާ ޤަރާރު ފާސްވީ އެ މަޖިލީހުގެ 143 މެންބަރުންގެ ތާޢީދާ އެކުގައެވެ. މި ޤަރާރު ހުށަހަޅާފައި ވަނީ ދިވެހިރާއްޖޭގެ ބައިވެރިވުމާ އެކުގައެވެ. ޢަރަބި ގުރޫޕުގެ ފަރާތުން އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ން ހުށަހަޅާފައިވާ ޤަރާރު އެންމެ ފުރަތަމަ ކޯ-ސްޕޮންސަރ ކުރި ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ.
މި ޤަރާރާ ދެކޮޅަށް ނުވަ ޤައުމަކުން ވޯޓު ދީފައިވާއިރު, އޭގެ ތެރޭގައި ޒަޔަނިސްޓުންގެ އިސްރާއީލާއި, ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާ ހިމެނެއެވެ. 25 ޤައުމަކުން އެއްވެސް ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ. އދގެ ޢާންމު މަޖިލީހުން ފާސްކޮށްފައިވާ ޤަރާރުގައި އޮތީ "ފަލަސްޠީނުގެ ދަޢުލަތެއްގެ ދަރަޖަ ބަލައިގަންނަ" ކަމަށާއި, "[ފަލަސްޠީނަށް] އދގެ މެންބަރަކަށް ވުމުގެ ފުރުޞަތު ދޭން ޖެހޭ" ކަމުގައެވެ. އަދި, ފަލަސްޠީނުގެ ހުށަހެޅުން ބަލައިގަތުމަށް އެ މަޖިލީހުން ވަނީ ސަލާމަތީ މަޖިލީހަށް ގޮވައިލާފައެވެ.
އދގެ މެންބަރު ކަން ޤައުމަކަށް ލިބިދެވޭނީ އދގެ ސަލާމަތީ މަޖިލީހުން އެ ގޮތަށް ފާސް ކުރުމުންނެވެ. ދާދި ފަހުން މި ކަމާ ގުޅޭ ގޮތުން އެ މަޖިލީހުގައި ނެގި ވޯޓު, ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ވަނީ ވީޓޯކޮށް, ބޭރު ކޮށްލާފައެވެ. އެމެރިކާއަކީ, 15 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރެކެވެ. މި ކަމާ ގުޅޭ ގޮތުން ސަލާމަތީ މަޖިލީހުގައި ދެން ނަގާ ވޯޓެއް ވެސް ވީޓޯ ކުރާނެ ކަމުގެ އިންޒާރު އެމެރިކާއިން ވަނީ ދީފައެވެ.
ފަލަސްޠީނަށް އދގެ މެންބަރު ކަމުގެ ޝަރުޠު ހަމަވާ ކަމަށް އދގެ ޢާންމު މަޖިލީހުން ފާސްކުރުމާ އެކު, ސެޕްޓެންބަރު މަހުން ފެށިގެން އެ ޤައުމަށް ޚާއްޞަ އިނާޔަތްތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި, އދގެ ޢާންމު މަޖިލީހުގައި ފަލަސްޠީން ތަމްސީލު ކުރުމަށް ގޮނޑިއެއް ޚާއްޞަ ކުރުން ހިމެނެއެވެ.
އދގެ މެންބަރު ޤައުމެއްގެ ޝަރުޠުތައް ހަމަވާ ކަމަށް އދގެ ޢާންމު މަޖިލީހުން ފާސް ކުރުމުން ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވަނީ އެ ނިންމުމަށް މަރުޙަބާ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ, ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަން ކަމުގެ ޙައްޤަށް މުޅި ދުނިޔެއިން ތާޢީދު ކުރާ ކަން މި ޤަރާރާ އެކު ހާމަވެގެން ގޮސްފި ކަމުގައެވެ. އަދި, މިއީ ޔަހޫދީންނާ ދެކޮޅަށް ފާސް ކޮށްފައިވާ ޤަރާރެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.
ނަމަވެސް, ޔަހޫދީން ވަނީ ޢާންމު މަޖިލީހުގެ ނިންމުމަަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި, އދއަށް ޔަހޫދީން ކަނޑައަޅާފައި ހުންނަ ސަފީރު ގިލާދް އަރްދާން ވަނީ އދއަށް ވަރުގަދަ އިންޒާރެއް ވެސް ދީފައެވެ. އޭނާ ބުނީ, ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފި ނަމަ, އެމެރިކާއިން އދއާއި އދގެ ގުނަންތަކަށް ދޭ މާލީ އެހީ ކަނޑައިލާނެ ކަމަށް ގަބޫލު ކުރާ ކަމުގައެވެ.
ފަލަސްޠީނަށް އދގެ މެންބަރު ކަމުގެ ޝަރުޠުތައް ހަމަވާ ކަމަށް އދގެ ޢާންމު މަޖިލީހުން ކަނޑައަޅާފައި މި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތި ކޮށްލަން ޔަހޫދީ ފައުޖުން ފަށާފައިވާ ލާއިންސާނީ ޢުދުވާނަށް ހަތް މަސް ފުރުން ގާތްވެފައިވާ ދަނޑިވަޅެއްގައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 34,943އަށް އުފުލިފައެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 78,572އަށް އަރައެވެ.