ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން އެ ސަހަރުގެ އުތުރާއި ދެކުނަށް ދެމުންދާ ޙަމަލާތައް އިތުރުކޮށް, އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ބައި މިލިޔަނެއްހާ މީހުންނަށް އެހެން ސަރަޙައްދުތަކަށް ބަދަލުވާން މަޖުބޫރު ކޮށްފައިވާ ކަމުގައި އދއިން ހާމަކޮށްފިއެވެ. ޣައްޒާގެ އުތުރުގެ ރަށްތަކުގެ އިތުރުން މެދުތެރޭގައި އޮތް ނުޞަޔިރާތާއި ދެކުނުގައި އޮތް ރަފަޙަށް ދެމުންދާ ރަޙުމު ކުޑަ ޙަމަލާތައް ޔަހޫދީ ފައުޖުން ވަނީ އިތުރު ކޮށްފައެވެ.
ނުޞަޔިރާތު ރެފިއުޖީ ކޭމްޕަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޢާންމުން ދިރިއުޅޭ ގެތަކަށެވެ. މި ޙަމަލާތަކުގައި 14 މީހުން ޝަހީދު ކޮށްލާފައިވެއެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި 82 މީހުން ޝަހީދު ކޮށްލާފައިވެއެވެ. ޔަހޫދީ ފައުޖުން ވަނީ މިލިޔަނަކަށްވުރެ ގިނަ މީހުން މި ވަގުތު ތިބި ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙަށް އިތުރު ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރު ފޮނުވާފައެވެ.
ޣައްޒާގެ އުތުރުގެ ރަށްތައް ހުސްކުރުމަށް ވެސް ޔަހޫދީ ފައުޖުން ވަނީ އަންގާފައެވެ. އެ ސަރަޙައްދުގައި އޮންނަ ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް ޔަހޫދީ ފައުޖުގެ ސިފައިން ވަނީ އަސްކަރީ ޓޭންކުފަހަރާ އެކު އަރާފައެވެ. އަދި, ޔަހޫދީ ފައުޖުގެ ސިފައިން ވަނީ, ގެދޮރުނެތިފައިވާ މީހުން ދިރިއުޅޭ ވަގުތީ ހިޔާތައް ވަށައިލާފައެވެ. އެ ސަރަޙައްދު ދިފާޢު ކުރުމަށް ޣައްޒާގެ މުޖާހިދުންގެ ޖަމާޢަތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
ރަފަޙަށް އަރާފައިވާ ޔަހޫދީ ފައުޖުގެ ސިފައިންނާއި, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުންނާ ދެމެދު ދަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންނެވެ. ޙަމާސްގެ ހަތިޔާރުއެޅި ގޮފި, އަލް-ޤައްސާމް ބްރިޖޭޑްސުން ބުނީ, ޔަހޫދީ ފައުޖުގެ ގިނަ ޢަދަދެއްގެ ސިފައިންނާ އެކު ދަތުރު ކުރަމުން ދިޔަ އަސްކަރީ އުޅަނދަކަށް ޙަމަލާދީ ނައްތައިލާފައިވާނެ ކަމުގައެވެ.
އދއިން ބުނީ, ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޔަހޫދީ ފައުޖުގެ ޙަމަލާތައް އިތުރު ކުރުމާ އެކު ފަލަސްޠީނުގެ ބައި މިލިޔަނެއްހާ މީހުންގެ ގެދޮރު ނެތި, ރައްކާތެރި ކަމަށް ބެލެވޭ ހިސާބުތަކަށް ދަތުރު ކޮށްފައިވާ ކަމުގައެވެ. އދގެ ތަރުޖަމާނުގެ ނައިބު ފަރުޙާން ޙައްޤު ވިދާޅުވީ ޣައްޒާގެ އުތުރުގެ ރަށްތަކުން 100,000އަކަށް ވުރެ ގިނަ މީހުން ފައިބާފައިވާ ކަމުގައެވެ.
ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (ޔޫއެންއާރްޑަބްލިޔުއޭ)ން ބުނީ, ރަފަޙަށް ޔަހޫދީ ފައުޖުން އަރައި ހިންގަމުންދާ ގަތުލުއާންމުތަކާ ގުޅިގެން އެ ސަރަޙައްދުގައި ތިބި 1.5 މިލިޔަނަށް ވުރެ ގިނަ މީހުންގެ ތެރެއިން 450,000އެއްހާ މީހުން އެހެން ސަރަޙައްދުތަކަށް ދަތުރު ކޮށްފައިވާ ކަމުގައެވެ. ރަފަޙަށް އެއްގަމު މަގުން އަރައި ޢުދުވާން ފުޅާ ކުރުމާ ގުޅިގެން ޔަހޫދީންނަށް ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ނުރުހުމާއި ފާޑުކިޔުންތައް އަމާޒުވެފައެވެ.
އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ ރަފަޙުގައި ތިބި މިލިޔަނަކަށް ވުރެ ގިނަ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. "[ޣައްޒާގެ] ޢާންމު ރައްޔިތުންގެ ފުރާނައަށް އިޙުތިރާމު ކުރަން ޖެހޭނެ. އެ މީހުން ރައްކާތެރި ކޮށްދޭން ޖެހޭނެ. މި ވަގުތު ޣައްޒާގެ ރައްޔިތުންނަށް ރައްކާތެރި އެއްވެސް ތަނެއް ނެތް،" ގުތެރޭޝްގެ ތަރުޖަމާނު ސްޓެފަން ޑުޖަރީކް ވިދާޅުވިއެވެ. ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ވަގުތުން މެދުކަނޑައިލަން ވެސް ގުތެރޭޝް ވަނީ ގޮވައިލައްވާފައެވެ.
ރަފަޙަށް އެއްގަމު މަގުން އެރުމަށް ފަހު ޔަހޫދީ ފައުޖުން ވަނީ ރަފަޙާއި މިޞްރު ގުޅޭ ސަރަޙައްދީ ހުރަހަށް ވެސް އަތްގަދަ ކޮށްފައެވެ. އަދި, ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން ކުރަމުން ދިޔަ މަސައްކަތްތަކަށް ހުރަސް އަޅާފައެވެ.
މީގެ ހަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 35,173އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 79,061އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.