މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމަށްކުރާ މަސައްކަތުގެ ތެރެއިން ވެސްޓް ޕާކު ސަރަހައްދުގައި ފެށި މަސައްކަތް 2 ހަފްތާތެރޭ ނިމޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ނިމެންދެން، މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.
މި މަސައްކަތަކީ ދިވެހި އަސްކަރިއްޔާގެ އިސްނެގުމުގެ މަތިން ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ފަންނީ އެހީތެރިކަމާއެކު ކުރާ މަސައްކަތަކެވެ. މަސައްކަތް ކުރަނީ ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން އާރުޑީސީންނެވެ.
މި މަސައްކަތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުގައި ވަޒީރު އާދަމް ޝަރީފް ވިދާޅުވީ މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމަށްކުރާ މަސައްކަތުގެ ތެރެއިން ވެސްޓްޕާކުގައި މިހާރު ކުރަމުންދަނީ ތަން ސާފުކުރުމާއި އެތަނުގައި ތާންގީއެއް ބެހެއްޓުމަށްޓަކައި ތަން ތައްޔާރުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ ހުރިހާ މަގުތަކެއް ހެދުމުގެ މަސައްކަތް ނިމެންދެންވެސް، މިހާރު ކުރިއަށްގެންދާ މަޝްރޫޢިން ފެން ބޮޑުވާ މައްސަލައަށް ރަނގަޅު ހައްލެއް ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ވެސްޓްޕާކު ސަރަހައްދުގައި މިހާރު ކުރިއަށްދާ މަސައްކަތް ނިމުނީމަ، ދެން އެންމެ ފެން ބޮޑުވާ ސަރަހައްދުތައް ކަމުގައިވާ ދަރުބާރުގެ ހުންނަ ސަރަހައްދާއި އައިޖީއެމްއެޗް ސަރަހައްދުގައިވެސް މި މަސައްކަތް ކުރެވޭނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ މިހާރު މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޭގެ އަސަރު ވަރަށް ބޮޑަށްކުރާ ކަމަށެވެ. އަދި މިގޮތަށް ތިމާވެށީގެ ގޮތުން ދިމާވާ އެކި މައްސަލަތަކަށް ހައްލު ގެނެވޭނީ ހުރިހާ މުއައްސަސާތަކެއް ގުޅިގެންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައިވެސް ފެން ބޮޑުވުމުގެ މައްސަލަ ދިމާވާ ކަމަށެވެ. އަދި މިފަދަ މައްސަލަތަކަށް ހައްލު ހޯދުމަށް ޕްލޭނެއް ވަރަށް އަވަހަށް އެކުލަވާލާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މާލޭގެ މަގުތައް މީގެ އެތައް އަހަރެއް ކުރިން ހަދާފައި ހުރިގޮތުން ވާރޭވެހޭ ދުވަސްވަރު ވަރަށް ފަސޭހައިން ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވެއެވެ. މިއާއެކު ބައެއް ގެތަކަށް ފެނުގެ އަސަރުކޮށް ގެތަކަށް ގެއްލުން ކުރިމަތިވެއެވެ.