ޚަބަރު

ރަޝިޔާގެ ދިފާޢީ ވަޒީރުކަމުގެ މަޤާމަށް އިޤުތިޞާދީ މާހިރެއް


ރަޝިޔާގެ ދިފާޢީ ވަޒީރު ސިރްގިޔޭ ޝޮއިގޫ މަޤާމުން ދުރުކޮށް, އެ މަޤާމަށް އިޤުތިޞާދީ ދާއިރާގެ މާހިރެއް ޢައްޔަންކޮށްފިއެވެ. ރައީސް ވްލަޑިމިޔަރ ޕުޓިން, އެ ޤައުމުގެ ދިފާޢީ ވަޒީރު ކަމުގެ މަޤާމަށް ޢައްޔަން ކުރައްވާފައި ވަނީ 65 އަހަރުގެ އަންދްރެއި ބިލައޫސަފެވެ. ރަޝިޔާގެ ބޮޑުވަޒީރުގެ ނައިބު ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ ބިލައޫސަފަކީ އަސްކަރީ ގޮތުން އެއްވެސް ތަޖުރިބާއެއް ނެތް ބޭފުޅެކެވެ.

ދިފާޢީ ވަޒީރު ކަމުގެ މަޤާމަށް އިޤުތިޞާދީ މާހިރެއް ޢައްޔަން ކުރައްވަން ޕުޓިން ނިންމަވާފައި ވަނީ, ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިޔާގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގެ ބޭނުމުގައެވެ. އަދި, ރަޝިޔާގެ ދިފާޢީ ބަޖެޓުން ޚަރަދު ކުރުން ހަރުދަނާކޮށް, ޔޫކްރެއިން ހަނގުރާމައިގައި އީޖާދީ ވިސްނުންތެރިކަން އިސްކުރުމުގެ ނިޔަތުގައެވެ. މިއީ, ހަނގުރާމައަށް ޚަރަދު ކުރަން އިތުރު ފައިސާ ހޯދާނެ މަގުތައް ހޯއްދެވުމަށް ޕުޓިން ނިންމެވި ނިންމެވުމެކެވެ.

2012ވަނަ އަހަރުން ފެށިގެން ރަޝިޔާގެ ދިފާޢީ ވަޒީރު ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާފައިވާ ޝޮއިގޫއަކީ ޕުޓިންގެ ވަރަށް އަރިސް ބޭފުޅެކެވެ. އެ މަޤާމުން އޭނާ ވަކި ކުރެއްވުމަށް ފަހު, އޭނާ ދެން ޢައްޔަން ކުރައްވަން ޕުޓިން ވިސްނަވާފައި ވަނީ, ރަޝިޔާގެ ބާރުގަދަ ސަލާމަތީ މަޖިލީހުގެ ވަޒީރު ކަމުގެ މަޤާމަށެވެ. އަދި, އެ މަޤާމު މިހާރު ފުރުއްވަމުން ގެންދަވާ ނިކަލައި ޕަތްރޫޝަފު އެހެން މަޤާމަށް ބަދަލު ކުރައްވަން ޕުޓިން ވަނީ ނިންމަވާފައެވެ.

ޕުޓިންގެ މި ނިންމެވުންތަކަށް ރަޝިޔާގެ ޤާނޫނު ހަދާ މަޖިލީހުން ރުހުން ދޭނެ ކަމަށް ބެލެވެއެވެ. މިއީ, 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ޔޫކްރެއިނަށް ސިފައިން ފޮނުވައިގެން ޕުޓިން ހަނގުރާމަ ފެއްޓެވި ފަހުން, ރަޝިޔާގެ ދިފާޢީ ވުޒާރާގެ މަތިފަޑިއަށް އޭނާ މި ފަދަ ބޮޑެތި ބަދަލުތަކެއް ގެންނެވި ފުރަތަމަ ފަހަރެވެ.

މި ބަދަލުތަކާ ގުޅޭ ގޮތުން ރަޝިޔާގެ ރިޔާސީ ގަނޑުވަރު, ކްރެމްލިންގެ ތަރުޖަމާނު ދިމީތްރީ ޕިސްކޯފް ވިދާޅުވީ, 1980ގެ އަހަރުތަކުގެ ތެރޭގައި ކުރީގެ ރޫސީ ވިލާތަށް ކުރިމަތިވި ފަދަ ހާލަތްތަކެއް ރަޝިޔާއަށް ކުރިމަތިވަމުންދާ ކަމުގައެވެ. އަދި, ރަޝިޔާގެ އާމްދަނީގެ ބޮޑު އިންސައްތައެއް, އެ ޤައުމުގެ އަސްކަރިއްޔާއާއި ފުލުހުންނަށް ޚާއްޞަ ކުރަން ޖެހިފައިވާ ކަމުގައެވެ.

ރަޝިޔާގެ އައު ދިފާޢީ ވަޒީރު ކަމުގެ މަޤާމަށް ޕުޓިން ޢައްޔަން ކުރައްވާފައިވާ ބިލައޫސަފަކީ ވެސް ޕުޓިންގެ ވަރަށް އަރިސް ބޭފުކެވެ. މީގެ ކުރިން އޭނާ ވަނީ ރަޝިޔާގެ އިޤުތިޞާދީ ވަޒީރު ކަމުގެ މަޤާމު ވެސް ފުރުއްވާފައެވެ. އޭނާއަކީ, ރަޝިޔާއަކީ ބާރުގަދަ ދަޢުލަތެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ޕުޓިން ގެންގުޅުއްވާ ވިސްނުންފުޅަށް ތާޢީދު ކުރައްވާ ބޭފުޅެކެވެ. ބިލައޫސަފަކީ އަސްކަރީ ދާއިރާގެ ތަޖުރިބާކާރަކަށް ނުވި ނަމަވެސް, ރަޝިޔާގެ އަސްކަރީ ޑްރޯން ޕުރޮގުރާމު ތަރައްޤީކޮށް ފުޅާ ކުރުމުގައި އޭނާ އިސް ދައުރެއް އަދާކުރައްވާފައިވެއެވެ.