ޤަޠަރާއި މިޞްރުން ހުށަހެޅި ސުލްޙައިގެ އެއްބަސްވުމާ ޔަހޫދީން ދެކޮޅު ހެދުމާ އެކު ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓުމަކަށް ގެނައުމަށް ކުރަމުންދާ މަޝްވަރާތަކަށް ހުއްޓުން އަރާފައިވާ ކަމުގައި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ހާމަކޮށްފިއެވެ. ޤަޠަރާއި މިޞްރުގެ ހުށަހެޅުންތަކަށް ޙަމާސުން އެއްބަސްވެފައިވީ ނަމަވެސް ޔަހޫދީން ވަނީ އެ ކަމާ ދެކޮޅު ހަދާފައެވެ.
"މަޝްވަރާތައް މެދުކަނޑައިލާފައި ވަނީ ޙަމާސްގެ އަމަލުތަކާ ގުޅިގެނެއް ނޫން. އެ ކަން ކޮށްފައި ވަނީ ފަލަސްޠީނުގެ މައްޗަށް އިސްތިޢުމާރު ހިންގަމުންދާ މީހުން [ޒަޔަނިސްޓު އިސްރާއީލުން]،" ޙަމާސް ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައިވާ ޚަލީލް އަލް-ޙައްޔާ ވިދާޅުވިއެވެ.
މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވީ ނަމަވެސް, "ވަރޗުއަލްކޮށް" ނަމަވެސް ދެ ފަރާތުގެ ދެމެދުގައި ވާހަކަތައް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ވައިޓް ހައުސުން ބުންޏެވެ. މަޝްވަރާތައް ވިލަރެސް ކުރުމުގައި އެމެރިކާއިން ދަނީ ޤަޠަރާއި މިޞްރަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މަޝްވަރާތައް މެދުކެނޑުމުން ޙަމާސުން ބުނީ, ކުރިއަށްދާނެ މަގެއް ހޯދުމާ ގުޅޭ ގޮތުން ފަލަސްޠީނުގެ އެހެން ފެކްޝަންތަކުގެ ޚިޔާލާއި އިރުޝާދު ހޯދާނެ ކަމުގައެވެ. މޭ 7ވަނަ ދުވަހު ޣައްޒާގެ ރަފަޙް ހުރަސް ޔަހޫދީންގެ ބާރުގެ ދަށަށް ގެންދިޔުމާ އެކު, ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމުގައި އދއިން ބުނެއެވެ. ރަފަޙް ހުރަހަށް އަތްގަދަ ކުރުމަށް ފަހު ޔަހޫދީ ފައުުޖުން ވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުން ހުއްޓުވާފައެވެ.
ޔަހޫދީ ފައުޖުން މިހާރު އޮތީ ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރާ އެކު ރަފަޙްގެ ބޮޑު ސަރަޙައްދެއް ވަށައިލާފައެވެ. އަދި, އެ ރަށުގެ އިރުމައްޗާއި ހުޅަނގު ވަކިވާ މައި މަގު ޔަހޫދީ ފައުޖުން ވަނީ ހިފާފައެވެ. ރަފަޙަށް އެއްގަމު މަގުން އަރައި, ގަތުލުއާންމުތައް އިތުރުކޮށް, ފަލަސްޠީނުގެ މުސްލިމުންގެ ލޭއޮހޮރުވައިލަން ޔަހޫދީ ފައުޖުން މިހާރު ދަނީ ތައްޔާރުވަމުންނެވެ. މި ކަމާ ގުޅިގެން ޔަހޫދީންނަށް ވަނީ, އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާގެ ނުރުހުމާ ކުރިމަތިވެފައެވެ. މި ކަމާ ނުރުހުންވެ, އެމެރިކާއިން ވަނީ ޔަހޫދީންނަށް ނުރައްކާތެރި ހަތިޔާރު ފޯރުކޮށްދިނުން މެދުކަނޑައިލާފައެވެ.
ވައިޓް ހައުސުން ބުނީ, ރަފަޙްގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމުގައެވެ. ނަމަވެސް, ރަފަޙަށް އެއްގަމު މަގުން އަރައި ޔަހޫދީ ފައުޖުން ބޮޑު ޢުދުވާނެއް ފަށާފައިވާ ކަމަށް އެމެރިކާއިން ގަބޫލެއް ނުކުރެއެވެ. "ރަފަޙް ހުރަސް ހުޅުވައިލައި, ޣައްޒާއަށް އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދޭން [ޒަޔަނިސްޓު] އިސްރާއީލަށް ގޮވައިލަން،" ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ ތަރުޖަމާނު ޖޯން ކަރބީ ވިދާޅުވިއެވެ.
ރަފަޙު ޢުދުވާނާ ގުޅިގެން ޔަހޫދީންގެ މަސްލަހަތު ހިމާޔަތްކޮށްދޭ އެންމެ ބާރުގަދަ މަދަދުގާރު, އެމެރިކާއާއި ޔަހޫދީންނާ ދެމެދު ދެބަސްވުންތައް އުފެދިފައިވާއިރު, އެމެރިކާއިން ފޯރުކޮށްދެމުންދާ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށް ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޢާންމު ރައްޔިތުން ޝަހީދު ކުރަމުންދާ ކަމަށް އެމެރިކާއިން ވަނީ އެއްބަސްވެފައެވެ. އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް, ކޮންގްރެސަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ހުށަހެޅި ރިޕޯޓެއްގައި, ޔަހޫދީ ފައުޖުން އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން އިންސާނިއްޔަތާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އަމަލުތައް ހިންގާފައިވާ ކަމަށް ބެލުމުގެ ފުރުޞަތު އޮތް ކަމަށް ބުނެފައިވެއެވެ.
މީގެ ހަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 34,943އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 78,572އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.