ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ތެރެއިން ދިން ޙަމަލާއެއްގައި ލިބުނު ޒަޚަމުތަކުގައި އިތުރު އަސީރަކު މަރުވެފައިވާ ކަން ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ހާމަކޮށްފިއެވެ. ޙަމާސުުން ޔަހޫދީންގެ ބައިގަނޑެއް ރަހީނު ކޮށްފައި ވަނީ 2023 އޮކްޓޫބަރު 7ގައި ޔަހޫދީންގެ ރަށްތަކަށް ދިން ކުއްލި ޙަމަލާއެއްގައެވެ. ޙަމާސުން ވަނީ އެ ޙަމަލާގައި ރަހީނު ކޮށްފައިވާ އަސީރުން ޣައްޒާއަށް ގެންގޮސްފައެވެ.
އެ ޖަމާޢަތުން ބުނީ, ޔަހޫދީންގެ އިތުރު އަސީރަކު މަރުވެފައި ވަނީ ޔަހޫދީ ފައުޖުން ޣައްޒާއަށް ދިން ވައިގެ ޙަމަލާތަކެއްގައި ކަމުގައެވެ. ޙަމާސުން ވަނީ ޔަހޫދީ ފައުޖުގެ ޙަމަލާތަކުގައި އެ އަސީރަށް ލިބިފައިވާ ޒަޚަމުތަކުގެ ވީޑިޔޯއެއް ނަގައި އޭނާ މަރުވުމުގެ ކުރިން ޢާންމު ކޮށްފައެވެ. މި ވީޑިޔޯއާ ގުޅޭ ގޮތުން ޔަހޫދީ ފައުޖުން ވަކި އެއްޗެއް ހާމަކޮށްފައި ނުވާއިރު, ޙަމާސުން އަސީރުންގެ ވީޑިޔޯތައް ޢާންމު ކުރަނީ ނަފްސާނީ ބިރުވެރި ކަން އުފެއްދުމުގެ ގޮތުން ކަމުގައި ޔަހޫދީ ފައުޖުން ކުރިން ބުނެފައިވެއެވެ.
"ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތައް ސުންނާފަތި ކޮށްލާފައި. އޭނާ [އަސީރު] މަރުވީ, އެކަށީގެންވާ ޞިއްޙީ ފަރުވާ ނުލިބުމުގެ ސަބަބުން،" ޙަމާސްގެ ހަތިޔާރު އެޅި ގޮފީގެ ތަރުޖަމާނު އަބޫ ޢުބަޔިދާ ވިދާޅުވިއެވެ.
އޮކްޓޫބަރު 7ގައި ޙަމާސުން ޔަހޫދީންގެ ރަށްތަކަށް ދިން ކުއްލި ހަމަލާގައި 252 އަސީރުން ރަހީނު ކޮށްފައިވެއެވެ. އޭގެ ތެރެއިން 100އެއްހާ މީހުން މިނިވަން ކޮށްފައިވާއިރު, ޙަމާސްގެ ބެލުމުގެ ދަށުގައި އަދިވެސް 128 ވަރަކަށް އަސީރުން އެބަތިއްބެވެ. ޔަހޫދީން ޣައްޒާގެ ރަށްތަކަށް ދެމުންދާ ރަޙުމު ކުޑަ ޙަމަލާތަކުގައި އޭގެ ތެރެއިން 36 މީހުން މަރުވެފައިވާ ކަމުގައި ޙަމާސުން ބުނެއެވެ.
ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމަށް ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރާއި ޔަހޫދީ ފައުޖުން ހަރުދަނާ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމުގައި އަސީރުންގެ ޢާއިލާތަކުން ބުނެއެވެ. އަދި, އެ މީހުން މިނިވަން ކުރުމަށް މަސައްކަތް ކުރުމަށް ގޮވައިލާ އިސްރާއީލުގެ ޢާންމު ރައްޔިތުންގެ ތެރެއިން އެތަކެއް ސަތޭކަ ހާސް ބަޔަކު ދަނީ މެދުކެނޑުމެއް ނެތި މުޒާހަރާ ކުރަމުންނެވެ. އަސީރުން މިނިވަން ކުރުމުގެ ބަދަލުގައި ޔަހުދީ ފައުޖުގެ އަމާޒަކީ ޢުދުވާން ފުޅާކޮށް, ގަތުލުއާންމުތައް ވަރުގަދަކޮށް, ވީހާ ވެސް ގިނަ ޢަދަދެއްގެ މުސްލިމުންގެ ލޭއޮހޮރުވައިލުމެވެ. ފުރާނަ ނަގައިލުމެވެ.
މީގެ ހަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 34,971އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 78,641އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.