ޚަބަރު

"ޔަހޫދީންނަށް ޙަމާސްގެ މައްޗަށް ކާމިޔާބީއެއް ނުހޯދޭނެ"


ފަލަސްޠީނުގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޙަމާސް ޖަމާޢަތުގެ މައްޗަށް ކާމިޔާބީ ހޯދޭނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ގަބޫލު ނުކުރާ ކަން ބައިޑަންގެ ސަރުކާރުގެ އިސް އޮފިޝަލަކު ހާމަ ކުރައްވައިފިއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނައިބު ކަރޓް ކޭމްބްލް ވިދާޅުވީ, ޙަމާސްގެ މައްޗަށް ޔަހޫދީންނަށް ކާމިޔާބީ ހޯދޭ މަންޒަރު ފެންނަން ނެތް ކަމުގައެވެ.

އެމެރިކާގެ އިސް އޮފިޝަލަކު މިމޭރުމުން ވާހަކަފުޅު ދެއްކެވުމުން ހާމަ ވަނީ, ޙަމާސް ބަލިކުރުމުގެ ނަމުގައި ފަލަސްޠީނުގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި ގަތުލުއާންމުން, ޔަހޫދީން ބޭނުންވާ ނަތީޖާ ނުނެރެވޭނެ ކަމެވެ. ޣައްޒާގެ ވެރިކަމުން ޙަމާސް ދުރު ކުރުމަށް ފަހު, އެ ސަހަރުގެ ކުރިމަގު ބައްޓަން ކުރާނެ ގޮތެއް ރޭވުމަށް އެމެރިކާއިން ވަނީ ޔަހޫދީންގެ ކިބައިން އެދިފައެވެ.

"އެ މީހުން [ޔަހޫދީން] ކާމިޔާބީ މާނަކުރަނީ ކޮން ގޮތަކަށް ކަން އަޅުގަނޑުމެންނަށް ސާފެއް ނުވޭ. ޔަހޫދީންގެ ވެރިން ދައްކާ ވާހަކަ ކަނުލާ އަޑުއެހުމުން ހަމައެކަނި ސާފު ވަނީ ފުރިހަމަ ކާމިޔާބެއް ހޯދާނެ ކަމުގެ ޚިޔާލު އެ މީހުން ގެންގުޅޭ ކަން. އަޅުގަނޑުމެންނަށް [ބައިޑަންގެ ސަރުކާރަށް] ގަބޫލެއް ނުކުރެވޭ, ނުފެނޭ އެ ކަން ހާސިލުވާ މަންޒަރެއް. ފެންނަނީ ސެޕްޓެންބަރު 11އަށް ފަހު އެމެރިކާއަށް ވެސް ކުރިމަތިވި ފަދަ ހާލަތެއް،" ކޭމްބްލް ވިދާޅުވިއެވެ.

އޭނާ މާނަ ކުރައްވާފައި އެ ވަނީ, 2001ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 11ވަނަ ދުވަހު އެމެރިކާގެ ނިއު ޔޯކްގައި ހުންނަ ޓުވިން ޓަވަރަށް ދިން ޓެރެރިސްޓު ޙަމަލާއާ ގުޅިގެން އެމެރިކާ ސިފައިން އަފްޣާނިސްތާނާއި ޢިރާޤަށް ފޮނުވައި ހަނގުރާމަ ފެށުމާ އެކު, އެމެރިކާގެ ފައުޖުތަކާ ކުރިމަތިލާން ޖެހުނު ނުރައްކާތަކެވެ. އެމެރިކާއާ ދެކޮޅަށް ހަތިޔާރު އުފުލި ޖަމާޢަތްތަކާއި ހަނގުރާމަވެރިންގެ ޢަދަދު އިތުރުވި ކަމެވެ.

ކޭމްބްލް މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ, ޣައްޒާގައި ހިންގަމުންދާ ޢުދުވާން އެ ރަށުގެ އެންމެ ދެކުނުން އޮތް ރަފަޙަށް ފުޅާކުރުމާ ދެކޮޅަށް އެމެރިކާއިން ވަކާލާތު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ފަލަސްޠީނުގެ 1.4 މިލިޔަނެއްހާ ރެފިއުޖީން ތިބި އެ ރަށަށް ޢުދުވާން ފުޅާކޮށްފި ނަމަ, އެތަކެއް ސަތޭކަ ހާސް ބަޔެއްގެ ލޭއޮހޮރުވިގެން ދާނެ ކަމަށް އެމެރިކާއިން ވެސް ގަބޫލު ކުރެއެވެ.

ނަމަވެސް, ޔަހޫދީ ފައުޖުން ވަނީ ރަފަޙަށް ޢުދުވާންތައް ފުޅާކޮށް, ގަތުލުއާންމުތައް އިތުރު ކޮށްފައެވެ. ރަފަޙަށް ޔަހޫދީ ފައުޖުން އެންމެ ފުރަތަމަ ފޮނުވާފައި ވަނީ ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރެވެ. އަދި, ރަފަޙާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގު އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސް, ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ވެއްދުމުގެ ދޮރު ބަންދު ކުރިއެވެ.

އަދި, ރަފަޙުގެ އިރުމައްޗާއި ހުޅަނގު ވަކިކޮށްދޭ މައި މަގަށް ވެސް ޔަހޫދީ ފައުޖުން ވަނީ އަތްގަދަ ކޮށްފައެވެ. އެ ރަށް ހުސްކުރުމަށް އެންގުމަށް ފަހު, ޔަހޫދީ ފައުޖުން މިހާރު ދަނީ އަސްކަރީ މަތިންދާބޯޓާއި, ޓޭންކުފަހަރާއި އާޓިލަރީ ބަޑި ބޭނުން ކޮށްގެން އެ ރަށަށް ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ.

މީގެ ހަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 35,173އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 79,061އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.