ޚަބަރު

ރަސްމީ ފާލަން އަލުން ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއިން ފަށައިފި


  • މި މަޝްރޫޢަށް 11.7 މިލިއަން ރުފިޔާގެ ޚަރަދުވޭ

  • މި މަސައްކަތް ޙަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭ ނިންމާގޮތަށް

ރަސްމީ ފާލަން ނުވަތަ "ޢިއްޒުއްދީން ފާލަން" އަލުން ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ފަށައިފިއެވެ. މި މަސައްކަތްކުރުމަށް މިފާލަން މިހާރު ވަނީ ބަންދުކޮށްފައެވެ.

ޢިއްޒުއްދީން ފާލަން މަރާމާތުނުކޮށް ގިނަ ދުވަސްތަކެއްވެފައިވާތީ، މި ފާލަން ވަނީ ވަރަށް ބޮޑަށް ވީރާނާވެ މަރާމާތަށް ބޭނުންވެފައެވެ. މިހާރު ހުރި ފާލަން ރޫޅާލުމަށްފަހު އަލުން ތަރައްޤީކުރެވޭ ރަސްމީ ފަލަމަކީ ދިވެހީންގެ ޤައުމިއްޔަތާއ،ި ސަޤާފަތް ރަމްޒުކޮށްދޭ، ގިނަ ދުވަހު ބޭނުންކުރެވޭފަދަ ފެންވަރު ރަނގަޅު ފާލަމަކަށްވާނެކަމުގެ ޔަޤީންކަން އެމްޓީސީސީން ވަނީ ދީފައެވެ.

މި މަޝްރޫޢުގެ ދަށުން ކުރީގެ ޖެޓީ ރޫޅާލުމާއި، އައު ޖެޓީގެ ކޮންކްރީޓް މަސައްކަތާއި، ސްޓީލް ސްޓަރަކްޗަރ ފަރުމާކުރުމާއ،ި ލަކުޑި އަދި މަތިވަޑާމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް 11.7 މިލިއަން ރުފިޔާއަށް ޚަރަދުވާނެކަމަށް އެކުންފުނިން ބުނެއެވެ. ރަސްމީ ފާލަމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 270 ދުވަސް ތެރޭގައި ނިންމާގޮތަށެވެ.

ރަސްމީ ދަތުރުފުޅުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރު ޤައުމުތަކުގެ އިސްވެރިންނާއި އިއްޒަތްތެރިން މާލޭއަށް
ފައިބައިވަޑައިގަތުމަށް ބޭނުންކުރައްވާ ޢިއްޒުއްދީން ފާލަމަކީ، ދިވެހި ޖުމްހޫރިއްޔާގެ ޢިއްޒަތާއި، ސިޔާދަތާއ،ި ދިވެހިންގެ އަމިއްލަވަންތަކަން ރަމުޒުކޮށްދޭ މުހިންމު ބިނާއެކެވެ. މިއީ ވެރިރަށް މާލޭގެ މަލަމަތިން ފެނިގެންދާ އެންމެ މުހިންމު އެ ބިނާވެސްމެއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުމުގެ މުނާސަބާތާއި ގުޅިގެން، އޭރު ބޭނުންކުރަމުންދިޔަ ރަސްމީ ފާލަމުގެ ބަދަލުގައި ޒަމާނީ ފަރުމާއަކަށް ޢިއްޒުއްދީން ފާލަން ޑިޒައިންކޮށްފައިވަނީވެސް އެމްޓީސީސީ އިންނެއެވެ.

މި ފާލަން ޑިޒައިން ކުރެވިފައިވަނީ، ރިޔާ ނެގި ނާލު ބައްތެއްޔެއްގެ ސިފަ ދުރުން ފެންނަ ގޮތަށެވެ. އެއީ ބައްތެލީގައި ހުންނަ ކުޑަ ރިޔަލާއި މެދު ރިޔަލާއި ބޮޑު ރިޔާ ފެންނަ ގޮތަށެވެ. މި ފާލަމަކީ އެއް ފަހަރާ ފަސް އުޅަނދަށް ކައިރި ކުރެވޭ ގޮތަށް ހަދާފައިވާ ފާލަމެކެވެ.

ޢިއްޒުއްދީން ފާލަން ނިސްބަތްވާ އައްސުލްޠާން ޙަސަން ޢިއްޒުއްދީން ނުވަތަ ދޮން ބަންޑާރައިންނަކީ ހޮޅިންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކުރެއްވުމަށް ފަހު، ރާއްޖޭގައި ހަތް އަހަރު ވަންދެން ރަސްކަން ކުރެއްވި ރަސްކަލެވެ.