ފަލަސްޠީނުގެ ޣައްޒާގެ ރަފަޙްގެ އިރުމައްޗާއި މެދުތެރޭގައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން އެ ސަރަޙައްދުތަކުން ފައިބަން ޔަހޫދީން ފައުޖުން އަންގައިފިއެވެ. ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙުގައި މި ވަގުތު ފަލަސްޠީނުގެ 1.4 މިލިޔަނެއްހާ މީހުން އެބަތިއްބެވެ. މީގެ ކުރިން ވެސް ޔަހޫދީ ފައުޖުން ވަނީ އެ ރަށުގެ އިރުމަތީގައިވާ ސަރަޙައްދުތައް ހުސް ކުރަން އަންގާފައެވެ.
ޔަހޫދީ ފައުޖުން ދަނީ އެއްގަމު މަގުން ރަފަޙަށް އަރައި, ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޢުދުވާން އެ ރަށަށް ފުޅާ ކުރަން ތައްޔާރުވަމުންނެވެ. ޔަހޫދީ ފައުޖުން މިހާރު ވަނީ އަސްކަރީ ޓޭންކުފަހަރާއި ބަރުހަތިޔާރާ އެކު ރަފަޙުގެ ބައެއް ސަރަޙައްދުތަކަށް އަރާފައެވެ. އަދި, އެ ރަށުގެ ހުޅަނގާއި އިރުމަތި ވަކިކޮށްދޭ މައި މަގު ވަނީ އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.
މޭ 7ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ, އަސްކަރީ ޓޭންކުފަހަރާ އެކު ރަފަޙާއި މިޞްރު ގުޅޭ ސަރަޙައްދީ ހުރަހަށް ވެސް އަތްގަދަ ކޮށްފައެވެ. އެއަށްފަހު, ޔަހޫދީ ފައުޖުން ވަނީ ރަފަޙް ހުރަހުން ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ވެއްދުން ހުއްޓުވާފައެވެ. މިއާ އެކު, ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަނެއްހާ މީހުންގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ.
ރަފަޙްގެ އިރުމަތީގައިވާ ސަރަޙައްދުތައް ހުސް ކުރަން އެންގުމުން, އެ ސަރަޙައްދުތަކުގައި ޖަހާފައިވާ ފޭލިގެތަކާއި ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ މީހުންގެ ތެރެއިން 150,000އެއްހާ މީހުން މިހާރު ވެސް ވަނީ އެ ސަރަޙައްދުން ފައިބާފައެވެ. އެ މީހުން ދަތުރު ކޮށްފައި ވަނީ ރަފަޙާ އިންވެގެން އޮތް އަލް-މަވާސީއާއި ޣައްޒާގެ އުތުރުގެ ސަރަަޙައްދުތަކަށެވެ. ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (ޔޫއެންއާރްޑަބްލިޔުއޭ)ން ވަނީ މި ކަން ކަށަވަރު ކޮށްދީފައެވެ.
ރަފަޙްގައި ހުންނަ ކުވައިތު ހަސްފަތާލުގެ ޑިރެކްޓަރު ޞާޙިބް އަލް-ހަމްޞް ވިދާޅުވީ އެ ހަސްފަތާލު ހުސްކުރަން ވެސް ޔަހޫދީ ފައުޖުން އަންގާފައިވާ ކަމުގައެވެ. ޔަހޫދީ ފައުޖުގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ އެތަކެއް ސަތޭކަ ބަލި މީހުން އެ ހަސްފަތާލުގައި މި ވަގުތު ތިބި ކަމުގައި އޭނާ ވިދާޅުވިއެވެ.
"މި ތަނުގައި ތިބި ބަލި މީހުންނާއި ޒަޚަމު ކޮށްލާފައިވާ މީހުން ދާނެ އިތުރު ތަނެއް ނެތް. މި ތަން ހިމާޔަތް ކޮށްދިނުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލަން،" ހަމްޞް ވިދާޅުވިއެވެ.
ރަފަޙްގެ ސަރަޙައްދުތައް ހުސް ކުރަން އެންގުމަށް ފަހު, ޔަހޫދީ ފައުޖުން ދަނީ އަސްކަރީ ޓޭންކުފަހަރާއި މަތިންދާބޯޓުތަކުގެ އިތުރުން ޑްރޯން ބޭނުން ކޮށްގެން އެ ސަރަޙައްދުތަކަށް ޙަމަލާ ދެމުންނެވެ. "އާޓިލަރީ ބަޑިންނާއި ރޮކެޓް ޙަމަލާތަކާ ގުޅިގެން އަޅުގަނޑުމެންނަށް ލޮލުފިޔައެއް ވެސް ޖަހައިނުލެވޭ. ރަފަޙްގެ ހާލަތު މި ވަގުތު ވަރަށް ނާމާން. ބިރުވެރި،" ރަފަޙްގައި ދިރިއުޅޭ ރައްޔިތަކު ބުންޏެވެ.
ރަފަޙްގައި ހުންނެވި އިންސާނީ އެހީގެ ކަންކަން ވިލަރެސްކުރާ އދގެ އިދާރާ (އޯސީއެޗްއޭ)ގެ އިސް އޮފިޝަލް, ޖޯރްޖިޔޯސް ޕިތްރޯޕަލީސް ވިދާޅުވީ ރަފަޙުގައި ތިބި ރައްޔިތުން އެހެން ސަރަޙައްދަކަށް ބަދަލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ އިންސާނީ އެހީގެ ސާމާނު ނެތް ކަމުގައެވެ. އަދި, އެތަކެއް ހާސް ބަޔަކު ބަދަލު ކުރެވޭނެ ގޮތެއް ވެސް ނެތް ކަމުގައެވެ.
"އެ މީހުންނަށް ހިޔާވަހި ކަން ފޯރުކޮށްދޭން ބޭނުން ކުރާނެ ފޭލިގެއެއް ނެތް. ރަޖާ ފަދަ ތަކެއްޗެއް ނެތް. އެނދެއް ނެތް. އެހާ ގިނަ ޢަދަދެއްގެ ބަޔަކު އެހެން ސަރަޙައްދަކަށް ބަދަލުކޮށް, އިންސާނިއްޔަތަށް ޓަކައި ބޭނުންވާ އެހީގެ ސާމާނު ފޯރުކޮށްދެވޭނެ ގޮތެއް ނެތް،" ޕިތްރޯޕަލީސް ވިދާޅުވިއެވެ.
މީގެ ހަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 34,971އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 78,641އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.