ޔޫކްރެއިންގެ އިރުއުތުރުގައި އޮތް ހަރްކިވަށް އެއްގަމު މަގުން އެރުމުގެ މަސައްކަތް, އެ ޤައުމަށް އަރާފައިވާ ރަޝިޔާގެ އިސްތިޢުމާރީ ފައުޖުން ފަށައިފިއެވެ. ޔޫކްރެއިނުން ބުނީ, އާޓިލަރީ ބަޑިއާއި ގައިޑެޑް އޭރިޔަލް ބޮން ބޭނުން ކޮށްގެން ރަޝިޔާއިން ހަރްކިވަށް ދެމުންދާ ޙަމަލާތައް އިތުރު ކޮށްފައިވާ ކަމަށާއި, އެއީ އެއްގަމު މަގުން އެ ސަރަޙައްދަށް އަރައި, އެ ސަރަޙައްދަށް އަތްގަދަ ކުރުމަށް ފަށާފައިވާ އޮޕަރޭޝަންގެ ދަށުން ދެމުންދާ ޙަމަލާތަކެއް ކަމުގައެވެ.
ހަރްކިވްގެ ސަރަޙައްދުތަކަށް ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަމުންދާ ކަން ރަޝިޔާގެ ދިފާޢީ ވުޒާރާއިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އެ ވުޒާރާއިން ބުނީ, ހަރްކިވްގެ ރަށެއް ކަމުގައިވާ ވޮވްސްޗަންސްކަށް އެރުމަށް ރަޝިޔާގެ ފައުޖުތަކުން މަސައްކަތް ފަށާފައިވާ ކަމުގައެވެ. ނަމަވެސް, ޔޫކްރެއިންގެ ފައުޖުތަކުން ވަނީ އެ ޢުދުވާންތައް ހުއްޓުވާފައެވެ.
ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނީ, ވޮވްސްޗަންސްކުގެ ރަށްބޭރުގައި ތިބި ރަޝިޔާގެ ފައުޖުތަކުން 1 ކިލޯމީޓަރުގެ ސަރަޙައްދަކަށް ވަދެފައިވާ ކަމުގައެވެ. އެ މީހުންގެ ބޭނުމަކީ 10 ކިލޯމީޓަރުގެ ސަރަޙައްދަކަށް އަތްގަދަކޮށް, ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ބޭނުންވާ ގޮތަށް ބަފަރ ޒޯނެއް ގާއިމު ކުރުން ކަމަށް ބެލެވެއެވެ. އެއީ, ޔޫކްރެއިންގެ ފައުޖުތަކުން ރަޝިޔާއަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް ހުއްޓުވުމުގެ ގޮތުން ގާއިމު ކުރަން ޕުޓިން ވައުދުވެފައިވާ ބަފަރ ޒޯނެކެވެ.
ޔޫކްރެއިނުން ބުނީ, އެ ޤައުމުގެ އިރުއުތުރުގެ ސަރަޙައްދީ ރޮނގު ކައިރިއަށް ރަޝިޔާއިން އެތަކެއް ހާސް ސިފައިން ޖަމާ ކުރަން ފަށާފައިވާ ކަމުގައެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ, އެ ސަރަޙައްދަށް އަރަން ތައްޔާރުވަމުންދާ ރަޝިޔާގެ ސިފައިންނާ ކުރިމަތިލާން ޔޫކްރެއިންގެ ފައުޖުތައް އެ ސަރަޙައްދަށް ފޮނުވަން ފަށާފައިވާ ކަމުގައެވެ. އަދި, ރަޝިޔާގެ ފައުޖުތަކާ ކުރިމަތިލާން ޔޫކްރެއިނުން ތައްޔާރަށް އޮތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މި ކަމާ ގުޅިގެން ވޮވްސްޗަންސްކުގައި މި ވަގުތު ތިބި 3,000އެއްހާ ޢާންމުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމުގައި އެ ސަރަޙައްދުގެ ގަވަރުނަރު އޮލެހް ސުންޔެހުބޮވް ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ, ސަރަޙައްދީ ރޮނގު ކައިރި ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ހަރްކިވާ އިންވެގެން ސަރަޙައްދީ ރޮނގު ހުރަސްކޮށް އޮންނަނީ ރަޝިޔާގެ ބިޔެލްގޮރޮދް ސަރަޙައްދެވެ.
2022ވަަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ފެށި ހަނގުރާމައިގެ ކުރީކޮޅު ވެސް ރަޝިޔާއިން ވަނީ ހަރްކިވަށް އަތްގަދަ ކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް, ޔޫކްރެއިންގެ ފައުޖުތަކުން ވަނީ އެ ސަރަޙައްދު ދިފާޢުކޮށްފައެވެ. ރަޝިޔާގެ އިސްތިޢުމާރީ ފައުޖާ ދެކޮޅަށް ޔޫކްރެއިނުން ފެށި ރައްދު ޙަމަލާގެ އަސްކަރީ ކެމްޕޭނަށް ކުރިއެރުންތަކެއް ނުލިބި, ރަޝިޔާއިން އަނެއްކާ ވެސް މި ވަނީ އެ ސަރަޙައްދަށް އަތްގަދަ ކުރުމަށް މަސައްކަތް ފަށާފައެވެ.
ޔޫކްރެއިނުން ބުނީ, އެ ޤައުމަށް އަރާފައިވާ ރަޝިޔާގެ އިސްތިޢުމާރީ ފައުޖު ބަލިކޮށް, އަތްގަދަ ކޮށްފައިވާ ސަރަޙައްދުތައް މިނިވަން ކުރެވޭނީ ހުޅަނގުން ޔޫކްރެއިނަށް އިތުރު ހަތިޔާރު ފޯރުކޮށްދީގެން ކަމުގައެވެ. އެމެރިކާއިން ދާދިފަހުން ވަނީ ޔޫކްރެއިނަށް 61 ބިލިޔަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީ ފޮނުވަން ނިންމާފައެވެ. ޒެލެންސްކީ ވިދާޅުވީ, އެ ހަތިޔާރުތައް ލިބުމާ އެކު, ރަޝިޔާގެ ފައުޖާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމުގައެވެ.
އެމެރިކާއިން ޔޫކްރެއިނަށް ފޮނުވަން ތައްޔާރު ކުރަމުންދާ ހަތިޔާރުގެ ތެރޭގައި އެފް-16 މަރުކާގެ އަސްކަރީ މަތިންދާބޯޓު ވެސް ހިމެނެއެވެ. އެ މަތިންދާބޯޓުތައް ކުރިއަށް ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގައި ލިބި, ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް ބޭނުން ކުރަން ފަށާނެ ކަމަށް ބެލެވޭ ކަމުގައި ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނެއެވެ.
މި ހަނގުރާމައިގައި ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީ ދޮންބާސް ސަރަޙައްދުގެ ލުހާންސްކާއި ދޮންޏެސްކުގެ އިތުރުން ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ. ރަޝިޔާއިން ވަނީ އެއީ އެ ޤައުމުގެ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅާފައެވެ.