ޚަބަރު

ޔަހޫދީ ފައުޖުން ޣައްޒާގެ އުތުރަށް އަސްކަރީ ޓޭންކުތައް ފޮނުވައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން އެ ސަހަރުގެ އުތުރުގައިވާ ރަށްތަކަށް ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރު އަލުން ފޮނުވައި, ޢުދުވާން ފުޅާކޮށްފިއެވެ. އަސްކަރީ ޓޭންކުތަކާ އެކު ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އިރުއުތުރުގައި އޮތް ޖަބާލިޔާ ރެފިއުޖީ ކޭމްޕު އޮންނަ ސަރަޙައްދަށް ވަދެފައެވެ.

ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, ޖަބާލިޔާ ކޭމްޕަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި 19 މީހުން ޝަހީދު ކޮށްލައި, ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު 7ގައި ޔަހޫދީން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 35,000 ފަހަނައަޅާފައެވެ. ޢުދުވާނުގައި ޣައްޒާގެ ޢުމްރަނީ ވަސީލަތްތަކުގެ 75 އިންސައްތަ ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.

ޖަބާލިޔާއަކީ ޣައްޒާގައި އޮންނަ އެންމެ ބޮޑު, އަދި ދުވަސްވީ ރެފިއުޖީ ކޭމްޕެވެ. އެ ސަރަޙައްދުގައި ފަލަސްޠީނުގެ 100,000އަކަށްވުރެ ގިނަ ރެފިއުޖީން ދިރިއުޅެއެވެ. އެ ތަނުގައި ދިރިއުޅޭ ގިނަ މީހުންނަކީ, 1948ވަނަ އަހަރު އެ މީހުންގެ ބިންތައް ފޭރިގަނެ, އެ ތަންތަނުން ބޭރު ކޮށްފައިވާ ޢާއިލާތަކުގެ މެންބަރުންނެވެ. އެ ބިންތައް ފޭރިގަނެފައި ވަނީ ޒަޔަނިސްޓުންގެ އިސްރާއީލު އުފެއްދުމަށެވެ.

ޖަބާލިޔާގައި ދިރިއުޅޭ މުސްލިމުން ބުނީ ޔަހޫދީ ފައުޖުން އަސްކަރީ ޓޭންކުފަހަރާ އެކު އެ ކޭމްޕުގެ އެންމެ އެތެރެއަށް ވަދެފައިވާ ކަމުގައެވެ. "އެ މީހުުން [ޔަހޫދީ ފައުޖުން] ދަނީ ހުރިހާ ތަނަކަށް ބޮން އަޅަމުން. ޙަމަލާ ދެމުން. މަދަރުސާތަކާއި ޢާންމުންގެ ގެދޮރަށް ދަނީ ޙަމަލާތައް އަމާޒު ކުރަމުން. އެ ތަންތަނުގައި ތިބި ގިނަ މީހުންނަކީ ގެދޮރު ނެތް މީހުން. ޖަބާލިޔާގައި އަނެއްކާ ވެސް މި ވަނީ ހަނގުރާމަ ފަށާފައި،" ޖަބާލިޔާގައި ދިރިއުޅޭ 54 އަހަރުގެ ރައްޔިތަކު ބުންޏެވެ.

މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވީ, ޔަހޫދީ ފައުޖުން ޢުދުވާން ހިންގަމުން ދަނީ އެއްވެސް ރޭވުންތެރި ކަމެއް ނެތި ކަމުގައެވެ. އަދި, ޢުދުވާންތައް ނިމުމަކަށް ގެނައުމުން, ފަލަސްޠީނުގެ މުސްލިމުން ޒަޔަނިސްޓު އިސްރާއީލާ ދެކޮޅަށް އަނެއްކާ ވެސް ތެދުވާނެ ކަމަށް ބުނެ, އޭނާ ވަނީ އިންޒާރު ކުރައްވާފައެވެ.

ޣައްޒާގައި ހިންގަމުންދާ ޢުދުވާނުގެ ރައްދުގައި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ވެސް ވަނީ ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އޭގެ ތެރެއިން ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އިސްރާއީލުގެ ކެރެމް ޝަލޯމްގެ ދެކުނާއި އަޝްކެލޯންގެ ސަރަޙައްދުތަކަށެވެ. ޔަހޫދީ ފައުޖުން ބުނީ, ކެރެމް ޝަލޯމަށް ޙަމަލާ ދިނުމަށް ޙަމާސުން ބޭނުން ކުރި ރޮކެޓްތައް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ. ޙަމާސްގެ ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ.

ޙަމާސުން ބުނީ, ޔަހޫދީންގެ ރަށްތަކަށް ޙަމަލާ ދިނުމަށް ރޮކެޓުތައް އުދުއްސައިލާފައި ވަނީ ޖަބާލިޔާއިން ކަމުގައެވެ. އަދި, އެ ޖަމާޢަތާއި އިސްލާމިކް ޖިހާދުގެ މުޖާހިދުން ގުޅިގެން, ޖަބާލިޔާއަށް އަރާފައިވާ ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިންނާ ކުރިމަތިލަމުންދާ ކަމުގައެވެ. ޔަހޫދީ ސިފައިންނަށް އަމާޒުކޮށް އެންޓި-ޓޭންކް ހަތިޔާރާއި މޯޓަރު ބަޑީގެ ވަރުގަދަ ޙަމަލާތަކެއް ދީފައިވާނެ ކަމުގައި ޙަމާސުން ބުނެއެވެ.

މިޞްރުގެ ޚާރިޖީ ވަޒީރު ސާމިޙް ޝުކުރީ ވިދާޅުވީ, ޔަހޫދީންނާއި ޙަމާސާ ދެމެދު ނުރަސްމީ ވާހަކަތައް އަލުން ފެށުމަށް ޤާހިރާއިން މަސައްކަތް ކުރަމުންދާ ކަމުގައެވެ. މި ކަމުގައި ޤަޠަރުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސަލިވަން ވިދާޅުވީ, ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙުގައި ޔަހޫދީ ފައުޖުން ފަށާފައިވާ ޢުދުވާންތައް ހުއްޓައިލަން ރައީސް ޖޯ ބައިޑަން ގޮވައިލައްވާފައިވާ ކަމުގައެވެ.

މީގެ ހަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 35,034އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 78,755އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.