ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް ސުލްޙަވެރި ހައްލެއް ގެނައުމުގެ ގޮތުން ޗައިނާއިން ހުށަހަޅާފައިވާ ހުށަހެޅުމަށް ތާޢީދު ކުރައްވާ ކަމުގައި އެ ޤައުމުގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވިދާޅުވެއްޖެއެވެ. މި ހަފުތާގައި ޗައިނާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވީ, ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ހާލަތު ޗައިނާއަށް ވަރަށް ފުރިހަމައަށް ފަހުމުވާ ކަމުގައެވެ.
ސުލްޙަވުމަށް ޔޫކްރެއިނާ އެކު މަޝްވަރާކޮށް, ދެ އަހަރުވީ ހަނގުރާމައަށް ނިމުމެއް ގެނައުމަށް ތައްޔާރަށް ހުންނެވި ކަމުގައި ވެސް ޕުޓިން ވިދާޅުވިއެވެ. "މި ކަމަށް ޗައިނާއިން ކުރިމަތިލާފައިވާ ގޮތާ މެދު އަޅުގަނޑުމެންގެ އޮތީ ރަނގަޅު ވިސްނުމެއް. ބެއިޖިންގަށް މި މައްސަލަ ވަރަށް ސާފު. އަދި, މި ހަނގުރާމައިގެ އަޑީގައި އޮތް މައްސަލަ ފަހުމުވޭ،" ޕުޓިން ވިދާޅުވިއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް ސުލްޙަވެރި ހައްލެއް ގެނައުމާ ގުޅޭ ގޮތުން ޗައިނާގެ ރައީސް ޝީ ޖިންޕިންގ ހުށަހަޅުއްވާފައިވާ ހުށަހެޅުންތަކުގައި, ހަނގުރާމައިގެ ފަހަތުގައި ފޮރުވިފައިވާ ބޮޑު މައްސަލައަށް ހައްލެއް ހޯދުމަށް އިސްކަން ދެއްވާފައިވާ ކަމުގައި ވެސް ޕުޓިން ވިދާޅުވިއެވެ. އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ ހުޅަނގުގެ ހަންފެތުރުމަށެވެ. ޗައިނާގެ ހުށަހެޅުމާ ގުޅޭ ގޮތުން ދާދި ފަހުން ޝީ ވަނީ ޖަރުމަނުވިލާތުގެ ޗާންސެލަރ އޯލާފް ޝޮލްޓްޒާ ވެސް މަޝްވަރާ ކުރައްވާފައެވެ.
2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް ފޮނުވައިގެން ފެށި ހަނގުރާމައަށް ސުލްޙަވެރި ހައްލެއް ހޯދުމަށް ޝީ އެކުލަވައިލެއްވި 12 މާއްދާގެ މައްޗަށް އެކުލެވޭ ހުށަހެޅުން އެ ޤައުމުން ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން ރަޝިޔާއާއި ޔޫކްރެއިންގެ ސަރުކާރާ ހިއްސާ ކޮށްފައެވެ. އެެއިރު ދެ ޤައުމުން ވެސް ޝީގެ ހުށަހެޅުންތަކަށް ސަމާލުކަމެއް ދީފައެއް ނުވެއެވެ.
ނަމަވެސް, އެމެރިކާއިން ވަނީ ޝީގެ ހުށަހެޅުމަށް ފާޑު ކިޔާފައެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގައި ޗައިނާއިން ތަދައްޚުލުވުމުން އެމެރިކާއަށް އެ ކަން ހަޖަމެއް ނުވިއެވެ. އަދި, އެމެރިކާއިން ބުނެފައި ވަނީ, ޝީގެ ހުށަހެޅުންތަކަކީ ރަޝިޔާއަށް ފައިދާވާ ގޮތަށް ހުށަހަޅާފައިވާ ހުށަހެޅުންތަކެއް ކަމުގައެވެ.
ރަޝިޔާއިން ގަބޫލު ކުރާ ގޮތުގައި, އެ ޤައުމުން ޔޫކްރެއިނަށް ސިފައިން ފޮނުވައިގެން ހަނގުރާމަ ފަށަން މަޖުބޫރުވީ ނޭޓޯގެ ޤައުމުތަކުގެ ނުރައްކަލުގެ ސަބަބުން ކަމުގައެވެ. ނޭޓޯއިން އެ އިއްތިހާދުގެ ބާރާއި ނުފޫޒު އިރުމައްޗަށް ފުޅާ ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ރަޝިޔާއިން ތުހުމަތު ކުރެއެވެ. އަދި, ރަޝިޔާއިން ދެކޭ ގޮތުގައި މިއީ, އެ ޤައުމުގެ މިނިވަންކަމާ ސިޔާދަތަށް އޮތް ނުރައްކަލެކެވެ.
އެ ކަމަށް ބާރުދޭ އެއް ހެއްކަކީ, ރަޝިޔާގެ އިސްތިޢުމާރީ ސިފައިންނާ ދެކޮޅަށް ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމެރިކާއާއި ހުޅަނގުން އެ ޤައުމަށް ހަތިޔާރު ފޯރުކޮށްދިނުމެވެ. އެމެރިކާއިން ދާދިފަހުން ވަނީ 61 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ޔޫކްރެއިނަށް ފޯރުކޮށްދޭން ފާސްކޮށްފައެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުމާ އެކު ރަޝިޔާއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިޔަ މަންޒަރު ފެނުނެވެ. އަދި, ދެ ޤައުމުން ވަނީ, އެއްވެސް ހައްދެއް ނެތް ގުޅުމެއް ދެ ޤައުމުގެ ދެމެދުގައި ގާއިމު ކޮށްފައިވާ ކަން އިޢުލާނު ކޮށްފައެވެ. ނަމަވެސް, ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޗައިނާއިން ރަޝިޔާއަށް ހަތިޔާރު ވިއްކާފައެއް ނުވެއެވެ.
މި ހަނގުރާމައަށް ނިމުމެއް ގެނައުމާ ގުޅޭ ގޮތުން ޖޫން މަހު ސްވިޓްޒަލެންޑުގައި ސުލްޙައިގެ މިސަޓެއް ބާއްވަން އެ ޤައުމުން ވަނީ ނިންމާފައެވެ. ނަމަވެސް, ރަޝިޔާއަށް އެ ބައްދަލުވުމުގެ ދަޢުވަތު ފޮނުވާފައެއް ނުވެއެވެ. އަދި, ރަޝިޔާއިން ވެސް ވަނީ އެއީ ބޭކާރު ސަމިޓަކަށް ވާނެ ކަމުގައި ބުނެފައެވެ. ނަމަވެެސް, ޗައިނާއިން އެ ސަމިޓުގައި ބައިވެރިވާނެ ކަމަށް ބެލެވެއެވެ.