ޚަބަރު

އިންޑޮނީޝިޔާގައި ފެންބޮޑުވެ 37 މީހުން މަރުވެއްޖެ


އިންޑޮނީޝިޔާގެ ހުޅަނގު ސުމާތްރާއަށް ބޯކޮށް ވާރޭވެހި, ފެންބޮޑުވުމާ ގުޅިގެން ހިނގި ނުރައްކާތެރި ހާދިސާތަކެއްގައި 37 މީހުން މަރުވެއްޖެއެވެ. ބޯކޮށް ވާރޭވެހުމާ އެކު ސުމާތްރާގެ ފަރުބަދަމަތީ ސަރަޙައްދުތަކުގައި ބިންގަނޑު ކެނޑުމުގެ ހާދިސާތައް ހިނގާފައިވާއިރު, މި ހާދިސާތަކުގައި ގެއްލިފައިވާ ކަމަށް ބެލެވޭ މީހުންގެ ޢަދަދު ވަނީ 17އަށް އުފުލިފައެވެ. އެ މީހުން ހޯދުމަށް އިދާރާތަކުން ވަނީ މަސައްކަތް ފަށާފައެވެ.

މި މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ޓީމުގެ ވެރިޔާ, ޢަބްދުލް މާލިކް ވިދާޅުވީ އެ ސަރަޙައްދުގައި ހުންނަ މަރާޕީ އަލިފާން ފަރުބަދައިން "ކޯލްޑް ލާވާ" ނުވަތަ އަޅިއާއި ކިސަޑު ފައިބަމުންދާ ކަމުގައެވެ. އެ ސަރަޙައްދުގައި ހުންނަ ތިން އަވަށަކަށް ކޯލްޑް ލާވާ ފައިބަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ. މަރާޕީ އަލިފާން ފަރުބަދައަކީ އެ ސަރަޙައްދުގައި ހުންނަ އެންމެ އެކްޓިވް އަލިފާން ފަރުބަދައެވެ.

2023 ޑިސެންބަރު މަހު ވެސް އެ ފަރުބަދަ ގޮވާފައިވެއެވެ. އެ ހާދިސާގައި 20 މީހުން މަރުވިއެވެ. ޢަބްދުލް މާލިކް ވިދާޅުވީ, ކިސަޑާ އެކު އަލިފާން ފަރުބަދައިގެ އަޅި ފައިބަމުން ދިޔުމާ ގުޅިގެން, އެ ސަރަޙައްދުތަކުގެ އަހުލުވެރިންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމުގައެވެ. އެންމެ ބޮޑު ނުރައްކަލަކީ ރޭގަނޑު އެންމެން ނިދާފައި ތިބި ވަގުތު ކޯލްޑް ލާވާ ފައިބަން ފެށުން ކަމުގައި އޭނާ ވިދާޅުވިއެވެ.

މި ހާދިސާތަކާ ގުޅިގެން ގެއްލިފައިވާ ކަމަށް ބެލެވޭ 17 މީހުން ހޯދުމަށް 400އެއްހާ މީހުންގެ މައްޗަށް އެކުލެވިގެންވާ ޓީމަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. މި ކަމުގައި ސުމާތްރާގެ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި, އިންޑޮނީޝިޔާގެ އަސްކަރިއްޔާއިން ވެސް ވަނީ ޓީމުތައް ފޮނުވާފައެވެ. ނަމަވެސް, ފެންބޮޑުވުމާއި ބިންގަނޑު ކެނޑުމުގެ ސަބަބުން މަގުތަކަށް ގެއްލުން ލިބުމާ އެކު އެ މަސައްކަތަށް ވަނީ ހުރަސް އެޅިފައެވެ.

އިންޑޮނީޝިޔާގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނީ, ފެންބޮޑުވުމާއި ކިސަޑު ފޭބުމުގެ ސަބަބުން 200އެއްހާ ގެދޮރު ހަލާކުވެ, 72 ހެކްޓަރުގެ ދަނޑުބިމަށް ގެއްލުން ލިބިފައިވާ ކަމުގައެވެ. އެ ސަރަޙައްދުތަކުގައި ދިރިއުޅޭ 158 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ.