 
										
			19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިންމާލި ޖަލްސާގައި ބައިވެރިވި ގިނަ މެންބަރުންވަނީ ފަހު ބަސް ވިދާޅުވުމަށް ދިން ފުރުޞަތުގައި އެ މެންބަރުންގެ އިޙުސާސްތައް އިހުސާސްތައް ބަންޑުންކޮއްލާފައެވެ. ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރުމަށް ދިން ފުރުޞަތަށް މެންބަރުން ވަނީ ޝުކުރުވެރިވަމުން މެންބަރުންވަނީ ކުރެވުނު މަސައްކަތާއި މެދު ހިތްހަމަ ޖެހޭކަން  ފާޅުކޮށްފައެވެ. 
19 ވަނަ މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ކުރެވުނުކަން މަޖިލީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ފާހަގަ ކުރެއެވެ. އެގޮތުން ޖުމްލަ 513 ޖަލްސާއެއް ބާއްވާފައިވާއިރު 210 ބިލު ހުށަހަޅާ 178 ބިލެއްގެ މަސައްކަތް ވަނީ ނިންމާލާފައެވެ. 
ފަހު ބަސް ބުނުމުގެ ފުރުސަތު ރިޔާސަތުން ދިނުމުން ބައެއް މެންބަރުން ވަނީ ނިސްބަތްވާ ދައިރާތަކަށް އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްދެވުނު ކަމަށާއި މަޤާމުގެ ނާޖާއިޒް މަންފާއެއް ނަގާފައި ނޯންނާނެކަން ފާހަގަކުރައްވާފައެވެ. 
		
 
										
			"އަޅުގަނޑު ރައްޔިތުންނަށް ވަޢުދުވި ހުރިހާ ކަމެއް މި ފަސް އަހަރު ދައުރު ނިމިގެން މިދަނީ ބަޖެޓުގައި ހިމަނައިގެން. އަދި އުފަލަކީ ގިނަ މަސައްކަތް ފެށި ގިނަ ކަންކަން އެކީއެކަށް ނިންމާލެވިފައިވާތީ "19 ވަނަ މަޖިލީހުގައި މިވަގުތު ޕީއެންސީގެ ޕީޖީ ލީޑަރުކަން ކުރައްވަމުންގެންދަވާ ފޮނަދޫ ދައިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވިއެވެ.
"ހަމަގައިމުވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ނޫން ކަމެއް އަޅުގަނޑު ނުކުރަން. މަޤާމު ބޭނުންކޮށްގެން ކުރި ވިޔަފާރިއެއް ނޯންނާނެ. އަދި މަޤާމު ބޭނުންކޮށްގެން ރައްޔިތުންގެ އިތުބާރު ގެއްލޭ އެއްވެސް ކަމެއް އަޅުގަނޑު ކޮށްފައެއް ނޯންނާނެ" ކުޑަހުވަދޫ ދައިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވިއެވެ.
		
 
										
			މަޖިލީހުގައި ހިތްހަމަ ޖެހޭ މަސައްކަތްތަކެއް ކުރެވުނު ކަމަށް މެންބަރުން މިއަދު ފާހަގަކޮށްފައިވާއިރު، ދައުރު ނިމޭ މެންބަރުން ވަނީ ކުރިއަށް އޮތް 20 ވަނަ މަޖިލީހަށް އެމެންބަރުން ކުރާ އުއްމީދުތަކާއި އިލްތިމާސްތައްވެސް ޙިއްސާކޮށްފައެވެ.
އެގޮތުން މެންބަރުން ވަނީ ކުރިއަށް އޮތް މަޖިލީހުގައި އެ މެންބަރުން މިހާރު ތަމްސީލު ކުރަމުންދާ ދައިރާތަކާއި އެދާއިރާތަކުގެ ރައްޔިތުން އިސްކޮށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އެގޮތުން މަޖިލީހުގެ ހާޒިރީ ރަނގަޅުކުރުމަށާއި ރައްޔިތުންގެ މަސްލަހަތު އިސްކުރާ ބައެއްގެ ގޮތުގައި މެންބަރުން ތިބުމަށް އެދޭ ކަމަށް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ. 
		
 
										
			"އަމިއްލަ މަސްލަޙަތު ނުވަތަ ތިމާގެ ވިޔަފާރީގެ މަސްލަހަތައް ވުރެ ބޮޑަށް މަޖިލީހުގައި ރައްޔިތުންގެ މަސްލަހަތު އިސްކުރާނެ ބަޔަކަށް އައު މެންބަރުން ވާނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އުއްމީދުކުރަން" މާފަންނު އުތުރު ދައިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވިއެވެ.
" މަޖިލީހުގެ މެންބަރުންގެ ނުފޫޒު ބޭނުންކޮށްގެން ކޯޓުތެރެއަށް އަތް ބޭނުމުގެ ބައި ހުއްޓުވައި ދެއްވާށޭ. މިކަން އަޅުގަނޑުމެންނަށް ނުކުރެވުނީމަ އަޅުގަނޑުމެން 19 ވަނަ މަޖިލީހުގައި ގެނައި އެމްޑީޕީ ވެރިކަން ފެއިލްވެގެން ދިޔައީ" ތިނަދޫ ދެކުނު ދައިރާގެ މެންބަރު ސަނީފު ވިދާޅުވިއެވެ.
		
 
										19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާގައި މެންބަރުންގެ ފަހުބަސް އިއްވާފައިވާއިރު، ކުރިއަށްއޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރާނީ މިމަހުގެ 28 ވަނަ ދުވަހުގައެވެ.